ބޮލީވުޑް

"ލަކްނޫ ސެންޓްރަލް" އަށް ވުރެން ހިނގަނީ "ސިމްރަން"

Sep 17, 2017

ބޮޑު ދެ ތަރިން ކަމަށްވާ ކަންގަނާ ރަނާވަތުގެ "ސިމްރަން" އާއި ފާރްހާން އަހްތަރުގެ "ލަކްނޫ ސެންޓްރަލް" ވަނީ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ.

ތަފާތު ދެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ދެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ. ދެ ފިލްމު ވެސް ބެލުންތެރިން ވަރަށް ބޮޑަށް މާޔޫސްކުރުވި ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

ފުރަތަމަ ދުވަހު ދެ ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިގެން ގޮސްފައިވާ ގާތްގަނޑަކަށް އެއް ވަރެކެވެ. "ސިމްރަން" އަށް 2.77 ކްރޯޑް ރުޕީޒް ލިބުނުއިރު "ލަކްނޫ ސެންޓްރަލް" އަށް ލިބިފައިވަނީ 2.07 ކްރޯޑް ރުޕީޒެވެ.

މާ ބޮޑު ތަރުހީބެއް ދެ ފިލްމަށް ވެސް ފުރަތަމަ ދުވަހު ނުލިބުނު ނަމަވެސް ކަންގަނާގެ ފިލްމުގެ ވިޔަފާރި މަޑުމަޑުން ރަނގަޅު ވަމުން އަންނައިރު، ފަރްހާންގެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބު ވެދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

އެއް ދުވަހެއްގައި ބޮޑު ތަރިއެއްގެ ފިލްމު ރިލީޒްވާތީ ކްރިޓިކްސް ވަނީ ފިލްމު މުސްތަގުބަލު ބިނާވަނީ ފިލްމުގެ ވާހަކަ އާއި ތަރިންގެ ހުށަހެޅުމުގެ މައްޗަށް ކަމަށް ބުނެފަ އެވެ.

ދެ ފިލްމުގެ ތެރެއިން އެއްވެސް ފިލްމެއްގެ ވާހަކައެއް މޮޅު ނޫން ކަމަށް ކްރިޓިކްސްއިން ވަނީ ބުނެފައިވީ ނަމަވެސް "ސިމްރަން" އާއި "ލަކްނޫ ސެންޓްރަލް" އަށް ހިތް ދެވޭ ނަމަ ދެވޭނީ ކަންގަނާ އާއި ފަރްހާންގެ މޮޅުކަމުން ކަމަށެވެ.

ދެ ފިލްމުގެ ރިވިއު ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ސިމްރަންގެ ގޮތުގައި ކަންގަނާގެ އެކްޓިން މޮޅު ނަމަވެސް ފިލްމުން ލިބުނީ މާޔޫސް ކަމެއް ކަމަށެވެ. އަދި "ލަކްނޫ ސެންޓްރަލް" ގެ ތަރިންގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވާ އެކްޓިން މޮޅު ނަމަވެސް ފިލްމުގެ ވާޙަކަ އެއްވެސް ވަރަކަށް ޝައުގުވެރި ނޫން ކަމަށް ބުނެފަ އެވެ.

ކްރިޓިކްސްއިން ފިލްމަށް ފާޑުކިޔާފައިވީ ނަމަވެސް ފުރަތަމަ ދުވަހު "ސިމްރަން" ގެ ރޭގަނޑުގެ ޝޯތަކަށް ވަން މީހުންގެ އަދަދު ގިނަ އެވެ.

ދެ ފިލްމުގެ ތެރެއިން ބެލުންތެރިންނަށް ބޮޑަށް ކަމުދާނީ ކޮންޓެންޓް ރަނގަޅު ފިލްމެއް ނަމަވެސް ދެ ފިލްމަށް ވެސް ލިބުނީ ގާތްގަނޑަކަށް އެއްވަރެއްގެ ތަރުހީބެއް ކަމުން މިތަނުން ކުރި ހޯދާނީ ކޮން ފިލްމެއްކަން ބުނަން ނޭނގެ އެވެ.

ފަރްހާންގެ އެންމެފަހުން ރިލީޒްވި ފިލްމު "ރޮކް އޮން 2" އާއި ކަންގަނާގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ރަންގޫން" ވެސް ބޮކްސް އޮފީހުގައި ފްލޮޕްވެފައިވާތީ އެ ދެ ފިލްމު ކާމިޔާބުވުން މި ދެތަރިންނަށް ވަރަށް މުހިންމެވެ.

"ސިމްރަން" އަކީ އެމެރިކާގެ ޖޯޖިއާގައި މައިންބަފައިންނާއެކު ދިރިއުޅެމުން އަންނަ ވަރިވެފައިވާ އުމުރުން ތިރީސް އަހަރުގެ އަންހެން ހައުސްކީޕަރެއް، ކުށުގެ ވެއްޓަށް ނިކުމެވޭ ގޮތް ފެނިގެންދާ ފިލްމެކެވެ.

އަދި "ލަކްނޫ ސެންޓްރަލް" އަކީ މޮޅު ލަވަކިޔުންތެރިއަކަށް ވާން ކުޑަ އަވަށަކުން ލަކްނޫ އަށް އަންނަ ކިޝެން ނަމަކަށް ކިޔާ ޒުވާނަކު އޮޅުމަކުން ނުބައި ކަންތައްގަނޑެއްގައި ބެދި ޖަލަށް ލައި، ޖަލުން ދިމާވާ ގައިދީންތަކަކާ ގުޅުގެން ބޭންޑެއް ހަދައި، ޖަލުން ފިލާ ގޮތް ފެނިގެންދާ ފިލްމެކެވެ.