ކުޅިވަރު

އެއް ވަނައިގައި ލީޑް ނަގަން ނިއު ކެތް މަދުވެފައި

Sep 17, 2017
1

ދިވެހި ޕްރިމިއާ ލީގްގެ ޕޮއިންޓް ތާވަލު މިހާރު އޮތީ މުހިންމު ހިސާބެއްގައި ކަމަށާއި މި ވަގުތު ލިބޭ ކޮންމެ ފުރުސަތެއް ބޭނުން ކުރަންވެސް ނިއުރޭޑިއަންޓް އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށް، އެ ޓީމުގެ ކޯޗް އޮސްކާ ބުރުޒޮން ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު، ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނިއު އަށް ޕޮއިންޓް ތާވަލުގެ އެއް ވަނައިގައި ދެ ޕޮއިންޓް ލީޑެއް ނެގުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ. މިވަގުތު އެއް ވަނައިގައި އޮތް މާޒިޔާ އިއްޔަ ވަނީ، ޓީސީ އަތުން ބަލިވެ ތާވަލުގެ އެއް ވަނައިގައި ދަމަހައްޓަމުން އަންނަ ލިޑަށް ހުރަސް ކުރިމަތިވެފަ އެވެ.

"މި ލީގްގެ ވާދަ ވެރިކަން މިއޮތީ ތަފާތު ދެ މަރުހަލާއެއްގައި، އެންމެ ކުރީގައި އޮތް ހަތަރު ޓީމުގެ ވާދަވެރިކަންވެސް ވަރަށް ބޮޑު [މިއަދު] ކުޑަހުވަދޫއާ ދެކޮޅަށް އޮތް މެޗަކީ ފަހަރެއްގައި އަހަރެމެންނަށް ހިތި އެއްޗަކަށް ވެދާނެ ސަބަބަކީ އެކަން ބިނާ ވަނީ މެޗުގެ ނަތީޖާގެ މައްޗަށް،" ބުރުޒޮން ބުންޏެވެ. "އަހަރެމެން މިހާރު މިއޮތީ ރަނގަޅު ހިސާބެއްގައި ޓީމު އޮތް ހާލަތާ މެދު އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކޮންމެ ގޮތެއްވިޔަސް ލީގްގެ އެއް ވަނަ ހޯދުމަށް އަހަރެމެންނަށް އަދި އަނެއް ބުރުގައި ހުރިހާ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭނެ."

މިއަދުގެ މެޗުން އެއްވަރު ވެ ނުވަތަ ބަލިވެއްޖެނަމަ، ޕޮއިންޓް ތާވަލުގެ ކުރިއަށް އެރުމުގެ ފުރުސަތެއް ނިއު އަށް ނުލިބޭނެ އެވެ. މެޗަށް ނިކުންނަ އިރު އެކަހަލަ އެއްވެސް ޕްރެޝަރެއް އެބައޮތްތޯ ސުވާލު ކުރުމުން ބުރުޒޮން ބުނީ ޕްރެޝަރާ ކުރިމަތި ލުމަކީ އޭނާ އާއި ނިއުގެ ކުޅުންތެރިންނަށް ލިބޭ އުފަލެއް ކަމަށެވެ.

"ޕްރެޝަރާ ނުލައި އަހަންނަކަށް އަހަރެންގެ އެންމެ ބެސްޓެއް ނުދެއްކޭނެ، އަހަރެން މަސައްކަތް ކުރަނީ ކުޅުންތެރިންގެ ތެރޭގައިވެސް މި ފިލޯސަފީ ދަމހައްޓަން،" އިންޑިއަން ސްޕަ ލީގްގެ މުމްބާއީ އެފްސީ އަށާއި ސްޕޯޓިން ގޯއާ އަށްވެސް ކުރިން ކޯޗް ކޮށް ދިން ބުރުޒޮން ބުންޏެވެ. "މި ހަފުތާގައި ކުޅުންތެރިންގެ ޕްރެކްޓިސްތައް ވެސް ދަނީ ވަރަށް ހިތްހަމަޖެހޭ ގޮތަަށް ކުޅުންތެރިންގެ ފަރާތުން (މިއަދު) މެޗުގައިވެސް އެކަން ފެނިގެންދާނެ."

އޭނާ ބުނީ ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ މެޗަކަށް ވާނެ ކަމަށާއި ސަބަބަކީ އެ ޓީމަކީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމު ކަމަށް ވުމުން، އަތޮޅު ތެރެއިން އައި ޓީމުތަކުގެ ލީޑިން ޓީމަކަށް ވާނީ އެ ޓީމު ކަމަށެވެ.

"ފަހަރެއްގައި އެ ޓީމު ކޮޅަށް ގިނަ ގޯލް ތަކެއް ވަދެފައި ހުރެދާނެ ނަމަވެސް އަހަންނަކީ އެކަހަލަ ސްޓެޓިކްސް ތަކަކަށް ފޯކަސް ކުރާ މިހެއް ނޫން، އެ ޓީމަކީ ވަރަށް ރަނގަޅަށް ކުޅެން މަސައްކަތް ކުރާ ޓީމެއް އެއީ ރަނގަޅު މެޗެއް ފެންނާނެ ކަމެއް."

ބުރުޒޮން ބުނީ ދަނޑަށް އަށިގަނޑު އަރުވާން ޖެހި މެޗުގައި އެތަށް ފަހަރަކަށް ކުޅުން މެދުކަނޑާލައި ލަސް ކުރުމަކީ ފުޓްބޯޅަ ނޫން ކަމަށެވެ. އޭނާ މަސައްކަތް ކުރަނީ ކުޅުންތެރިން ލައްވައި ވީ އެންމެ ގިނަ އިރެއްކޮށް ބޯޅަ ކުޅުވަން ކަމަށާއި ވަގުތު ބޭކާރު ކުރުމަށް އޭނާގެ ކުޅުންތެރިން މަސައްކަތް ނުކުރާނެ ކަމަށެވެ.

"ފުޓްބޯޅައިގެ ރެފަރެންސަކީ ގިނަ އިރުތަކެއް ވަންދެން ބޯޅަ ކުޅުން މެޗު ގައި އެހެން ޓީމުތަކުން އެގޮތަށް ކަންތައް ކުރި ނަަމަވެސް އަހަރެމެންގެ އެޓިޓިޔުޑަކީ އަހަރެމެންނަށް ވީވަރަކުން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރުން، އަހަރެމެން ވިސްނާނަން ކީއްވެގެންތޯ މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭ އަހަރެމެންނަށް ނަތީޖާ ނުނެރެވެނީ އެހެން ޓީމުތަކުން މަސައްކަތް ކުރޭ މެޗުގެ ބޭކާރު ކަންތަތައްކޮށް އަހަރެމެންގެ ރިދަމް ހަލާކު ކޮށްލަން އެންމެފަހުން މެޗުގައިވެސް އެކަން ފެނިގެން ދިޔަ ކުޅުމުން ބޭރުގައި ގިނަ ކަންކަން ހިންގައިގެން."