ކުޅިވަރު

އެއްވަނައިގައި އޮންނަން ކުރަން ޖެހޭ މަސައްކަތް މާ ބުރަ: ބުރުޒޮން

Sep 18, 2017

ދެން އޮތީ، އެއް ވަނަ މަގާމުގައި ދެމި އޮންނަން ކުރަން ޖެހޭ މަސައްކަތް ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތް އަދި މާ ބުރަ ވާނެ ކަމަށް، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ މަގާމުގައި އޮތް ނިއު ރޭޑިއަންޓްގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނެފި އެވެ.

އިއްޔަ ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ނިއު، އެއް ވަނައިގައި އޮތީ، 15 ޕޮއިންޓާއެކު ދެ ޕޮއިންޓްގެ ލީޑެއް ގައެވެ. ލީގްގެ ފުރތަމަ ބުރުގައި މާޒިޔާ އަތުން ބަލިވުމުން، ބުރުޒޮން ބުނީ ލީގްގެ ފުރަތަމަ ބުރުގައި އޭނާގެ ޓާގެޓަކީ އެއް ވަނައިގައި ނުވަތަ ދެ ވަނައިގައި އޮވެގެން ނިންމާލުން ކަމަށެވެ. މިހާރު އެއް ވަނައިގައި އޭނާގެ ޓީމަށް ދެ ޕޮއިންޓްގެ ލީޑެއް އެބަ އޮތެވެ.

ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ޓީސީއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް މާޒިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން ނެވެ. ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާއެކު އޮތް ގްރީން ސްޓްރީޓެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން މި ކުޅެވުނީ ހަ މެޗު، އަހަރެމެން މިއޮތީ ތާވަލުގެ އެއް ވަނައިގައި، އެންމެ މުހިންމު ކަމަކީ ލީގް ނިމޭއިރު އެއް ވަނައިގައި އޮތުން،" އިއްޔަ ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ވާހަކަ ދައްކަމުން ބުރުޒޮން ބުންޏެވެ. "އަހަރެމެން މިއޮތީ ރަނގަޅު ފޯމެއްގައި ޓީމު ގައި ވަރުގަދަ ރޫހެއް އޮވެގެން މަސައްކަތް ކުރަނީ އެންމެ ބޮޑު ކަމަކީ މި މަސައްކަތުގެ ރޭޓް މިގޮތުގައި ބާއްވައިގެން ކުރިއަށް ދިއުން."

މިއީ، މި ސީޒަންގެ މުބާރާތްކުގައި ނިއު އަށް އެއް ވަނަ މަގާމުގައި ހަމަޖެހިލެވުނު ފުރަތަމަ ފަހަރެވެ. އޭނާ ބުނީ، މިއީ މިއަހަރު، ނިއުއަށް ދެވުނު އާ މަރުހަލާއެއް ކަމަށެވެ. އެ މަރުހަލާގައި ދެމިއޮތުމަށް ކުރަން ޖެހޭ މަސައްކަތަކީ އެންމެ އުނދަގޫ މަސައްކަތް ކަމަށް އޭނާ ވެސް ގަބޫލު ކުރާ ކަމަށް ބުރުޒޮން ބުންޏެވެ.

"ބަލަމާ އެކަމާ [އެއް ވަނައިގައި އޮންނަން] އަހަރެމެން ޑީލް ކުރަނީ ކިހިނެއްތޯ އަހަރެން މިހުރީ ވަރަށް މޯޓިވޭޓް މިހާރު އަހަރެމެން ޖެހޭނީ އަހަރެމެންގެ ވިސްނާ ގޮތް ބަދަލު ކުރަން، ތާވަލުގެ އެންމެ ކުރީގައި އޮތުމަކީ އެއްވެސް ބަޔަކަށް ނުވަތަ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން،" ބުރުޒޮން ބުންޏެވެ. "މަސައްކަތުގެ ރޭޓް މިހާރު މިއޮތް ލެވަލުގައި ކުރިއަށް ގެންދާން ޖެހޭނެ، އަހަންނަށް ޔަގީން ހުރީހާ ކުޅުންތެރިންނަށް ވެސް މިހާރު ބޫސްޓެއް ލިބިފައިވާ ކަން، އޭގެ ބޭނުން ލީގް ނިމެންދެން ބޭނުން ހިފަން ޖެހޭނެ."

އިއްޔަގެ މެޗުގައި ނިއު ކުޑަހުވަދޫ އަތުން މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ. ހަ ލަނޑުގެ ތެރއިން ދެ ލަނޑު ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ބުރުޒޮން ބުނީ އިއްޔަގެ މެޗަށް ނިކުތީ މޮޅުވުމުގެ އިތުރަށް ލަނޑުގެ ތަފާތުންވެސް އެހެން ޓީމުތަކަށް ވުރެ ކުރީގައި އޮތުމަށް އިސްކަން ދީގެން ކަމަށާއި އެކަންވެސް ހާސިލުވުމުން، އިތުރު ހިތްހަމަ ޖެހުމެއް އޭނާ އަށް ލިބިފައިވާ ކަމަށެވެ. މިހާރު ނިއު އަށް ފައިދާ ގޯލްގެ ގޮތުގައި 15 ގޯލް އެބައޮތެވެ.

ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށްވެސް ދެން އޮތީ އެންމެ މެޗެކެވެ. ނިއު ނިކުންނާނީ، ގދ. ތިނަދޫއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ. ހުކުރުދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ދ. ކުޑަހުވަދޫ އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލު ކުރާނީ މާޒިޔާ އާއި އއ. މާޅޮސް އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރަނީ ޓީސީ އާއި ގްރީން ސްޓްރީޓެވެ.