ބޮލީވުޑް

"ބާގީ 2" އަށް ޓައިގާ ބޯ ތަލަކޮށްލަނީ

Sep 19, 2017

މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ބާގީ" އަށް ލިބުނު ބޮޑު ކާމިޔާބާއެކު ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާ ވަނީ މި ސިލްސިލާގެ ދެވަނަ ފިލްމެއް ވެސް އުފައްދަން ނިންމައި ޝޫޓިން ވެސް ފަށާފަ އެވެ.

"ބާގީ 2" ގެ ނަމުގައި އުފައްދަން ނިންމި އެ ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ފެށިގެން ކުރިއަށް އަންނައިރު މި ފިލްމުގައި އެކްޓަރު ޓައިގާ ޝްރޮފާއެކު ފެނިގެންދާނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ބަތަލާ ދިޝާ ޕަޓާނީ އެވެ.

"ބާގީ" ގައި ޓައިގާ ވަނީ އާދަޔާ ހިލާފު މޮޅު އެކްޝަން މަންޒަރުތަކާއި ޑާންސް ތަކުން ބެލުންތެރިން އާޝޯހު ކޮށްލާފަ އެވެ. އެގޮތުން މި ސިލްސިލާގެ ދެވަނަ ފިލްމުގައި އޭނާ ފެނިގެންދާނީ މުޅިން ތަފާތު ކޮށެވެ.

ފުރަތަމަ ފިލްމަށް ވުރެން ދެވަނަ ފިލްމުގައި ޓައިގާ ފެނިގެންދާނީ ބިޔަކޮށެވެ. އޭނާގެ ގައިގެ މަސްތައް ވަރުގަދަކޮށް ފެނިގެންދާނެއިރު "ބާގީ 2" ގައި އެކްޝަން މަަންޒަރުތަކާއި ނެށުންތައް ވެސް ކުރީ ފިލްމަށް ވުރެން މޮޅުވާނެ އެވެ. އަދި މި ފިލްމުގައި ޓައިގާ ފެނިގެންދާނެ ގޮތް ވެސް ތަފާތެވެ. އެއީ ޓައިގާ ވަރުގަދަ އިސްތަށިގަނޑު ކޮށާލައި މި ފިލްމަށް ބޯ ތަލަކުރުމެވެ.

ޓައިގާގެ އިތުރުން މިހާރުގެ ސުޕަސްޓާރުންގެ ތެރެއިން އާމިރް ޚާން އާއި ސަލްމާން ޚާން ވަނީ އެ ދެތަރިންގެ ކާމިޔާބު ފިލްމު "ގަޖިނީ" އާއި
ތޭރޭ ނާމް" އަށް ވެސް ބޯ ތަލަކޮށްފަ އެވެ.

"ބާގީ 2" އަށް ބެލުންތެރިން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދަނީ މި ފިލްމުގައި މޮޅެތި އެކްޝަން މަންޒަރުތަކާއި ޓައިގާގެ މޮޅެތި ނެށުންތައް ފެނިގެންދާނެތީ އެކަންޏެއް ނޫނެވެ. އޭނާ އާއެކު ފެނިގެންދާ ބަތަލާ ދިޝާ އަކީ ހަގީގީ ލޯބިވެރިޔާ އަށް ވާތީ އެވެ.

"ބާގީ 2" އަކީ ސާޖިދް އުފައްދާ ފިލްމަކުން ޓައިގާ ފެނިގެންދާ ތިން ވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް ނިކުން ފިލްމު "ހީރޯޕަންތީ" އަކީ ވެސް ސާޖިދް އުފެއްދި ފިލްމެކެވެ.

މި ސިލްސިލާގެ ފުރަތަމަ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސަބީރް ޚާން ނަމަވެސް ދެވަނަ ފިލްމު ޑައިރެކްޓް ކުރަނީ މަޝްހޫރު ކޮރިއޮގްރާފާ އަހްމަދު ޚާން އެވެ.

"ބާގީ 2" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް 27 ވަނަ ދުވަހު އެވެ.