ފަލަސްތީން

ހަމާސް އިން ޣައްޒާގައި ހިންގި ސަރުކާރު އުވާލައިފި

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ފަތަ ޖަމާއަތާ ދެކޮޅަށް 2006 ވަނަ އަހަރު ކުރި ހަނގުރާމައަށް ފަހު ހަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ހަމާސް) އިން ޣައްޒާގައި ހިންގަމުން އައި ސަރުކާރު އުވާލައި ދެ ޖަމާއަތް އެެއްބައިވުމަށް ނިންމައިފި އެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގައި ހިންގި ސަރުކާރު އުވާލީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި އެ ސަރުކާރުން ޣައްޒާގެ ކަންތައްތައް ބަލަހައްޓަން ދޫކޮށްލުމަށް ކަމަށެވެ. އަދި ރައީސް އައްބާސްގެ ފަތަހަ ޕާޓީއާއެކު ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމާސް އިން ޣައްޒާގައި އަމިއްލަ ވަކި ވެރިކަމެއް ހެދީ 2006 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބު އެ ޖަމާއަތުން ކާމިޔާބު ކުރުމުންް ރައީސް އަައްބާސް ޕާލަމެންޓް އުވާލައި ހަމާސްގެ ސަރުކާރު ވައްޓައިލުމުން އުފެދުނު ސިޔާސީ ހަމަނުޖެހުމުގަ އެވެ. އެ ހަމަ ނުޖެހުން ކުރު އަހުލީ ހަނގުރާމައަކަށް ބަދަލުވެ، ހަމާސްގެ ބާރުގެ ދަށް ދިޔައީ ޣައްޒާ އެވެ. އޭގެ ފަހުން އެ ދެ ޖަމާއަތް އެއްބައި ކުރުވައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރަން 2011 ވަނަ އަހަރާއި 2014 ވަނަ އަހަރު ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

ހަމާސްގެ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން ފަތަހަ ޖަމާއަތުން ބުނެފައި ވަނީ ދެބައި މީހުން އަލުން ގުޅެން ފަތަހަ ޖަމާއަތް އޮތީ ތައްޔާރަށް ކަމަށެވެ.

ހަމާސް އިން އެޖަމާއަތުގެ ގޮތް ދޫކޮށްފައި މިވަނީ އައްބާސްގެ ސަރުކާރުން ޣައްޒާއަށް ދަތި ކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެން އުޅޭތާ ދުވަސްތަކެއް ވީފަހުންނެވެ. އެގޮތުން ޣައްޒާއަށް ކަރަންޓް ދިނުމަށް ޓައި އިޒްރޭލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމާއި އެރަށުގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ބޭސް ފޯރު ނުކޮށްދީ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅިއެވެ. އިޒްރޭލަށް ފައިސާ ނުދެއްކުމުން ޣައްޒާގެ ރައްޔިތުންނަށް ދުވާލަކު ހަތަރު ގަޑި އިރަށް ވުރެ އިތުރަށް ކަރަންޓް ނުލިބޭތާ މިހާރު ވަނީ އެތައް ދުވަހެއް ވެފައެވެ. އަދި ބޭސް ފޯރުކޮށްދިނުން ހުއްޓައިލުން ހޮސްޕިޓަލުތަކުގެ ހާލަތު ވަރަށް ގޯސްވެ، އެތައް ކުޑަކުދިންނެއް މަރުވިއެވެ.