ރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމުތައް ވީހާވެސް ބޮޑަށް ނަގުދު ފައިސާއަށް ބަރޯސާ ނުވެ، ޑިޖިޓަލް ޕޭމަންޓްތަކާ ހަމައަށް ގެންދިއުމަކީ މަރުކަޒީ ބޭންކުގެ އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 2022 ވަނަ އަހަރާ ހަމައަށް އެކުލަވާލި، "އެމްއެމްއޭގެ ސްޓްރެޓިޖިކް ޕްލޭން" އިއްޔެ ވަނީ ތައާރަފުކޮށްފަ އެވެ. ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނަންވަރެވެ.
މި ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ ރާއްޖެ ޑިޖިޓަލް ޕޭމަންޓްތަކާ ހަމައަށް ގެންދިއުމަކީ އަމާޒެއް ކަމަށާ، ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ މި ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.
"ވީހާ ވެސް ގިނަ ބަޔަކަށް މާލީ ގޮތުން ބައިވެރިވެވޭ، އަދި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ފައިނޭންޝަލް ހިދުމަތްތައް ލިބޭނެ ގޮތަކަށް ފައިނޭންޝަލް ސެކްޓަ ބައްޓަން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ލަނޑުދަނޑި،" ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމްއޭގެ ސްޓްރެޓިޖިކް ޕްލޭންގެ ގޯލްތައް:
- މަނިޓަރީ ޕޮލިސީ ހިންގުން ހަރުދަނާ ކުރުން
- ފައިނޭންޝަލް ސެކްޓަރު ސްޓެބިލިޓީ ދެމެހެއްޓުމާއި ރައްކާތެރި އަދި އެފިޝަންޓް ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުން
- އެމްއެމްއޭ އިން ސަރުކާރަށް ދޭ ބޭންކިން ހިދުމަތް އިތުރަށް ތަރައްގީ ކުރުން، އެމްއެމްއޭގެ އުފެއްދުންތެރިކަމާއި ގަވަނަންސް ހަރުދަނާކުރުން
- އިގްތިސާދީ ދިރާސާތަކާއި ތަފާސްހިސާބު ހަރުދަނާކުރުން
- މާލީ ދާއިރާ ތަރައްގީކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން
މި ރަސްމިއްޔާތުގައި އިތުރަށް ގަވަރުނަރު ވިދާޅުވީ މާލީ މައްސަލަތަކަށް ހައްލު ހޯދޭނީ ދިވެހިންނަށް ކަމަށާއި، ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެ އަށް ވެސް ރާއްޖެ ދަނީ މިސާލު ދައްކަމުންދާ ކަމަށެވެ. ރާއްޖޭގެ މައްސަލަތަކުގެ ހައްލުހޯދުމުގެ ގާބިލުކަން ދިވެހިންގެ އެބަހުރި ކަމަށް ނަސީރު ވިދާޅުވި އެވެ.