ޗައިނާއިން ގާއިމް ކުރުމަށް މަސައްކަތް ކުރާ، ވިޔަފާރީގެ މަގު މެރިޓައިމް ސިލްކް ރޫޓްގައި ބައިވެރިވުމުން އެ މަޝްރޫއުގެ ތެރެއިން ރާއްޖެއަށް ގިނަ ތަރައްގީތަކެއް އަންނާނެ ކަމަށް، ޗައިނާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮން ފުކުން ވިދާޅުވެއްޖެ އެވެ.
ލ. ފޮނަދު އާއި ގަމާ ދޭތެރޭގައި ޗައިނާއިން ހަދައިދޭ ލިންކް ރޯޑް މަޝްރޫއު ފެށުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޮނަދޫގައި ބޭއްވި ހަލްފާގައި ވާހަކަ ދައްކަވަމުން ވޮން ވިދާޅުވީ ސިލްކް ރޫޓްގެ މަޝްރޫއުގައި ރާއްޖޭން ބައިވެރިވުމަކީ ދެ ގައުމަށް ވެސް ފައިދާ ކުރަނިވި މަޝްރޫއަކަށް ވާނެ ކަމަށެވެ. އޭގެ ސަބަބުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖެ އައުމުގެ އިތުރަށް ޗައިނާ އާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިި އެވެ.
"މިއީ ދެ ގައުމަށް އޮތް ފައިދާއެއް. އެކަމުގެ ސަބަބުން ގިނަ އުމްރާނީ މަޝްރޫއުތަކެއް ފެށިގެންދާނެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން އަންނާނެ ކަމެއް،" ވޮން ވިދާޅުވި އެވެ.
ރާއްޖެއަކީ ޗައިނާއަށް މުހިންމު ގައުމެއްކަން ފާހަގަ ކުރައްވަމުން ވޮން ވިދާޅުވީ ޗައިނާގެ ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އަންނަ ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު ޗައިނާއިން ރާއްޖެއަށް 400،000 ޓޫރިސްޓުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވޮން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ބައި މިލިއަން ޓޫރިސްޓުން ޗައިނާއިން ރާއްޖެ އަންނާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އަދި 2016 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އެއް މިލިއަނަށް އަރާނެ ކަމަށް ވެސް ވޮން ވިދާޅުވި އެވެ.
"ރާއްޖޭގެ އެންމެ މުހިންމު ޓޫރިޒަމްގައި ޗައިނާގެ މިހާ ބޮޑު ހިއްސާއެއް އެބަ އޮތް. މިއީ އަޅުގަނޑުމެން އުފާވާ ކަމެއް،" ވޮން ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ފޮނަދޫގައި ހަދާ ލިންކް ރޯޑަކީ ރާއްޖޭގައި ޗައިނާއިން މިހާތަނަށް ހަދާނެ އެންމެ ބޮޑު މަގު ކަމަށެވެ. އަދި އެ މަޝްރޫއާ އެކު އެފަދަ މަޝްރޫއުތަކެއް ފެށުމަކީ ޗައިނާގެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޗައިނާގެ ސިލްކް ރޫޓްގެ ވެސް އެންމެ މުހިންމު ބަޔަކީ އުމްރާނީ ތަރައްގީއަށް އިންވެސްޓް ކުރުން ކަމަށްވާއިރު، ގަމު ލިންކް ރޯޑްގެ މަޝްރޫއަކީ ވެސް އެ މަގުސަދާ ދިމާލަށް ގެންދާ ކަމެއް ކަމަށް ވެސް ވޮން ވިދާޅުވި އެވެ. އަދި މިއަހަރުގެ ތެރޭގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާކަން ވޮން ފާހަގަ ކުރެއްވި އެވެ. ވޮން ވިދާޅުވި ގޮތުގައި އެ ގުޅުމަށް އޮތީ އިތުރު ތަރައްގީ އާއި ދުޅަހެޔޮކަން ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މި ގުޅުން އިތުރަށް ވަރުގަދަ ވުން. މި ގުޅުން އިތުރު ހަރުފަތްތަކަކަށް ދިޔުން،" ސަފީރު ވިދާޅުވި އެވެ.