ކުޅިވަރު

ބޮޑު މޮޅަކާ އެކު ނިއު އެއް ވަނައިގައި ލީޑް ނަގައިފި

ދ. ކުޑަހުވަދޫގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ އަށް ނިއުރޭޑިއަންޓް ޖެހިލައިފި އެވެ.

މެޗުން މޮޅުވެ، ހޯދި ތިން ޕޮއިންޓާއެކު، ނިއު ތާވަލުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާއެކު، ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓީސީވެސް ވަނީ އެ އަދަދަށް ޕޮއިޓް ހޯދާފަ އެވެ. ނަމަވެސް މާޒިޔާ އަށް ޓީސީ އަށްވުރެ ފައިދާ ގޯލް ގިނަ އެވެ. ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާއެކު އޮތް ގްރީން ސްޓްރީޓެވެ.

މެޗުގައި ނިއު ޖެހި ހަ ގޯލްގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ލަނޑު، މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އެޑްރިއަން ގަލާޑޯ އެވެ. ގަލާޑޯ ލަނޑު ކާމިޔާބު ކުރީ ސެންޓޭ ނަގައިދިން ކޯނަރަކުން ތަނަވަސްވި ބޯޅައިން ނެވެ. އޭގެ ފަހުންވެސް ނިއު ވަނީ ކޯނަރަކުން ތަނަވަސްވި ބޯޅަ އަކުން ގޯލެއް ކާމިޔާބު ކޮށްފަ އެވެ. ސެންޓޭ ނެގި ކޯނަރު، ކުޑަހުވަދޫގެ ކުޅުންތެރިން ދިފާއު ކުރުމުން، ބޯޅަ ލިބުނީ ނިއުގެ މިދުހަތު ފަހްމީ އަށެވެ. އޭނާ ހުރަހެއް ގޮތަށް ނަގައިދިން ބޯޅަ ބިދޭސީ ޑިފެންޑަރު ކަންޑެލާ ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ. ނަމަވެސް އެސިސްޓެންޓް ރެފްރީ ދެއްކީ އޮފްސައިޑް ކަމަށެވެ. އޮފްސައިޑް ކަމަށް ނިންމުމުން، ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ވަނީ އެކަމާ އެޕީލްވެސް ކޮށްފަ އެވެ. ށެވެ.

ސެންޓޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 24 ވަނަ މިނެޓްގަ އެވެ. ކުޑަހުވަދޫގެ ޕެނަލްޓީ އޭރިއާ ކުރިމަތިން އެޓީމުގެ ކެޕްޓަން ރަޝާދު، ހިފައިގެން ދިޔަ ބޯޅަ ހޯދީ، ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ޕެނަލްޓީ އޭރިއާ ހަމަޔަށް ގޮސް، އޮއްޕޮ ބޯޅަ ދިނީ ސެންޓޭ އަށެވެ. ސެންޓޭ ވަނީ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. ފުރަތަމަ ހާފު ނިންމާލީ އެ ނަތީޖާގައި އޮވެގެން ނެވެ.

ދެ ވަނަ ހާފުގައި ނިއު އަށް ގޯލް ހުޅުވާލަ ދިނީ ވެސް ސެންޓޭ، އޭނާ ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފުގައި، ކުރީ ކޮޅު އޮއްޕޮއަށް ވެސް ވަނީ ގޯލް ޖަހާނެ ފުރުސަތެއް ލިބިފަ އެވެ.

ނިއުގެ ހަތަރު ވަނަ ލަނޑު، އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރީ، މެޗުގެ 73 ވަނަ މިނެޓްގައެވެ. އޭގެ ތިން މިނެޓް ފަހުން، ނިއުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން އަދުހަމް އެވެ. މިއީ ނިއުގެ ޖޯޒީގައި އަދުހަމް ކުޅުނު ފުރަތަމަ މެޗެވެ. މާލޭ ލީގްގައި ވިކްޓަރީއަށް ކުޅުމަށް ފަހު، ޖުލައި ޓްރާންސްފާގައި ނިއު އަށް އޭނާ ބަދަލުވިއިރުވެސް، އޭނާ ހުރީ އަނިޔާގަ އެވެ. އަނިޔާއިން ރަނގަޅު ވެގެން، ނިއުގެ ފަރިތަކުރުން ތަކުގައި އޭނާ ބައިވެރިވާން ފެށީ ދެ ހަފުތާ ކުރިންނެވެ.

ނިއުގެ ހަ ވަނަ ލަނޑު ކާމިޔާބު ކުރީ، ބިދޭސީ މިޑްފީލްޑާ ސްޓީވަން މާކޮވިޗެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 84 ވަނަ މިނެޓޤގަ އެވެ.