ކުޅިވަރު

ޕޮލިހާއި މޯލްޑިވިއަންއަށް ރަނގަޅަށް ފަށައިފި

Sep 19, 2017

އިއްޔެ ފެށި، ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުތައް ކާމިޔާބު ކޮށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބު މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި، މޯލްޑްވިއަން ނުކުތީ އަސްޕަރޭޝަން އެންޑް އިންސްޕަރޭޝަން (އާއި) ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މޯލްޑިވިއަން މެޗު ކާމިޔަބު ކުރީ 3-1 ސެޓުން ނެވެ.

ފުރަތަމަ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ، 25-14 އިން ނެވެ. ދެ ވަނަ ސެޓް 25-10 އިން ނެވެ. ތިން ވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރި ކޮށެވެ. އެ ސެޓް، އާއީ ސްޕޯޓްސް ކާމިޔާބު ކުރީ 26-24 އިން ނެވެ. ހަތަރު ވަނަ ސޓް މޯލްޑިވިއަން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 25-10 އިން ނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އަހްމަދު ފާޒިލް އެވެ.

ރޭ ކުޅުނު މުބާރާތުގެ ދެ ވަނަ މެޗުގައި، ޕޮލިސް ކުލަބު ނިކުތީ މަލްސަން ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ޕޮލިސް ކުލަބު މެޗު ކާމިޔާބު ކުރީ، 3-1 ސެޓުން ނެވެ. އެ މެޗުގެ ހުރިހާ ސެޓެއް ވެސް ދިޔައީ ވަރަށް ފޯރި ގަދަ ކޮށެވެ.

ފުރަތަމަ ސެޓް ޕޮލިސް ކާމިޔާބު ކުރީ 27-25 އިން ނެވެ. ދެ ވަނަ ސެޓް މަލްސަން ކާމިޔާބު ކުރީ 26-24 އިން ނެވެ. ޖެހިގެން އައި ދެ ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-23 އަދި 25-21 އިން ނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ޑީޕްތީ ރޮމޭޝް އެވެ.

މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ވަން އެންޑް އޮންލީ ރީތި ރަށެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސީލައިފް ސްޕޯޓްސް ކުލަބާއި ގްޑީސް ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހު 28 ވަނަ ދުވަހުގެ ރޭ ގަ އެވެ.