ކުޅިވަރު

މިލަންދޫ ނިކުންނަނީ ތިނަދޫ އަތުން ބަދަލު ހިފަން

Sep 17, 2017
2

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ގދ. ތިނަދޫ ދަތުރު ކުރީ ސެމީ ފައިނަލުގައި ށ. މިލަންދޫ ބަލި ކުރުމަށްފަހު އެވެ. އެ މެޗަށް ފަހު، މިއަދަކީ މި ދެ ޓީމު އެއްޓީމު އަނެއް ޓީމާ ބައްދަލު ކުރާ ފުރަތަމަ މެޗެވެ. ދިވެހި ޕްރިމިއާ ލީގްގަށް މިލަންދޫ ގޮވައިގެން ނިކުތް ކޯޗް މުހައްމަދު ނާސިރު ބުނީ، މިރޭ ކުޅޭ މެޗުގައި ތިނަދޫ ބަލި ކުރުމަކީ، މިލަންދޫ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެއް ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕަށް ވުރެ، ޕްރިމިއާ ލީގްގައި ވާދަ ކުރާ ތިނަދޫ ޓީމު މުޅިން ތަފާތެވެ. ވަރުގަދަ ސްކޮޑެއް އެ ޓީމުގައި އެބައޮތެވެ. އަދި ނާސިރަށް އެހެން ބިރެއްވެސް އެބައޮތެވެ. އެއީ އަނިޔާ އާއި ސަސްޕެންޝަނާ ހެދި ނުކުޅެވުމެވެ.

"ނަމަވެސް މިނިވަން ޗެމްޕިއަންޝިޕްގައި ތިނަދޫ އަތުން ބަލިވެފައި އޮތީމަ ޓީމުގެ ކުޅުންތެރިން ވަރަށް ބޭނުންވޭ ތިނަދޫ އަތުން މޮޅުވާން." ނާސިރު ބުންޏެވެ.

މިލަންދޫ މިހާތަށް ކުޅުނު މެޗުތަކަުގައި ބޮޑެތި ޓީމުތަކަށްވެސް އެޓީމާ ދެކޮޅަށް ބޭނުން ގޮތެއް ހަދާ ނުލެވުނެވެ. ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާ އާއި ނިއު ރޭޑިއަންޓަށް ވެސް ބޭނުން ގޮތެއް ހަދައެއް ނުލެވުނެވެ. މިލަންދޫ ޓީމު ބޮޑަށް ބިނާ ކޮށްފައި ވަނީ ވަރުގަދަ ޑިފެންސިވް ގޭމް ޕްލޭނެއްގެ މައްޗަށެވެ.

ތިނަދޫ ޓީމުގެ ކޯޗް ހުއާން މެނުއަލް މާޓިނޭޒް ބުނީ މިލަންދޫ ބިނާ ވަނީ ހަމައެކަނި ޑިފެންސިވް ސްޓްރެޓެޖީއަށް ނޫން ކަމަށާއި އެ ޓީމަކީ ފުރުސަތު ތައް ތަނަވަސްކޮށްގެން ގޯލް ޖަހަންވެސް މަސައްކަތް ކުރާ ޓީމެއްވެސް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހަކީ މާޓިނޭޒް ތިނަދޫ ޓީމާ ހަވާލުވެގެން މަސައްކަތް ކުރާތާ 50 ދުވަސް ފުރުނު ދުވަހެވެ.. އޭނާ ބުނީ، މިދިޔަ 50 ދުވަސްތެރޭ އޭނާ އަށް އަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަަމަށާއި ކުޅުންތެރިން ލައްވައި އޭނާ ކުޅުވަން ބޭނުންވާ ސްޓައިލަށްވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް މިހަފުތާރަގައި ބައެއް ކުޅުންތެރިން ބަލިވެ އާއިލީ ކަމެއްގައި ދާން ޖެހުމުން އެންމެ ރަނގަޅަށް ޕްރެކްޓިސް ޝެޝަންތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ނަމަވެސް މެޗަށް ކުޅުންތެރިންގެ ރަނގަޅު އަންޑަސްޓޭޑިންނެއް އެބައޮތް ކަން އޭނާ ބުންޏެވެ.

ނާސިރު ބުނީ މެޗުން ތިން ޕޮއިންޓް ހޯދުމަށް ގޭމް ޕްލޭނަށް ގެންނަން ޖެހޭ ބަދަލު ގެނައި ނަމަވެސް އެކަމުގެ އުނދަގޫ ކުޅުންތެރިންނަށް ނުފޯރާނެ ކަމަށެވެ.

"ހަމައެކަނި ޑިފެންސެއް ނޫން ކަންނޭންގެ މިދިޔަ މެޗުތަކުގައިވެސް ކުޅެފައި ވަނީކީ،" ކުރިން ގައުމީ ޓީމުގެ ދިފައީ ރޮނގުވެސް ބެލެހެއްޓި ނާސިރު ބުންޏެވެ. "ނިއު ރޭޑިއަންޓާ ދެކޮޅަށް ވެސް ރަނގަޅު އެޓޭކްތަކެއް ކުރަން މަސައްކަތް ކޮށްފައި އެބަހުރި މި މެޗުގައި ތަން ކޮޅެއް ބޮޑަށް އެޓޭކް ރަނގަޅު ކުރާނަން."