ކުޅިވަރު

ކޯޗިން ކެރިއާގެ ޅަފަތުގައި ނިޝްތާރަށް ތަފާތު ތަޖުރިބާއެއް

އއ. މާޅޮސްގެ ކޯޗްކަން އޭނާއާ ހަވާލު ކުރީ، އޭގެ ކުރިން ސީނިއާ ދެ ކޯޗަކަށް ހުށަހެޅުމުން އެ ދެކޯޗުން އެކަމަށް ނޫނޭކޭ ބުނުމުން ނެވެ. ހެޑް ކޯޗެއްގެ ގޮތުގައި އަލީ ނިޝާތާރު މުހައްމަދު މީގެ ކުރިން ޓީމެއް ގޮވައިގެން ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައަށް ނިކުމެފައި ނެތް ކަން، މާޅޮސްގެ ޓީމުގެ ސީނިއާ އޮފިޝަލުންނަށް ވެސް، އެނގެ އެވެ.

މިއީ ދިވެހި ޕްރިމިއާ ލީގްގައި މާލޮސްއަށް އިރުޝާދު ދެމުންގެންދާ ނިޝްތާރަށް މާޅޮސްގެ ކޯޗްކަމާ ހަވާލުވާން ޖެހުނު ގޮތެވެ.

"ހެޑް ކޯޗެއްގެ ގޮތުގައި ޒިންމާ ނަގައިގެން ރާއްޖޭގެ އެންމެ ޓޮޕް ލީގްގައި ނިކުންނަށް ޖެހުނީމަ ފުރަތަމަ ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް މަސައްކަތް ކުރަމުންދާ ވަރަށް އިތުރަށް ކަންކަން އެނގެމުން އިތުބާރުވެސް ލިބެމުން ދިޔައީ." ހެޑް ކޯޗް ކަމުގެ ފުރަތަމަ ތަޖުރިބާ ހިއްސާ ކުރަމުން ނިޝްތާރު ބުނީ މިހެންނެވެ.

ކުޅުންތެރިޔެއްގެ ކެރިއާގައި ނިޝްތާރު ފުރަތަމަ ޑިވިޝަންގައި ހޭދަ ކުރީ ކުޑަ ދުވަސް ކޮޅެކެވެ. ކުލަބު އީގަލްސް ފިޔަވައި ފުރަތަމަ ޑިވިޝަންގެ އެހެން ޓީމަކަށް އޭނާ ކުޅެފައެއް ނުވެ އެވެ. ދެ ވަނަ ޑިވިޝަންގައި ކުލަބު ޕީކޭ އަށް ކުޅުނެވެ. އެއަށް ފަހު މެލޭޝިއާއަށް ކިޔަވަން ގޮސް ކޮލެޖު ޓީމަށް ބޯޅަ ކުޅުނެވެ. ކޯޗެއްގެ ގޮތުގައި ނިޝްތާރު ފުރަތަމަ ނިކުތީ، ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު މޮޅު ކޯޗެއް ކަމަށްވާ ހީނާ އަހްމަދު ސަލީމް (ބޮޑު ހިނާ) ގެ އާލީ ޓަޗް ފުޓްބޯޅަ އެކެޑެމީން ނެވެ. އެ އެކެޑެމީގައި އޭނާ މަސައްކަތް ކުރީ، ހަމްދުﷲ ފެނާންޑޯގެ ދަށުން ނެވެ.

ބޮޑު ހީނާގެ އެކެޑެމީގައި މަސައްކަތް ކުރާން ފެށި ހިސާބުން ކޯޗެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ރޫހް ނިޝްތާރުގެ ކިބައިގައި އުފެދުނެވެ. އެ އެކެޑެމީގައި އުޅުމަށް ފަހު، ސީ ލައިސެންސް ކޯޗިން ކޯސް ހެދި އެވެ.

"ސީ ލައިސެންސް ނިންމި ތަނުން އީގަލްސްއިން މުފާ [މުފާވިޒް ހާޝިމް] ބުނީ އީގަލްސްއަށް ނިކުންނާށޭ އީގަލްސްގައި [އިހްސާން އަބްދުލް ގަނީ] ސާންތީގެ އެސިސްޓޭންޓެންގެ ގޮތުގައި ހަތަރު އަހަރު މަސއްކަތް ކުރިން އެ މުއްދަތުގައި 13 އަހަރުން ދަށުގެ ގައުމީ ޓީމުގައި އެސިސްޓެންޓެއްގެ ގޮތުގައި މުބާރާތަކަށް ދިއުމުގެ ފުރުސަތު ލިބުނު،" އޭނާ ކޯޗިންގެ ފުރަތަމަ ފިޔަވަޅުގެ މަރުހަލާތައް ނިޝާތާރު ހިއްސާ ކުރި އެވެ. "އީގަލްސްގައި ހުއްޓައި، ޝާޒް [ޝާޒްލީ މުހައްމަދު] ރިކްއެސްޓް ކުރީ ބީޖީ އަށް އަންނަން އެއީ މިދިޔަ އަހަރު ބީޖީގައި މަސައްކަތް ކުރީ."

ސާންތީގެ ދަށުން މަސައްކަތް ކުރުމަކީ ނިޝްތާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ބީޖީގައި ހުރުމަށްފަހު، މިއަހަރު ވިކްޓަރީއަށް ބަދަލުވެ ވިކްޓަރީގައި ނިޝަތާރަށް ކުރެވުނީ މާ ފޮނި ތަޖުރިބާއެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ނަމެއްގައި ހުރެގެން އެ ކުލަބަށް ކާމިޔާބު ހޯދައިދިނުމަށް ނިޝާތާރު ކުރި އުންމީދު ފުރަތަމަ ވީ ހިތި ތަޖުރިބާ އަކަށެވެ. އޭރު ވިކްޓަރީގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ހެޑް ކޯޗް ޝާޒްއަށް ފަހު، ނިޝްތާރު ވެސް އެ ކުލަބުން ވަކިވީ، ކުލަބުގެ މެނޭޖްމެންޓް އޮފިޝަލުންނަށް މީޑިއާގައި ބުނެވުނު ވާހަކަ އަކުން ނެވެ.

"ވިކްޓަރީ މެނޭޖްމެންޓް އޮފިޝަލެއް މީޑިއާގައި އެދުވަސް ވަރު ބުނެފައި އޮތް ޝާޒް ކޯޗްގެ ޓްރެއިނިންތަކާ މެދު އެސިސްޓެންޓް ކޯޗުން ވެސް ހިތްހަމަ ނުޖެހެޔޭ، އެ ދެއްކި ވާހަކައާ މެދު އަޅުގަނޑު އެއްބަހެއް ނުވަން، ޝާޒް އަށް އަށްފަހު ވިކްޓަރީގެ އެންމެ އިސް ކޯޗަކަށް ހުރީ އަޅުގަނޑު ސީނިއާ އެސިސްޓެންޓް ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑު އެއްވެސް ތަނެއްގައި ފާހަގަ ކޮށްފައެއް ނުވާނެ ހެޑް ކޯޗްގެ ޓްރެިނިންއާ ބެހޭގޮތުން އެއްވެސް ކަމެއް،" ނިޝްތާރު ބުންޏެވެ. "އޭރު ސުޒޭން ކޯޗް ވިކްޓަރީއާ ހަވާލު ވެއްޖެ އަޅުގަނޑު ބުނިން ސުޒޭން ކޯޗް ގާތު ޓީމުގެ ސީނިއާ މީހަކު މިހެން ބުނެފައި އެބައޮތޭ ކޯޗް ބުނި އެހެން ބުނެފައި އޮތަސް ތިމަންނަ ބޭނުމޭ ނިޝްތާރު މަޑު ކުރަން ނަމަވެސް ޓީމުގެ ސީނިއާ އޮފިޝަލަކު އަޅުގަނޑުވެސް ހިމެނޭ ގޮތަށް އެގޮތަށް ވާހަކަ ދައްކާފަ އޮތީމަ އަޅުގަނޑު ބޭނުން ނުވީ ވިކްޓަރީގައި ހުންނަން އަޅުގަނޑު މަޑު ކޮށްފި ނަމަ އޭގެ މަނައަކީ އެ ދެއްކި ވާހަކައަށް އަޅުގަނޑުވެސް ތާއީދު ކޮށްގެނޭ ހުރީ."

އޭނާ ބުނީ ވިކްޓަރީ ދޫކޮށް ދިޔަ ނަމަވެސް، ސުޒޭންއާ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ. "މިހާރުވެސް ގުޅުން އޮންނާނެ މިހާރުވެސް އަޅުގަނޑަށް ނޭނގޭ އެއްޗިހި ސުޒޭން ކޯޗް ގާތުން އޮޅުން ފިލުވަން."

އަނެއްކާވެސް މާޅޮސް ޓީމުގެ ވާހަކަ އެވެ. އެ ޓީމުގެ ކޯޗަކަށް ނިޝްތާރު ހަމަޖެއްސީ، އޭނާގެ ކުރިން އެ ޓީމުން ހުށަހެޅި ސީނިއާ ދެ ކޯޗުންގެ ތެރެއިން ކޯޗެއްގެ ލަފާގެ މަތިން ނެވެ. އެއީ 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗް ޝާޒް އެވެ. ޝާޒް އަކީ ނިޝްތާރުގެ ކޯޗިން ކެރިއާގައި މުހިންމު ނަމެކެވެ. އޭނާގެ ކޯޗެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަސއްކަތް ކުރީ ޝާޒްގެ ދަށުންނެވެ. ކޯޗެއްގެ ގޮތުގައި އިތުރަށް އެނގުނު ގިނަ އެއްޗިހިވެސް ދަސްވީ ޝާޒްގެ ފަރާތުންނެވެ.

"ޝާޒް ކޯޗް އެއީ އަޅުގަނޑުގެ ކެރިއާގައި ވަރަށް މުހިންމު ކޯޗެއް ޝާޒް ކޯޗުގެ ފަރާތުން ގިނަ އެއްޗިހި ތަކެއް ދަސްވި،" ބީޖީ އާއި ވިކްޓަރީގައި ޝަޒްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ނިޝްތަރު ބުންޏެވެ. "މާޅޮސްގެ ކޯޗްކަން އަޅުގަނޑަށް ހުށަހެޅީމަ ވެސް ޝާޒް ކޯޗް އެޑްވައިސް ކުރީ ޓީމާ ހަވާލުވާން."

މާޅޮސްއާއެކު އޭނާ ދަނީ ކޮންމެ ދުވަހަކު އާ ކަން ކަމެއް ދަސް ކުރަމުން ނެވެ. ފުޓްބޯޅައިގެ ތަޖުރިބާ މަދު ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން އެ ކުޅުންތެރިންނަށް އޭނާގެ ތަޖުރިބާވެސް ހިއްސާކުރަމުން ނެވެ.

"ރަނގަޅު ކޯޗިންނާ އެކު ގޮސްފިނަމަ ކުރިމަގުގައި ގައުމީ ޓީމަށްވެސް އަރާނެ ކުޅުންތެރިން މި ޓީމުގައި އެބަތިބި އަދި ވަރަށް އަވަހަށް ކުރި އެރުން ހޯދަމުން އަންނަ ކުޅުންތެރިންތަކެއް މިއީ." އެގޮތުން މާޅޮސް ޓީމުގެ ކީޕަރު އިބްރާހިމް ޒަމީރު ނިޝްތާރު ފާހަގަ ކުރި އެވެ. ޒަމީރު ވަނީ، ލީގްގައި މިހާތަނަށް ދެ ޕެނަލްޓީ ވެސް ސޭވް ކޮށްފަ އެވެ.