ވިޔަފާރި

ދައުލަތުގެ ދަރަންޏާއި ހަރަދު، އާމްދަނީ ތަފްސީލާއެކު އާއްމު ކުރަން ފަށަނީ

ދައުލަތުގެ ދަރަންޏާއި ހަރަދު އަދި އާމްދަނީގެ މައުލޫމާތު މަހުން މަހަށް އަދި ތިން މަހުން އެއް ފަހަރު، އާއްމު ކުރަން ފަށަން ފިނޭންސް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ.

ދައުލަތުގެ މާލީ ނިޒާމް ބެލެހެއްޓުން ވަރުގަދަ ކުރުމަށް ވޯލްޑް ބޭންކުން ދިން ފައިނޭންޝަލް ޕެކޭޖާ ހަވާލުވާން، ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތައް މިހާރު ވެސް މަރުކަޒީ ބޭންކާއި އެ މިނިސްޓްރީން ވެސް އާއްމު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރު އަލަށް ގެނައި ބަދަލާއެކު މި ހިސާބުތައް އިތުރު ތަފުސީލާއެކު ހާމަ ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހާމަކުރި މައުލޫމާތުގައި ހުންނާނެ އޮފީސްތަކާއި އެހެނިހެން ހަރަދުތައްވެސް ކޮމްޕެރިސަސްކޮށް ހާމަކޮށްފަ. އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން ކޮމްންޓްރީކޮށް ފިނޭންސް މިނިސްޓްރީން ތަފްސީލް ކިޔައި ދިނުން،" މުނައްވަރު ވިދާޅުވި އެވެ.

މިހާރު ހާމަކުރި މައުލޫމާތުގައި ހުންނާނެ އޮފީސްތަކާއި އެހެނިހެން ހަރަދުތައްވެސް ކޮމްޕެރިސަސްކޮށް ހާމަކޮށްފަ. އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން ކޮމްންޓްރީކޮށް ފިނޭންސް މިނިސްޓްރީން ތަފްސީލް ކިޔައި ދިނުން
އަހުމަދު މުނައްވަރު | ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އެ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މާލީ ހިސާބުގެ މައުލޫމާތުތައް ދިވެހި ބަހުން އާއްމު ކުރުން ކަމަށެވެ.

"ދިވެހިން އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އާއްމު ކުރާނެ. އޭރުން ނޫސްވެރިންނަށްވެސް ތަރުޖަމާ ކުރަން ވަގުތު ނުނަގައި ފަސޭހަ ވެގެންދާނެ. މީގެ އިތުރުން ފިޒިކަލް ނަމްބާސްގެ އިތުރުން ދަރަނީގެ މައުލޫމާތުވެސް ހިމެނޭނެ. ކުއާޓަލީ ބްލެޓިންއެއްވެސް ހިމެނޭ. މިކަން ކުރުމުގައި ވޯލްޑް ބޭންކުގެ ވަރަށް ބޮޑު އެހީއެއް ލިބޭ. ކުރިން މި މައުލޫމާތު އަޅަން އުނދަގޫ. ނަމަވެސް މިހާރު ވަރަށް ފަސޭހަ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ މާލީ މައުލޫމާތުތައް އާއްމު ކުރަން ފެށުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ފުރަތަމަ ފަހަރަށް ވަނީ މިދިޔަ މަހު ވަނީ "މަންތްލީ ފިޒްކަލް ޑިވްލޮޕްމަންޓްސް" ގެ ނަމުގައި އާއްމުކޮށްފަ އެވެ. މި މައުލޫމާތުތަކުގައި މެއި މަހު ދައުލަތަށް ލިބުނު އެހީއާއި އާމްދަނީ އަދި ހަރަދުގެ މައުލޫމާތު ސާފުކޮށް ބުނެދީފައިވެ އެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ މާލީ މައުލޫމާތުވެސް މިދިޔަ އަހަރުގެ މެއި މަހު އަޅާ ކިޔޭ ގޮތަށް ވަނީ އާއްމުކޮށްފަ އެވެ.