ކުޅިވަރު

10 މަހަށް ފަހު ވީއޭއެމްގެ ޖީއެސް ކަމަށް އަދީލް

Sep 19, 2017

ރާއްޖޭގެ ވޮލީބޯޅަ އެސޮސިއޭޝަން (ވީއޭއެމް) ގެ ޖެނަރަލް ސެކެޓްރީ ކަމަށް 10 މަހަށް ފަހު ބޭފުޅަކު ހަމަޖައްސައިފި އެވެ. ޖެނަރަލް ސެކެޓްރީ ކަމަށް ހަމަޖައްސާފައި ވަނީ، މަޝްހޫރު ވޮލީ ކޯޗް މުހައްމަދު އަދީލް (ބޭބެ) އެވެ.

އަދީލް ކުރިން ހުރީ، ވީއޭއެމްގެ ކޯޗާސް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމުގެ މަގާމުގަ އެވެ. އަދީލް ވިދާޅުވީ، ޖެނަރަލް ސެކެޓްރީގެ މަގާމާ ހަވާލުވުމުގެ ގޮތުން، އޭނާ ކޯޗާސް އެސޯސިއޭޝަނުން އިސްތިއުފާ ދީފައި ވާނެ ކަމަށެވެ.

ވީއޭއެމްގެ މިހާރުގެ ރައީސް، މުހައްމަދު ލަތީފް ވީއޭއެމްގެ ރައީސް ކަމާ ހަވާލުވެ، އެންމެ ފުރަތަމަ ޖެނަރަލް ސެކެޓްރީ ކަމަށް ހަމަޖެއްސީ، އެފްއޭއެމް އާއި ބާސެކްޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ކުރީގެ ޖެނަރަލް ސެކެޓްރީ މުހައްމަދު އާދަމް އެވެ. މުހައްމަދު އިސްތިއުފާ ދެއްވީ، އޭނާ މަގާމާ ހަވާލުވިތާ އެއް މަސް ފަހުންނެވެ. އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން، މީޑިއާގައި އެއްޗެއް ވިދާޅުވާން މުހައްމަދު ބޭނުމެއް ނުވެ އެވެ. މުހައްމަދު އިސްތިއުފާ ދެއްވި ފަހުން، ވީއޭއެމުން ވަނީ ޖެނަރަލް ސެކެޓްރީ އެއް ހޯދުމަށް އިއުލާންވެސް ކޮށްފަ އެވެ.

އަދީލް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ އިސްކަން ދެއްވާނީ، ވީއޭއެމްގެ އިދާރީ މައްސލަތައް ހައްލު ކުރުމަށް ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ ވީއޭއެމްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިދާރީ ކަންކަން ރަނގަޅު ކުރުން، ހިންގުން ހަރުދަނާ ކޮށްގެން ނުނީޔާ ޓެކްނިކަލް ޑިވްލަޕްމެންޓް ޕްރޮގްރާމްތަކެއް ކުރިއަކަށް ނުގެންދެވޭނެ،" އަދީލް ވިދާޅުވި އެވެ. "ޓެކްނިކަލް ސައިޑުން ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމް އަލުން ފެށުމާ އަތޮޅު ތެރޭގައި ވީއޭއެމްގެ ހަރަކާތް ފުޅާ ކުރުން ހިމެނޭ، މިވަގުތު މާލެ އަށް އެހަ ބޮޑަށް ފޯކަސް ނުކޮށް އަތޮޅު ތެރެއަށް ބޯޑަށް އިސްކަން ދިނުމުގެ ވިސްނުމެއް ހުރީ."

އޭނާ ވިދާޅުވީ، މިވަގުތު ފުވައްމުލަކުގައި ވެސް ކޯޗިން ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްދާ ކަަމށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.