ވިޔަފާރި

ބޭރަށް ވިއްކި ބޮންޑުގެ ޑިމާންޑް 400 މިލިއަން ޑޮލަރުގައި

ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް ވިއްކި 200 މިލިއަން ޑޮލަރުގެ ބޮންޑަށް އުފެދުނު ޑިމާންޑުގެ އަގު 400 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް އޭޝިޔާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުނައްވަރު ވިދާޅުވީ ބޭރަށް ވިއްކި ބޮންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ޑޮލަރުގެ ބޮންޑެއް އިޝޫކުރަން ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެންޓަލް ބޭންކާއެކު މިދަނީ މަސައްކަތް ކުރަމުން ޓޫރިޒަމް ދާއިރާއަށް އިތުރު އިންވެސްޓްމަންޓް އަންނާނެ ފުރުސަތުތައް ތަނަވަސް ކޮށްދޭން،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ބޮންޑުގެ ގޮތުގައި 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކަން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ބޮންޑަކީ އެންމެ މަދުވެގެން ފަސް އަހަރު ތެރޭގައި އަނބުރާ ދައްކަން ޖެހޭ ފިކްސްޑް ކޫޕޮން ބޮންޑެއް ކަމަށެވެ. ބޮންޑު ވިއްކަން ހަވާލުކޮށްފައިވަނީ ސޮވަރިން ބޮންޑު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބޭންކް ކަމަށްވާ، ޖަރުމަނުގެ ޑޮއިޗޭ ބޭންކާ އެވެ.

ސަރުކާރުން ސޮވަރިން ބޮންޑް ވިއްކަން ހަވާލު ކުރި ޑޮއިޗޭ ބޭންކަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ބޭންކެވެ. މި ބޭންކުން މީގެ ކުރިން ހިންގާފައިވާ މިފަދަ ބައެއް މުއާމަލާތްތަކުގެ ތެރޭގައި ސްރީލަންކާގެ 1.5 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކައި ދިނުމާއި ޕާކިސްތާނުގެ އެއް ބިލިއަން ސުކުން އިޝޫ ކުރުން ހިމެނެ އެވެ.