ވިޔަފާރި

2019 ނިމޭއިރު ދަރަނި 55 ބިލިއަން ރުފިޔާ އަށް

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 55 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް މިއަދު ފޮނުއްވި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުންނާނީ 48 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި އެތެރޭގެ ދަރަނީގެ ގޮތުގައި ހުންނާނީ 27 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ޖުމްލަ ދަރަނި 55 މިލިއަން ރުފިޔާއަށް އިތުރުވާއިރު، އެތެރޭގެ ދަރަނި އަންނަ އަހަރު އުޅޭނީ 29 ބިލިއަން ރުފިޔާގަ އެވެ.

ބަޖެޓު ގޮތުގައިވާ ގޮތުން ބޭރުގެ ލޯނުތައް ދެއްކުމަށް މި އަހަރު 1.1 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި އެތެރޭގެ ލޯނުތަކަށް ސަރުކާރުން 974 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާ ސަރުކާރުގެ ބައެއް ސިޔާސަތުތައް ވެސް ހިމަނައިގެން ހުށަހެޅި މި ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް 25 ބިލިއަން ރުފިޔާ ހާއްސަ ކުރެވިފައިވެ އެވެ. މި ބަޖެޓުގައި އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 23 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓު ޑެފިސިޓް "ދަރަނީ" 3.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލިފައިވެ އެވެ.