ހަބަރު

13 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

Sep 18, 2017
4

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ސަސްޕެންޑް ކުރި 54 ވަކީލުންގެ ތެރޭގައި ހިމެނޭ ބައެއް ވަކީލުންގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން އުވާލައި އެ ވަކީލުންނަށް ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ވަކީލުންގެ ސަސްޕެންޝަން އުވާލި ސަބަބެއް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، އެ ވަކީލުންގެ މައްސަލަ ބެލުމަށްފަހު އެ ވަކީލުން އިތުރަށް ސަސްޕެންޝަންގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ.

އެހެން ކަމުން ޕެޓިޝަނާ ގުޅިގެން ސަސްޕެންޑް ކުރި ވަކީލުންގެ އަދަދު 41 އަށް މި ވަނީ ތިރިވެފަ އެވެ.

ވަކީލުން ސަސްޕެންޑް ކުރި ސަބަބެއް ކަމަށް ޑީޖޭއޭ އިން މީގެ ކުރިން ބުނީ، ވަކީލުންތަކެއް އަދުލު އިންސާފުގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްސާސްތަކާއި ކޯޓުތަކުގެ އިޖުރާއުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފަށް ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަތީ ކަމަށެވެ.

މިހާ ގިނަ ވަކީލުން ސަސްޕެންޑް ކުރުމުގެ ސަބަބުން ބައެއް ޝަރީއަތްތައް ހުއްޓިދާނެ ކަމުގެ ބިރުވެސް އޮތީ ބޮޑުވެފަ އެވެ. އަދި އެކަމާ މެދު ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކުން މީގެ ކުރިން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސެންއިން އާއި އެހެން ވެސް ކުރީގެ ބައެއް ފަނޑިޔާރުން ސޮއި ކުރައްވައި އިއްޔެ ވަނީ ސުޕްރީމް ކޯޓަށް އަނެއްކާ ވެސް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި ވެސް 35 ވަކީލަކު ސޮއި ކުރައްވާފައިވެ އެވެ.