ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި މެޗު 0-1 ގެ ނަތީގާއަކުން ޓީސީ ކާމިޔާބުކޮށްފިއެވެ. މެޗުގެ ހަމައެކަނި ގޯލް ފެނިގެންދިޔައީ މެޗުގެ ދެވަނަ މިނިޓުގައެވެ. މިއީ މާޒިޔާގެ ބިދޭސީ ޑިފެންޑަރު ކޯސެވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. މާޒިޔާގެ ކީޕަރު މަހްމޫދް އަދި ޓީސީގެ ކީޕަރު ކިރަންއަށް ނުރައްކާ ވާވަރުގެ ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ދެޓީމުގެ ފަރާތުންވެސް ފުރަތަމަ ހާފްގައި ފެނިގެންދިޔައީ ވަރަށް ލަސް ކުޅުމެކެވެ.
ފުރަތަމަ ހާފްގައި މާޒިޔާގެ ފަރާތުން ވަރަށް ގިނަ ފަހަރު މިސްޕާސްތަކެއް ފެނިގެންދިޔައެވެ. ފޯވާޑް އަންދްރޭ ކެރިޗްއަށް ލިބިގެންދިޔައީ މަދު ބޯޅައެކެވެ. މާޒިޔާގެ މެދުތެރެއިން އަޑުބަރޭ އަދި ކެޕްޓަން އަސައްކޮށް ނެތްތަން ވަރަށް ބޮޑަށް އެޓީމަށް ދެއްކިއެވެ.
ޓީސީއަށް ކައުންޓާ އެޓޭކުގައި ދެ ފުރުސަތެއްވަރު ލިބިގެންދިޔައިރު މިދެފުރުސަތުގައިވެސް ސްޓްވާޓް ކޮނަލިއަސްއަށް ގޯލަށް ނުރައްކާކޮށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ކައުންޓާ އެޓޭކުގައި ނުރައްކާކޮށް ފެނިގެންދާ ޓީސީ ގެ ފަރާތުންވެސް ފުރަތަމަ ހާފްގައި ފެނިގެންދިޔައީ ލަސް ކުޅުމެކެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ނަތީޖާ ފުޅާކޮށްލުމަށް ޓީސީއަށް ރަނަގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. މެދުތެރެއިން ޓީސީގެ އިބްރާހިމް ވަހީދް ކުޅުނު ބޯޅަ ހުސްކޮށް އަރިމަތީގައި ހުރި ފޭދޫ އެއްބެއަށް ލިބުނެވެ. އޭނާ މާޒިޔާގެ ޑިފެންޑަރު ސަމޫހު ކާރިން ކަޓުވާލުމށްފަހު ފަހަތަށް ކަނޑާލި ބޯޅަ ލިބުނީ މުޅިން ހުސްކޮށްހުރު މިސްރުގެ ވިންގަރު ހަލީލްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑި މަތިން ބޭރަށެވެ.
މާޒިޔާގެ އެންމެ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗުގެ 90 ވަނަ މިނިޓުގައެވެ. އަރިމަތިން ތިރިތިރިން ޓީސީގެ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ އުމެއިރު ފުއްނާބުން ޖައްސާލިނަމަވެސް ކީޕަރި ކިރަން ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.
91 އެއްވަނަ މިނިޓުގައިވެސް މާޒިޔާއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވުއެވެ. އަރިމަތިން ފޮނުވާލި ހިލޭޖެހުން ޓިސީގެ ކީޕަރު ކިރަން ނިކުމެ ޕަންޗުކުރިނަމަވެސް އެބޯޅަ ލިބުނީ މާޒިޔާގެ ފޯވާޑް ކެރިޗްއަށެވެ. އެރިއާތެރޭގައި ހުސްކޮށް ހުރެފައި ފުނުވާލި ބޯޅަ ދިޔައީ ދަނޑި މަތިން ބޭރަށެވެ.
މިމެޗުގައި ރެފްރީކަންކޮށްފައިވަނީ އިންޑިއާގެ ރެފްރީއެކެވެ. ލީގުގައި މިހާތަނަށް ކުޅުނު ގިނަ މެޗުތަކެކޭ އެއްފަދައިން މިމެޗުގެ ރެފްރީގެ ނިންމުންތަކަށް ވެސް ޓީސީ އާއި މާޒިޔާއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. ހާއްސަކޮށް މާޒިޔާގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
މިމޮޅާއެކު ޓީސީ 13 ޕޮއިންޓާއެކި ލީގުގެ ދެވަނައަށް ޖެހިލާފައިވާއިރު މާޒިޔާ އެއްވަނަ މަގާމުގައި އޮތިީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އެއްމެޗު މަދުން ކުޅެގެން 12 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ. އަދި ހަތަރުވަނަ މަގާމުގައި 9 ޕޮއިންޓާއެކު އޮތީ ގްރީން ސްޓްރީޓްއެވެ.