ބޮލީވުޑް

"ދޫމް 4" ގައި ޝާހްރުކް

Sep 17, 2017

ޖޯން އަބަރަހަމް އާއި ރިތިކް ރޯޝަން އަދި އާމިރް ޚާނަށް ފަހު ކާމިޔާބު "ދޫމް" ސިލްސިލާގެ ހަތަރު ވަނަ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ޝާހްރުކް ޚާން ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ޔާޝް ރާޖް ފިލްމްސްއިން އުފައްދާ ކާމިޔާބު ދޫމް ސިލްސިލާގެ ހަތަރު ވަނަ ފިލްމު، "ދޫމް 4" ގެ ލީޑްރޯލުން ފެނިގެންދާނެ ކަމަށް ކުރިން ބެލެވިފައި އޮތީ ސަލްމާން ޚާނެވެ. ނަމަވެސް ސަލްމާން "ދޫމް 3" ކުޅެން ސޮއިކުރި ހިސާބުން "ދޫމް 4" ޝާހްރުކަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ.

"ދޫމް" ސިލްސިލާގެ ފިލްމުތަކުގައި ލީޑް އެކްޓަރު ފެނިގެންދަނީ ނުބައިބައި ރޯލަކުންނެވެ. އަދި ޝާހްރުކް މިހާތަނަށް ވަނީ "ބާޒީގަރް"، "ޑަރް"، ޑޮން" އަދި "ރައީސް" ގައި ނުބައި ރޯލު ކުޅެފަ އެވެ. އެހެންކަމުން "ދޫމް 4" ލިބުމުން އެންމެ ގާތީ ޝާހްރުކަށް ކަމަށްވެ އެވެ.

ހަބަރުތައް ބުނާގޮތުން "ދޫމް" ގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ބޭނުންވަނީ ހުރިހާ ގޮތަކުން ވެސް ފުރިހަމަކޮށް "ދޫމް 4" އުފައްދާށެވެ. އެގޮތުން އޭނާ ވަނީ ފިލްމުގެ ވާހަކަ ލިޔަން މަނީޝް ޝަރްމާއާ ހަވާލުކޮށްފަ އެވެ.

"ދޫމް 3" ޑައިރެކްޓްކުރި ވިޖޭ ކްރިޝްނަ އަޗާރިޔާ ޔާޝް ރާޖްގެ އާ ފިލްމު "ތަގްސް އޮފް ހިންދޮސްތާން" ޝޫޓްކުރަމުން އަންނާތީ "ދޫމް 4" ޑަިއރެކްޓްކުރަން ހަވާލުކުރުން ވެސް އެންމެ ގާތީ މަނީޝް އާ އެވެ.

މަނީޝް ވަނީ މިދިޔަ އަހަރު ނިކުތް ޝާހްރުކްގެ ފިލްމު "ފޭން" ވެސް ޑައިރެކްޓްކޮށްފަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނަސް މަނީޝް އާއ ޝާހްރުކް ވަނީ އެކުގައި އެހެން ފިލްމެއްގައި އަދި މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

ޝާހްރުކް މިހާރު އާނަންދް އެލް ރާއީގެ ޑްވާފް ފިލްމު ޝޫޓްކުރަމުން އަންނައިރު ސަލްމާން އާއި އާމިރްގެ އަތުގައި ކުޅެން ހަމަޖެހިފައި ހުރި ބޮޑެތި ފިލްމުތަކެއް އެބަހުއްޓެވެ.