ބޮލީވުޑް

ސަންޖޭ އެއް ފަހަރާ ތިން ބަތަލާއިންނާ ހިތާވެގެން އުޅުނު

Sep 17, 2017

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ކޮންޓްރޮވާޝަލް ތަރި އަކަށް ވާނީ ސަންޖޭ ދަތެވެ. އޭނާގެ ކާމިޔާބު ދިގު ފިލްމީ ކެރިއަރަށް ވުރެން ޒާތީ ދިރިއުޅުމުގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރާލެއް ގިނަ އެވެ. އަށް ޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި ސަންޖޭގެ ވިދުން އެންމެ ގަދަވެގެން އައިއިރު މަސްތުވާ ތަކެތީގެ ވަބާގައި ޖެހި އޭނާގެ ކެރިއަރު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިިޔަ އެވެ. އެތަކެއް ބަތަލާއިންނާ ސަންޖޭ ވަނީ ލޯބީގެ ގޮތުން ގުޅިގެން ވެސް އުޅެފަ އެވެ

އަދި އޭގެ އިތުރަށް އަމިއްލަ ނަފްސު ހިމާޔަށް ކުރަން 1991 ވަނަ އަހަރު މަނާ ހަތިޔާރެއް އަތުގައި ބާއްވައިގެން ކުށް ސާބިތު އެކަމުން އޭނާ ސަލާމަތްވީ މިދިޔަ އަހަރުުގެ ފެބްރުއަރީ މަހު އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "ބޫމީ" އާއެކު ޖަލުން މިނިވަންވެ ސަންޖޭ އަލުން ފިލްމު ކުޅެން ފަށާފައިވާއިރު، އޭނާ އަށް އަންނަނީ ގިނަ ފިލްމުތަކަކުން ފުރުސަތު ލިބެމުންނެވެ.

އާ ފިލްމު ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ސަންޖޭ އަންނަނީ އެހެނިހެން އިވެންޓްތަކުގައި ވެސް ބައިވެރިވެ އޭނާގެ ދިރިއުޅުމުގެ މާޒީގެ ގިނަ ވާހަކަތައް ހިއްސާކުރަމުންނެވެ.

އެގޮތުން ދިއްލީގައި ކުރިއަށްދާ އިންޑިއާ ޓުޑޭ މައިންޑް ރޮކްސް 2017 ގެ ޒުވާނުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސެޝަން، ލިވިން އޮން ދަ އޭޖް ގައި ބައިވެރިވެ ވަނީ ފުރާވަރުގެ އުމުރުގެ ބައެއް އާ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައެއް ބަތަލާއިންގެ ވާހަކަތައް ހިއްސާކުރަމުން އޭނާ ވަނީ އެއް ފަހަރާ ތިން ބަތަލާއިންނަކާ ލޯބީގެ ގޮތުން ގުޅުމެއް އޮތް ކަމަށް ބުނެފަ އެވެ.

ފިލްމީ ކެރިއަރުގެ ކުރީކޮޅުގައި ގިނަ ބަތަލާއިންނާ އޭނާ އާ ގާތް ގުޅުމެއް އޮތް ކަމަޑް ބުނަމުން ސަންޖޭ ވަނީ ގިނަ ބަތަލާއިން ތަކަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ވެސް ބުނެފަ އެވެ.

މީގެތެރެއިން ވެސް އެންމެ ހައިރާންވާން ޖެހޭ ވާހަކަ އަކަށް އޭނާ ދެއްކި ވާހަކަ އަކީ އެއް ފަހަރާ ތިން ބަތަލާ އަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނި ވާހަކަ އެވެ.

"އެއް ފަހަރާ ތިން ބަތަލާއިންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނިން. އެއީ ވަރަށް ބޯ ބަހައްޓައިގެން ނޫނީ ނުކުރެވޭނެ ކަމެއް. އެއްވެސް ލޯބިވެރިޔަކަށް އެނގިގެން ނުވާނެ އެހެން ތަރި އަކާ ގުޅުމެއް އޮންނަ ކަމެއް،"

ނުވަ ދިހައިގެ އަހަރުތަކުގައި މަޝްހޫރު ގިނަ ބަތަލާއިން ތަކަކާ ސަންޖޭ ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އޭގެތެރެއިން އެންމެ ގަދަޔަށް ދެކެވިފައިވަނީ ސަންޖޭ އާއި ބަތަލާ މާދުރީ ޑިކްޝިޓް އާއި ރޭކާ ލޯބީގެ ވާހަކަ އެވެ. މާދުރީ އާއި ސަންޖޭގެ ލޯބީގެ ގުޅުމުގެ ސިއްކަ ޖެހުނީ މާދުރީގެ އާއިލާއިން އެ ގުޅުމާ ގަބޫލުނުވުމުންނެވެ.

އަދި ސަންޖޭ އާއި ރޭކާގެ ލޯބީގެ ގުޅުން ފައްކާވަމުން ގޮސް މި ދެތަރިން ކައިވެނިކުރި ވާހަކަ އަކީ ވެސް ވަރަށް ގަދަޔަށް މިހާރު ވެސް ދެކެވެމުން އަންނަ ވާހަކަ އެކެވެ. ރޭކާ މިހާރު ވެސް ޖަހާ ސިންދޫރަކީ އޭނާ އާއި ސަންޖޭގެ ކައިވެނީގެ ނިޝާން ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.

ބޮލީވުޑްގެ ތަރިއެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ފިލްމަކީ ސަންޖޭގެ ހަޔާތަށް އުފައްދާ ފިލްމެެވެ. ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ސަންޖޭގެ ރޯލުން ފެނިގެންދާ މި ފިލްމުގައި އޭނާ އާއި ބަތަލާއިންނާ މެދު އޮތް ލޯބީގެ ގުޅުންތައް ފެނިގެންދާނެ އެވެ. ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި ޓީވީ ތަރި ކަރިޝްމާ ތަންނާ ވަނީ ބަތަލާއިންގެ ރޯލު މި ފިލްމުގައި ކުޅެފަ އެވެ.