ވާހަކަ

މިންނުގެ ޑައިރީ

(14 ސެޕްޓެމްބަރ 2017 އާ ގުޅޭ)
މަންމަގެ ލޯތްބަކީ އަހަންނަށް ހޯދަން އެހާ ފަސޭހަވި އެއްޗެއް ނޫނެވެ. އެކަމަކު ޢާއިލާގައި އަހަންނަށް އަޅާލާނެ މީހަކުވިޔެވެ. އެއީ ދައްތަ ސުހާއެވެ. ސުހައްތައެވެ. ނަމަވެސް އެންމެ ދޮށީ ދައްތަ ހައިފާއަކީ ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ. އަހަރެންދެކެ ހަފިއްތަ އަލިފާންކަހަލަ ރުޅި އަންނަނީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. ހާއްޞަކޮށް އަހަރެންގެ ދެލޯދެކެ އޭނަ ވަރަށް ލޯބިވާނެއެވެ. އަހަރެންގެ ލޮލުގެ ކަޅި އެހެންމީހުނާ ޚިލާފަށް ނޫކުލައިގައި ހުންނާތި ކަމަށް ވެދާނެއެވެ.

ލޮލުގެ ކަޅީގެ ކުލަ ޢާއިލާގެ އެހެން ކުދީންނާ ތަފާތުވީ ސަބަބެއް ވެސް އަހަންނަކަށް ނޭނގެއެވެ. އުމުރުން ހަގު އިރު ނިކަން ގިނައިން ލޯގަނޑުން ދެ ލޯ ބަލަމެވެ. މަންމައަކީ އަހަރެންގެ ވާހަކައަކަށް އިޖާބަދޭނޭ މީހެއްނޫނެވެ. އަހަރެންގެ އަޑު އަހާލަން ތައްޔާރަށް ހުންނަ މީހަކީ ސުހައްތައެވެ. އެހެންވެ ކޮންމެ ސުވާލަކާއެކު ދުވެފައި ދެވެނީ ސުހައްތަގެ ގާތަށެވެ. ސުހައްތަ އަތުގައި ވެސް އަހަރެންގެ ލޮލާ ގުޅިގެން ދޭނޭ ޖަވާބެއް ނެތެވެ. އެއްވެސް ޖަވާބެއް ނެތުމުން ބުނެލާނީ "އެއީ ﷲގެ ކުޅަދުންވަންތަ ކަމެވެ." އެ ހިސާބުން އަހަރެންގެ ސުވާލު ވެސް ހުއްޓެއެވެ.

ކުޑަކުޑަ ޢާއިލާއެއްގެ ތެރޭގައި ބޮޑުވަމުން އައިއިރު އަހަންނަކީ ފެންނަހާ މީހަކާ ވާހަކަދައްކާ މީހެއްނޫނެވެ. ގެއަށް މީހަކު އަޔަސް އަހަރެން ބަލަނީ އެތަނަކުން އަވަހަށް ދެވޭތޯއެވެ. އަހަރެންގެ މި ސިފަތަކާއެކު ގާތް ރަހުމަތްތެރިން އަހަރެން ސިފަކުރަނީ ބަސްމަދު، ބަސްއަހާ ކުއްޖެއްގެ ގޮތުގައެވެ. ރައްޓެހިންނަކީ ކޮބައިކަން އެނގުނީ ސުކޫލަށް ދާންފެށި ހިސާބުންނެވެ. ބޮޑުވަމުން އައިއިރު އެއްދުވަހު ކައިފިއްޔާ އަނެއްދުވަހު ނުކައި ހުންނަން ޖެހުނު ދުވަސްތައް ވެސް މާޒީވެ ހިނގައްޖެއެވެ. ލާނެ ބައިވެރު ހެދުންތަކެއް އޭރަކު ނުހުރެއެވެ. ސްކޫލަށް ބޭނުންވާ އެއްޗެހި ހޯދުމަކީ އަދި އެންމެ އުނދަގޫ ކަންތަކެވެ. މަންމައަށް ކުދިންނާއެކު ހޭދަކޮއްލާނެ ވަގުތެއް ނުލިބެއެވެ. އިރުއޮއްސިއްޖެއްޔާ މަންމަގެ ޚަބަރެއް ނުވާނެއެވެ. ދަނީ ކޮންތާކަށްކަމެއް، ކުރަނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އޭރު ވެސް ނަސީބެކޭ ހިތަށް އަރާއެއްކަމެއް އޮވެއެވެ. އަހަރެންގެ ލޮބުވެތި ބައްޕަ ހުރިހާ ކުދިންނަށް ދެއްވި ހަދިޔާއެވެ. އެއީ މިހާރު ވެސް އަހަރެން އުޅެމުން މިދާ ގެއެވެ. ބައްޕަވަނީ، ބައްޕަނެތް ދުވަހަކުން ބައްޕަގެ ހުރިހާ ކުދިންނަށް މިގެ ލިބޭގޮތަށް ފަތްލިޔުއްވާފައެވެ. އެހާ ކުރިން މިފަދަ ކަމެއް ނިންމުމުގައި ކޮންމެވެސް ފޮރުވިފައިވާ ސިއްރެއް އޮންނާނެއެވެ. ކުރިންވެސް ބައްޕައަށް އެނގެނީ ކަންނޭނގެއެވެ. ބައްޕަނެތް ދުވަހަކުން އަހަރުމެން ކުދީން ބިކަވާނެކަމެވެ. އަޅާލާނެ މީހެއް ނުވާނެކަމެވެ. އެފަދަ ހާލަތެއްގައި ވެސް މާލޭއިން ލިބިފައި އޮތް ބިންކޮޅުގައި އެޅިފައި ހުރި ގޭގެ ސަބަބުން ހިޔާވަހިކަން ނުގެއްލި އޮންނާނެތާއެވެ.

އަހަރެންގެ އުމުރުން ފަނަރަ އަހަރު ފުރުނުއިރު މަންމަ ގެއަށް ދޮންބައްޕައެއް ގެނެސްފިއެވެ. މަންމައާ ބަލާފައި އުމުރުން ދުވަސްވެފައި ހުރި މީހެކެވެ. އަހަރެން ހިތަށްއެރި، މަންމައަށް އޭނަ ކަމުދިޔައީ ކިހިނެއްބާއޭ، އެކަމަކު އޭރު އުމުރުން ޅަވީމާ ވިސްނާނުލެވުނު ތަންކޮޅެއް އޮތެވެ. ދޮންބައްޕަވީ އަތުގައި ފައިސާ ހުރި މީހަކަށެވެ. ނަސީބަކުން އޭނާއަކީ ދުވަހަކުވެސް މީހަކާ ނުއިދެ ހުރި މީހެކެވެ. ދުވަސްތައް މާޒީވަމުންދިޔަ ވަރަކަށް އޭނާ މަންމަދެކެ ލޯބިވާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެ ތަނަވަސް ކަމުގެ ފައިދާ ކުރީ ހަމަ މަންމައަށް އެކަންޏެވެ. ދޮންބައްޕަވީ ކަންކަމާ އެހާ އަޅާނުލާކަހަލަ މީހަކަށެވެ. މަންމަ އަމިއްލަ ދަރިންނާއިގެން ނޫޅޭ ވަރަކަށް ދޮންބައްޕައެއް އަދިއަމުދުން ނޫޅޭނެތާއެވެ. އަހަރުމެންގެ ހާލަކީ ކޮބައިކަން ވެސް ގިނަ ފަހަރަށް މަންމައަށް ނުފެންނާނެއެވެ. ސުހައްތައަކީ ދޮށީ ދަރިފުޅަށްވާތީ ގޭގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭ މީހަކީ އެއީ ކަހަލައެވެ. ކިރިޔާ ވެސް މަންމަގެ ރުހުން ލިބޭ މީހަކީ ހަފިއްތައެވެ. އޭނާގެ ހުންނަނީ ވެސް މަންމަގެ ހުންނަ ފަދަ މިޒާޖެކެވެ.

އުޅެންޖެހުނީ ކިތަންމެ ހާލުގަވިޔަސް އޯލެވެލް ފެންވަރަށް އަހަރެން ކިޔެވީމެވެ. ރަނގަޅު ނަތީޖާއެއް ލިބުނު ކަމުގައިވިޔަސް އަތްމަތި ދަތިވެފައި، އަމިއްލަ ޚަރަދުތައް ބެލެހެއްޓޭނޭ އެއްވެސް ގޮތެއް ނެތުމުން، އިތުރަށް ކިޔެވުމުގެ ޚިޔާލު ދޫކޮށްލީއެވެ. އަދި ނަތީޖާ ލިބެންދެން ވެސް މަޑެއް ނުކުރަމެވެ. އެކިގޮތްގޮތުން އޮޅުން ފިލުވައިގެން ހުސްވަޒީފާއެއް އޮތްތަނަކަށް ވެއްޖެޔާ ސިޓީލީމެވެ. ނަސީބު އަތުގާ ހިފީ ހަވަނަ ސިޓީ އިންނެވެ. އޭރު އޯލެވެލް ނަތީޖާ ވެސް ލިބިއްޖެއެވެ. އެންމެ މަތީ ފެންވަރުގައި ފާސްނުވި ނަމަވެސް އަހަރެންގެ ނަތީޖާ ގޯހެއްނޫނެވެ. ވަޒީފާ ހަމަޖެހުނީ ސަރުކާރުގެ ރަނގަޅު އޮފީހަކުންނެވެ. އެގޮތުން މިއަދަކީ އަހަރެން ވަޒީފާއަށް ނުކުންނާން ފެށިފަހުން ވަޒީފާގައި ކުރިމަސައްކަތަށް އުޖޫރަ ދިން ދުވަހެވެ. ހަޔާތުގައި ވެސް ލިބުނު ފުރަތަމަ މުސާރައެވެ. އެ ފައިސާއިން އެންމެ ފުރަތަމަ ކުރި ޚަރަދަކީ ވެސް ތި އެކުވެރިޔާ ހޯދުމެވެ. ޑައިރީއެއް ގަތުމެވެ. އެއަށްފަހު އޮފީހުން ގެއަށް އައިސް އަހަރެން އެންމެ ލޯބިވާ ސުހައްތައަށް އަހަރެންގެ މުސާރައިގެ ބާކީބައި ހަވާލު ކުރުމެވެ. އެއީ މިއަދާ ހަމަޔަށް އަންނާންދެން ވެސް އަހަންނަށް އެންމެ އެހީތެރިވެދިން މީހާއެވެ. އަހަރެން މީހަކަށް ހެދީ އޭނާއެވެ.

ސުހައްތަގެ ކިޔެވުން ގުރޭޑު ނުވަޔަކުން ހުއްޓާލަން ޖެހުމާއެކު، ވަޒީފާއެއް ހޯދުމަށް އުދަގޫވިއެވެ. އެހެންނަމަވެސް ފިހާރައެއްގެ ކައުންޓަރުގައި އިންނަމުން ހޯދި ފަހާފޮށިން މީހުންނަށް ހެދުން ފަހާދެމުން ފައިސާ ހޯދިއެވެ. ސުހައްތެގެ ހާލާމެދު އަހަރެންގެ ހިތުގައި ހަމްދުރުދީ އުފެދެއެވެ. މިހާ ހިސާބަށް އަހަންނަށް އާދެވުނީ ސުހައްތަގެ ކިތައް ރޭގެ ނިދިނަގާލައިގެންކަން އަހަންނަށް އިހްސާސްކުރެވެއެވެ. އެވަރު އަހަރެން ދަންނާނަމެވެ. އެހެންވުމުގެ ސަބަބުން މަންމަދެކެ ރުޅި ވެސް އާދެވެއެވެ. ވޭތުވެދިޔަ ހަތަރު އަހަރު އަހަރެންގެ ކިޔެވުމުގެ ޚަރަދު ބަލަހައްޓާ ދިނީ ސުހައްތައެވެ. ގޭގައި ހުންނަ މަދު ކާއެތިކޮޅުން ބާކީކޮށް އަހަންނަށް ރަނގަޅަށް ކާންދީފައި ސްކޫލަށް ފޮނުވަން މަސައްކަތްކުރީ ވެސް ހަމަ އެ ސުހައްތައެވެ. އަހަންނަށް މަންމައެއްގެ ރޯލު އަދާކޮށްދިނީ ސުހައްތައެވެ. އެހެންވެ މިއަދު އަހަރެން ގެއަށް އައީ ދެން ދުވަހަކުވެސް ސުހައްތަ ލައްވާ މަސައްކަތެއް ނުކުރުމަށް ހިތަށް އަރުވައިގެންނެވެ. އަހަރެންގެ ފުރަތަމަ މަހުގެ މުސާރަ ސުހައްތައަށް ދިއްކޮލުމުން އެ މޫނުމަތިން ފެނުނު ހިތްހަމަޖެހުމާ އުފާވެރިކަމުގެ ހިނިތުންވުން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ދަރިއަކަށް ޓަކައި މަޔަކު ކުރަމުން އައި ފޮނި އުންމީދު ހަޤީޤަތަކަށްވުމުން އެ ހިތަށް ކުރާނޭ އަސަރާއި އެ މޫނުން ފާޅުވާނޭ ކުލަތައް މިއަދު ސުހައްތަގެ މޫނުން އަހަރެން ދުށީމެވެ.

އެކުވެރިޔާއެވެ. މިއަދަކީ ހުރިހާ ގޮތަކުން ވެސް އުފާވެރި ދުވަހެކެވެ. އަހަރެން މިރޭ މި އައީ ކައިވެނީގެ ޚަފްލާއަކަށް ގޮސްފައެވެ. ކާކުގެކަން އެނގޭހެއްޔެވެ. ސުހައްތަގެއެވެ. ސުހާ ވެޑް ޖައުންއެވެ. ކައިވެނީގެ ކާޑުގައި ޖަހާލައިފައި އޮތެވެ. މީ އަހަރެންގެ ހަޔާތުގައި ވެސް ދިޔަ ފުރަތަމަ ޕާޓީއެވެ. ވަރަށް މީރު ކާއެއްޗެހި އެތާހުއްޓެވެ. އެކަމަކު ލަދުން ބޭނުންވި ވަރަށް ކާކަށް ނުކެރުނެވެ. އަނެއްކާ މީހުން ވެސް ގިނަވެފައި، ގިނަމީހުންގެ ނަޒަރުތައް އަހަންނަށް އަމާޒުވުމުގެ ސަބަބުން ހުރީ ވަރަށް ހިތް އަވަސްވެފައެވެ. ދެފައި އޮޅިދާނެތީ ވެސް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ސުހައްތަގެ ފިރިމީހާ ޖައުންގެ ވާހަކަ ކޮންމެވެސް ވަރަކަށް ސުހައްތަ އަހަރެން އަމީނިއްޔާ ސުކޫލުގައި އުޅުނު ދުވަސްވަރުން ފެށިގެން އައީ ކިޔާދެމުންނެވެ. އޭރު އެއީ ކާކުކަން އަހަންނަށް ހުރީ ފެނިފައެވެ. ސުހައްތަގެ ފިރިމީހާއަށްވީތީ އަހަރެން އޭނާއަށް މުޚާޓިބު ކުރަނީ ޖައުބެގެ ނަމުންނެވެ. ފެންނަ ފެނުމަށް ވަރަށް ސާދާ ހިތްހެޔޮ މީހެކެވެ. ސުހައްތަ ބޭނުންވި ކަހަލަ މީހެކެވެ. ޔަގީނުން ވެސް އަހަރެންގެ ސުހައްތަގެ ހޮވުން ގޯހެއް ނުވާނެއެވެ. ސުހައްތަ ބޭނުންވީ ކައިވެނިކޮށްގެން ވެސް އަހަރުމެންގެ ގޭގަ އުޅޭށެވެ.

ސުހައްތަގެ ނިންމުމާއެކު ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައި އޮތް ދުވަހުގެ ތިން ދުވަސްކުރީން އަހަރުމެން އުޅުނީ ކޮޓަރި ތައްޔާރުކުރުމުގައެވެ. އަހަންނާއި ސުހައްތަ އެކުގައި އުޅުނު ކޮޓަރި ސުހައްތަ ކައިވެންޏަށްފަހު އުޅޭގޮތަށް ހަމަޖެއްސީއެވެ. އަދި އަހަރެން ބަދަލުވީ ގޭގެ ބިއްދޮށުގައި އެކަހެރިކޮށް ހަދާފައި ހުރި ކުޑަކޮޓަރިއަކަށެވެ. ޖައުބެ މަސައްކަތުން އަހަރެންގެ އެ ކުޑަ ކޮޓަރިގަނޑުގައި ވެސް ކުލަ ލައިދީ އައުކޮށްދިނެވެ. ބޭނުންނުކޮށް ގިނަ ދުވަސްވެފައި ހުރި ކޮޓަރިއެއްކަމުން ފާޚާނާގައި ހުރި މައްސަލަތައް ވެސް ޖައުބެ ރަނގަޅުކޮށްދިނެވެ. ނަސީބަކުން އެ ކުޑަ ކޮޓަރި އަހަންނަށް ދޭން މަންމަ އެއްބަސްވިއެވެ. އެ ވަގުތު ވެސް ވީ ރަނގަޅު ވަގުތަކަށެވެ. އެއީ މަންމަ ހުރީ ދޮންބައްޕަ ލަންކާއަށް ބަދަލުވާން ހިނގާށޭ ބުނުމުން ވަރަށް ހިތްހަމަޖެހިލާފައެވެ. އެކަމުގެ މަޝްވަރާ ގޭތެރޭގައި ދަނިކޮށް ބުނެވުނީތީ މަންމަ މާބޮޑު ވިސްނުމަކާ ނުލާ އާނއެކޭ ބުނީއެވެ.

ވަރަށް ވަރުބަލިވެ ނިދިވެސް އެބައާދެއެވެ. ގިނަ ވާހަކަތަކެއް ޚިއްޞާ ކުރެވިއްޖެކަން އެނގެއެވެ. އެކަމަކު އަދިވެސް ކިޔާދެން ބޭނުންވާ ވާހަކަތައް އެބަހުއްޓެވެ. އެނގޭ ހެއްޔެވެ. އޮފީސް މާޙައުލަކީ އަހަންނަށް ވަރަށް އައު މާޙައުލެކެވެ. ދެޖިންސުގެ މަސްހުނިގަނޑެކެވެ. އޮފީހުގައި އުޅޭން އަހަންނަށް އެހާ ފަސޭހައެއް ނޫނެވެ. ސަބަބަކީ އެތަނަކީ ފިރިހެނުންނާ އަންހެނުން އެކުގައި މަސައްކަތްކުރާ ތަނަކަށް ވީކަމެވެ. މިހާރު މަސްދުވަސް ހުސްވެގެން ދިޔައިރު، އަދިވެސް އަހަންނާ ދިމާއަށް ބަލާ މީހުން މަދެއްނުވެއެވެ. މިހާރު އޮފީހުގައި އުޅޭ ބައެއް ފިރިހެން ކުދީން ވެސް އަހަންނަށް ގޮވާ ވާހަކަދައްކާ ހަދައެވެ. އެހެންނަމަވެސް ބައެއް ފިރިހެނުންގެ ބެލުންތައް ހުންނަ ގޮތުން އަހަރެން ހަމަ ޖެހިލުންވަނީއެވެ. އެންމެ ކަންތައް ބޮޑީ ބޮސްގެ ދަށުން ހުންނަ މީހާއެވެ. އެއީ ހަސަނެވެ. ސައިގަޑީ ވެސް އަހަރެން ސައިބޯން ދޭތޯ އަދިވެސް ބަލައެވެ. ބައެއް ފަހަރު ވަރަށް ފޫހިވެއެވެ. މާގުޅާލައިގެން އުޅޭތީއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ނިކަން ސުވާލު ކުރާނެއެވެ. އެހެންވިޔަސް އުނދަގޫވެގެން އެކަން ބުނެވޭކަށް ނޯވެއެވެ. އޭނާގެ މަޤާމަށް ވިސްނާފައެވެ.

އޮފީހުގައި އޮންނަ އަންހެން ގުރޫޕުގެ ތެރެއަށް އަހަރެން ވެސް އެ މީހުން ވައްދަން ފަށައިފިއެވެ. ނަމަވެސް އަހަރެން އެހާ ވާހަކަދައްކައެއް ނަހަދަމެވެ. އަހަންނަށް އެމީހުންގެ ވައްޓަފާޅި ކަމުނުދަނީއެވެ. އެތާ ގިނައީ އުމުރުން އަހަންނަށް ވުރެ ދޮށީ މީހުންނެވެ. އެ މީހުންގެ ކަމަކީ އެކަކު އަނެކަކުގެ ނެތިނުބައިމޮށުމެވެ. ހެނދުނު އޮފީހަށް އަންނާނީ ކޮންމެވެސް މީހެއްގެ ވާހަކަ ހިފައިގެންނެވެ. ސައިގަޑި ހޭދަވެގެންދާނީ ސަޔާއިކޮފީގެ ހޫނުކަމުގައެއްނޫނެވެ. އެކަކަށްވުރެ އަނެކަކު ފަށާ ވާހަކައިގެ ހޫނުކަން ގަދަވާނެއެވެ. އެކަމުގައި ވެސް އެ މީހުން ޚާއްޞަކަމެއް ދޭ ތަންކޮޅެއް ޅައަންހެން ކުއްޖެއް އޮފީހުގައި އުޅެއެވެ. އޭނާގެ ވާހަކަ މުޅި އޮފީހުގައި ނުދައްކާ މީހަކު ހުންނާނެހެނެއް ހިޔެއްނުވެއެވެ. އޭނާ ހުންނަނީ އޮފީހަށް އަންނައިރު ވަރަށް މޭކަޕްކޮއްލާފައެވެ. މީހުން އަޅައިގަންނަ ފަދަ ކުލައަލި އޮމާން ހަންގަޑެއް ބޭރުފުށުން ޔަގީނުން ވެސް ފެނެއެވެ. ނޫނީ އުނގުޅާފައި ހުންނަ ޗޯކުތަކުގެ އޮމާންކަން ނޫންކަމެއް ވެސް ނޭނގެއެވެ. ފިރިހެނުން ނިކަން ވަރުހުންނަ ބޮޑު ތުންފަތެއް އޭނާގެ އޮވެއެވެ. އެ ތުންފަތުގައި ކުލަކޮޅެއް ނުޖައްސާ ހުންނައިރެއް އަދިއެއް އަހަންނެއް ނުދެކެމެވެ. އަޅާ އުޅެނީ ވެސް ފިރިހެނުންގެ ސަމާލުކަން ހުއްޓޭ ފަދަ ހެދުންތަކެވެ. އެންމެ މޮޅުކަމަކީ އޭނާ ވެސް މިބުނާ އަންހެން ގުރޫޕުގަނޑުގައި އުޅޭ ކަމެވެ. އޭނާ އެހެންމީހުންހެން އަންހެނުންގެ ވާހަކައެއް ނުދައްކާނެއެވެ. އޭނާގެ ކަމަކަށް އޮންނަނީ ރީތި ފިރިހެނުންގެ ވާހަކަދެއްކުމެވެ. ނޫނީ ހުސްވަގުތެއް ވާއިރަށް އޮފީސް ފޯނުގައި ކޮންމެވެސް މީހަކަށް ގުޅައިގެން އިނުމެވެ. އަހަންނަށް މިފަދަ ވަރަށް ގިނަ އައު ކަންތައްތައް ފެނުނެވެ. އަދި ވާހަކައެއް ބުންނަން ހެއްޔެވެ. މިއީ ސިއްރެކެވެ. އަހަރެން އަދި އެކަކު ކައިރީވެސް ނުބުނަމެވެ. ސުހައްތަ ގާތުގައި ވެސް މި ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. އޮފީހުގައި އަހަންނަށް ވަރަށް ކަމުދާ ފިރިހެން ކުއްޖެއް އެބައުޅެވެ. އަހަރެން އޮފީހަށް ވަން ދުވަހުން ފެށިގެން އަދި އޭނާ ވާހަކަ ދައްކަނިކޮށް ނުދެކެމެވެ. އެކަމަކު އޭނާ އިންނަނީ ވެސް އަހަރެންގެ ކުރިމަތީގައެވެ. މީހުންނާ މަސްހުނިވެ އަނގަތަޅާތަނެއް ވެސް ނުދެކެމެވެ. އަދި ހާއްޞަކޮށް އަންހެން ކުދީންނަށް ނުބަލާކަން ފާހަގަކުރެވެއެވެ. ތަފާތު ރީތިކަމެއް އޭނާގެ ހުރެއެވެ. އޮފީހުގައި އުޅޭއިރު ދޭތެރެއަކުން ސިއްރުން ބަލާ ވެސް ލެވެއެވެ. މިހާރު ދެން އެނގޭނެ އަހަރެން ކިހާ ވަރަކަށް އޭނާއަށް ބަލާކަން... އެހެންވިޔަސް އޭނާއަށް އެކަން އެނގޭކަށް ބޭނުމެއްނޫނެވެ.

ލިޔެލިޔެ އަތް ވާޅުވާ ގޮތްވެއްޖެއެވެ. ވަރުބަލިވެ ނިދި އަންނާން ފަށައިފިއެވެ. އާފުރޭވަރުން ރަނގަޅަށް ގަނޑު ވެސް ނުފެނެއެވެ. އެކުވެރިޔާއެވެ. ވަރަށް ގިނަ ވާހަކަ ޚިއްޞާކުރެވިއްޖެއެއްނު... ދެން މިރޭ ނިދަނީއެވެ. މާދަމާ ރޭ އިރާދަކުރެއްވިއްޔާ އަލުން އަހަރުމެން ދެމީހުން ބައްދަލުވާނެތާއެވެ. ބާއްޖަވެރި ރެއަކަށް އެދެމެވެ. މިރޭ ނިދީމަ އޮފީހުން އެ ފެންނަ ޒުވާނާގެ ހުވަފެނެއް ފެންނާނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ. ސުބްޙާނައްﷲ! މިހާރު ގަޑިން ދޭއްޖަހަނީއެވެ. އަދި ފަތިސްނަމާދަށް ހޭލަން ޖެހޭނެއެވެ. އޮފީހަށް ދާންވާއިރަށް ރޮށިފިހެން ވެސް ވާނެއެވެ. އެހެންނޫނީ ހަފިއްތަ ގޭގައި ހުޅުޖަހާ ފާނެއެވެ. އަހަރެން މިހާރު މިގޭ ތެރޭގައި ޒުވާބު ކުރާއަޑު އަހާކަށް ބޭނުމެއްނޫނެވެ. ހާއްޞަކޮށް މިގެއަށް ޖައުބެ އައީމައެވެ. ސުހައްތައާއި ޖައުބެގެ މޫޑޫ ގޯސްވާކަށް އަހަރެން ބޭނުމެއްނޫނެވެ. މިހެން ބުންޏަސް ކޮންމެވެސް ކަމެއް ފަނިކޮށްލާނެ ހަފިއްތަ... އެހެންނޫނީ އޭނައަށް ހައިފާއެއް ނުކިޔާނެއެވެ. އަހަރެން ހިތަށް އަރާ އޭނާއަށް އެހެރީ ކާކުގެ ގޮތެއްބާއޭ ދަސްވެފަ.... އެހެންބުންޏަސް އޭނާގެ ގިނަ ކަންކަން އެ ހުންނަނީ މަންމަގެ ހުންނަ ގޮތަށޭ އަހަރެން ބުނާނީ.... އޯ!... ނިދަން ބުނިފަހުން ވެސް އެތަށް ވާހަކައެއް ދެއްކިޖެދޯއެވެ. މީހާ ދުވަސްވީއިރު ވެސް މިގޮތަށް އަހަރެން ހިތަށް އަރާ އެއްޗެހި ބުނެދޭނެ އިތުރު ފަރާތެއް ނެތެވެ. މިއަދު ތި އެކުވެރިޔާ ލިބުމުން އޭރާ މިހާރާ، ހިތުގައިވާ ހުރިހާ އެއްޗެއް މި ބަންޑުން ކޮށްލީއެވެ. ދެން މި ނިދަނީއެވެ.

* * * * *

ހިނިއައިސްފައި އިނދެ ޔާނާ ފުންނޭވާއެއް ލާ އޭނާއާއެކު އެނދުގައި އިން ޒޭނަށް ބަލާލިއެވެ. އޭނާ އެ އޮތީ ޝައުގުވެރިކަމާއެކު އަޑުއަހާންކަން ޔާނާއަށް އެނގެއެވެ. (ނުނިމޭ)