ކުޅިވަރު

މާޅޮސް އަތުން ގްރީން ސްޓްރީޓަށް ބޮޑު މޮޅެއް

Sep 17, 2017

އއ. މާޅޮސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި ގްރީން ސްޓްރީޓުން އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ގްރީން އަށް ތިން ވަނަ ލިބެނީ 12 ޕޮއިންޓް ހޯދައި ފައިދާ ހަތް ގޯލް ހަމަ ކޮށްގެން ނެވެ. ނިއުރޭޑިއަންޓަށް ވެސް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ފައިދާ ގޯލްގައި ނިއު އޮތީ ގްރީން އަށް ވުރެ ދެ ގޯލް މަދުން ނެވެ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނިއު އަށް ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ގްރީން މެޗަށް ނިކުތީ، ސަސްޕެންޝަންގެ ސަބަބުން އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސޮބެލް އިލިއާ އާއި ޝައްފާޒު (ސައްޕޭ) ނުލައެވެ. އާއިލީ ކަމެއްގައި ރާއްޖެއިން ބޭރުގައި ހުރި، ގްރީންގެ ކޯޗް ސޮބާހް މުހައްމަދުގެ ބަދަލުގައި، މެޗުގައި ޓީމަށް އިރުޝާދު ދިން ފަރީދު މުހައްމަދު (ފަރިއްޓޭ) ވަނީ އެ ދެކުޅުންތެރިން ސަސްޕެންޑް ކުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ ސައްޕެ ސަސްޕެންޑް ވިކަން އެނގުނީވެސް، މެޗަށް އޭނާ ލައިގެން ކުޅެން ހުރިހާ ކަމެއް ތައްޔާރު ވެފައި ވަނިކޮށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭޔަރެއް ކުރިން ކުޅުނު މެޗުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ސަސްޕެންޑް ކުރީ ސަސްޕެންޑް ކުރިއްޔާމުން ހަމަގައިމުވެސް 24 ގަޑިއރު ކުރިން އަޅުގަނޑުމެންނަށް އަންގަން ޖެހޭނެ އަޅުގަނޑުމެން މިއަދު މެޗަށް ސައްޕެ ލައިގެން ހުރިހާ ކަމެއް (މެޗަށް) ސެޓް ކޮށްފައި އިންދާ 2:00 ގެ ފަހުން އެގުނީ ޕްލެޔާ ސަސްޕެންޑް ކަން،" ސައްޕޭ އަށް ކުރި ސަސްޕެންޝަނާ ބެހޭގޮތުން ފަރީދު ބުންޏެވެ. "އެއީ ކަންނޭންގެ ގަވާއިދުގައި ވެސް އޮންނަ ގޮތަކީ ހަގީގަތުގައި މިދިޔަ މެޗު [މާޒިޔާ - ގްރީން މެޗު] ގައި ކަންކަން ދިޔައީވެސް އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން އަޅުގަނޑުމެންނާ ދޭތެރޭ ވަރަށް އަންފެއާ ކޮށް ކަންތައްތައް ދިޔައީ."

ފަރީދު ބުނީ އެ މެޗުގައި ރެފްރީއަށް ކޮންޓްރޯލް ނެގެން ޖެހޭ ކަމަށާއި ސައްޕެ އަށް ކާޑުވެސް ދެއްކެން ވެސް އޮތް ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ ރެފްރީއަށް މެޗު ކޮންޓްރޯލްވެސް ނުކުރެވި މެޗު ކޮންޓްރޯލް ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުވެސް ނާޅާ ފަހަތައް ފަހަތަށް އައިސް ފައިބައި މެޗު ހުއްޓާލި ތަން ކަމަށް، ކުރިން ވިކްޓަރީ އަށް ކުޅުނު ފަރީދު ބުންޏެވެ.

"ވިސްނާލީމަ ވެސް އެނގޭ ސަސްޕެންޑްވި ޕްލޭޔާ ސައްޕެ ސަސްޕެންޑް ވީއިރު، ސައްޕެގެ ފަރާތުން ސައްޕެ ސަސްޕެންޑްވާން ދިމާވާން ޖެހޭ އެއްވެސް ކަހަލަ އުސޫލުތަކެއް އެއްވެސް ކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ނުއެއް އެނގޭ އެމެޗު ރެފްރީއަށް ކޮންޓްރޯލް ނެގެންޖެހޭނެ، ރެފްރީއަށް ކޮންޓްރޯލް ނުނެގުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން، އެމެޗުގައި ރެފްރީއަށް ސައްޕެއަށް ކާޑު ވެސް ދެއްކޭނެ ރެފްރީ ފަހަތައް ފަހަތަށް އައިސް މެޗު ހުއްޓާލައިގެން އަޅުގަނޑުމެން ކުޅެން ނޭރިއޭ ކިޔާފައި ބޮޑު ކަންތައްކަންތަކެއް ދިޔާމަ އަޅުގަނޑުމެން ދެރަވެސް ވޭ."

މެޗުގައި ގްރީންގެ މުހިންމު ތަރިންނަށް ވީ، މެޗުގައި ދެ ގޯލް ކާމިޔާބު ކުރީ އަހްމަދު ނިޒާމް (ނިޒާންބެ) އާއި ދެ ގޯލް ޖަހަން ފުރުސަތު ތަނަވަސް ކުރި، މެޗުގެ ކެޕްޓަން އަހްމަދު ރަޝީދު (އަންމަޑޭ) އެވެ.

ގްރީންގެ ފުރަތަމަ ލަނޑު އިބްރާހިމް ރިފާޒް (ރިޒްކޯ) ކާމިޔާބު ކުރީވެސް އަންމަޑޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި، ގްރީންގެ ދެ ވަނަ ލަނޑު ނިޒާމް ކާމިޔާބު ކުރީ ވެސް އަންމަޑޭ ދިން ބޯޅަ އަކުން ނެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އަންމަޑޭ ތިރިން ނަގައިދިން ބޯޅަ ނިޒާމް ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ، މާޅޮސްގެ ކީޕަރު ޒަމީރުގެ ފައިގައި ޖެހިފައި ގޯލް ދަނޑީގައި ޖެހިފަ އެވެ.

ގްރީންގެ ތިން ވަނަ ލަނޑު ކޮވައެޗުކް ޕެޓްރޯ ކާމިޔާބު ކުރީ، މާޅޮސްގެ ކީޕަރު ޒަމީރު އާއި އިބްރާހިމް ނާއިފް އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން ނެވެ. ގްރީން އިން ކައުންޓަ އެޓޭކްގައި އުފެއްދި ހަމަލާއެއް ޕެނަލްޓީ އޭރިއާ ބޭރަށް ނިކުމެ ކީޕަރު ޒަމީރު ފައިން ދިނީ ނާއިފް އަށެވެ. ނާއިފް އަށް އެ ބޯޅަ ސާފު ކޮށްލެވުމުގެ ކުރިން ޕެޓްރޯ ވަނީ ބޯޅަ ހޯދައި ހުހައް އޮތް މާޅޮސްގެ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ނިޒާމް ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، ކީޕަރު ޒަމީރު އަށް ހެދުނު މިސްޓެކެއްގައި ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. މާޅޮސްގެ ޕެނަލްޓީ އޭރިއާ ބޭރުން ގްރީން އަށް ލިބުނު ހިލޭ ޖެހުން، ވިލިއަމް މާކޯ ފޮނުވާލީ ގޯޅަ ދިމާލަށެވެ. އެ ބޯޅަ ޒަމީރު ކޮންޓްރޯލް ކުރުމުން، ރީބައުންސަށް ވެއްޓުނު ބޯޅަ ނިޒާމް ވަނީ ފަސޭހަ ކަމާއެކު ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ގްރީންގެ ފަސް ވަނަ ލަނޑަކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުތް، ދެ ކުޅުންތެރިން ކަމަށްވާ، މުހުތާރު ނަސީރު (ޓޫކިލޯ) އަލީ ޝާމިޒްގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން ކާމިޔާބު ކުރި ލަނޑެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓްކިލޯއަށް ލިބުނު ބޯޅަ އޭނާ ދިނީ ޝާމިޒް އަށެވެ. މާޅޮސްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ޝާމިޒު ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު ޒަމީރު އެރި ފަރާތުން، ގޯލްގެ ކަނަށެވެ.