ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ސުޝާންތް ސިންގް ރާޖްޕުތާއި އާރް މާދަވަން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ޗަންދާ މަމާ ދޫރްކޭ" ގައި އެސްޓްރޮނޯޓުންގެ ރޯލު ކުޅެން މި ދެތަރިން އަންނަނީ ތައްޔާރު ވަމުންނެވެ.
އިންޑިއާގައި އުފައްދާ ފުރަތަމަ ސްޕޭސް ފިލްމަކީ މި ފިލްމެވެ. ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި އެސްޓްރޮނޯޓެއްގެ ރޯލު ކުޅެން އެއްބަސްވެ، އެކްޓަރު ނަވާޒުއްދީން ސިއްދީގީ އެ ރޯލު ދޫކޮށްލުމުން ވަނީ މާދަވަންގެ ރޯލު އިތުރުކޮށްފަ އެވެ.
މާދަވަންގެ ރޯލު ބޮޑުކޮށް އޭނާގެ ސްކްރީން ޓައިމް ޑައިރެކްޓަރު އިތުރު ކުރުމުން އެކަމާ ސުޝާންތް ހިތްހަމަ ނުޖެހިގެން އުޅޭ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
ނަވާޒުއްދީން ފިލްމު ކުޅެދޭން އެއްބަސްވި އަގު ޑައިރެކްޓަރުން ބޮޑުވެ އެ އަގު ދޭން އެެއްބަސް ނުވުން އޭނާ ފިލްމު ދޫކޮށްލުމުން އެ ރޯލު ކުޅެން އިތުރު އެކްޓަރަކު ނުނަގައި ޑައިރެކްޓަރު ވަނީ ފިލްމުގެ ސްކްރިޕްޓް ބަދަލުކޮށް މާދަވަންގެ ރޯލު ބޮޑުކޮށްފަ އެވެ.
މާދަވަންގެ ރޯލު ބޮޑު ކުރުމުން ސުޝާންތްގެ ރޯލާ އޭނާގެ ރޯލު ގާތްގަނޑަކަށް އެއްވަރުވީ އެވެ. ސުޝާންތް ލީޑްރޯލު ކުޅޭއިރު ސަޕޯޓިން އެކްޓަރުގެ ރޯލު ކުޅޭ ތަރިޔަކު އޭނާ އާއި އެއްވަރެއްގެ ރޯލެއް ކުޅޭތީ ހިތްހަމަނުޖެހިގެން ސުޝާންތް ވަނީ އޭނާގެ ކަންބޮޑުވުންތައް ފިލްމުގެ ޑައިރެކްޓަރާ ހިއްސާކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ސުޝާންތް މާދަވަން ދެކެވެސް ހިތްހަމަނުޖެހިގެން އުޅޭ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެއް ތަރިއަށް ވުރެން ގިނަ ތަރިން ހިމެނޭ ފިލްމުތަކުގައި ސްކްރީން ޓައިމިން އެކަކަށް ވުރެން އަނެކެއްގެ ގިނަ ވުމަކީ އާންމުކޮށް ތަރިންގެ މެދުގައި މައްސަލަ ޖެހޭ ކަމެކެވެ.
ސުޝާންތް ވަނީ މިދިޔަ މަހުގެ ތެރޭގައި ނާސާ އަށް ގޮސް އެސްޓްރޮނޯޓްގެ ބައެއް ތަމްރީނުތައް ހަދާފަ އެވެ.