ކުޅިވަރު

ރާސްތާ ދިގު ނަމަވެސް އަލި މަގެއް ފެންނާނެ

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތަކީ، ރާސްތާ ދިގު މަސައްކަތެއް ކަމަށާއި ނަމަވެސް އާހިރުގައި އަލި މަގެއް ފެންނާނެ އެވެ. މިއީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔަ ކުރެއްވި ޓްވީޓުން އަޅުގަނޑަށް ކުރެވޭ ތަރުޖަމާ އެވެ. "ފުޓްބޯޅަ" މި ލަފުޒު ބޭނުން ނުކުރެއްވި ނަމަވެސް، ބައްސާމްގެ ޓްވީޓުން ދޭހަވާ މާނަ އަކީ އެއީ އެވެ.

"އުނދަގޫ ރާސްތާ އެއް ނަމަވެސް ﷲ އިރާދަ ކުރެއްވިއްޔާ ނިމޭއިރު އަލި މަގެއް ފެންނާނެ." މިއީ ބައްސާމްގެ ޓްވީޓްގައި ބުނެފައިވާ މައިގަނޑު ވާހަކަ އެވެ. ދެން އޭނަ ޓެގްކޮށްފައި ވަނީ ހަތަރު ލަފުޒެވެ. "ޕޭޝަންސް" "ޑިވްލަޕްމެންޓް" "ޕްރޮމިސިން" "ފިއުޗާ" އެވެ. މި ހަތަރު ލަފުޒަކީވެސް، ފުޓްބޯޅައިގެ ފިލޯސަފީގައި ހިމެނޭ ލަފުޒުތަކެކެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން ބައްސާމްއަށް ކުރަން ޖެހޭ މަސައްކަތް ލުއި ނޫން ކަން މިދިޔަ 10 ވަރަށް މަސް ތެރޭވެސް އެނގެ އެވެ. ގައުމީ ޓީމު ތަކުގެ ނަތީޖާތަކަށް ބެލި ނަމަވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަން އެނގެ އެވެ.

މިދިޔަ ހަފުތާގައި ބައްސާމް އާއި އެފްއޭއެމްގެ ޓީމެއް ހޭދަ ކުރެއްވީ ރާއްޖޭގެ އެންމެ ދެކުނު އައްޑޫ ސިޓީ ގައެވެ. އައްޑޫއަށް ވަޑައިގެން، މިނިވަން ޗެމްޕިއަންޝިޕް ޓީމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، ފުޓްބޯޅަގެ ޑިވްލަޕްމެންޓާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް އެފްއޭމުން ބުނެ އެވެ. ބައްސާމް މި ޓްވީޓް ކުރެއްވީ، އައްޑޫގެ ހިންގި ހަރަކާތްތަކަށް ފަހު އެވެ.

ފުޓްބޯޅައިގެ ޑިވްލަޕްމެންޓް މަސައްކަތަކީ، އުނދަގޫ މަސައްކަތެކެވެ. ނަމަވެސް ބައްސާމް ދިން ޔަގީން ކަމަކީ އޭނާގެ ދައުރުގެ މަސައްކަތް ނިމޭއިރު، ރައްޖޭގެ ފުޓްބޯޅައަށް އަލިމަގެއް ފެންނާނެ ކަމެވެ. އޭނާގެ ޓްވީޓްގައި "ފިއުޗާ" ނުވަތަ "ކުރިމަގު" މި ލަފުޒު ހިމަނުއްވާފައި ވުމުން، ގްރާސް ރޫޓަށާއި ޅަފުރާގެ ކުދިންނަށް ދޭ އިސްކަން އެނގެ އެވެ. ޒުވާން ގައުމީ ޓީމުތައް އެފްއޭއެމުން ދިން އިސްކަން އެނގިގެން ދިޔައީ ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކަށް ކޯޗް ކޮށްދިން ތަޖުރިބާ ކާރު ކޯޗުން ގެނެސް، ޒުވާން ޓީމުތަކުގެ ހެޑް ކޯޗުންނަށް ހަމަޖެއްސުމުންނެވެ. ރަނގަޅު ބަދަލކެވެ. ކުރިއަށް އޮތްތަނުގައި އެ ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރަމެވެ.

ބައްސާމް ކުރެއްވި ޓްވީޓް

ކަނޑައެޅި އެންމެ ބާރު މިނަށް ކަންކަން ނުދާކަމަށް ބުނެ، ބައްސާމް އާއި އެފްއޭއެމްއަށް ކުރިމަތި ކުރި ފާޑު ކިޔުންތައްވެސް އޮތީ އެވެ. ހާއްސަކޮށް ގައުމީ ޓީމުގެ މެޗަށް ފަހު، އެފްއޭއެމް އަށް އޮއްސާލާ ފާޑު ކިޔުން ބޮޑެވެ. ރެފްރީންގެ ކަންކަން ހަރުދަނާ ކުރުމަށް އެންމެ އެކަށޭނެ ފިޔަވަޅު އެޅުން ލަސް ކަމަށް ބުނެ، ކުރިމަތިވާ ފާޑު ކިޔުން ވަކިން ކުޑައެއް ނޫނެވެ.

ދެން އޮތީ، ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަލެވެ. ރަނގަޅު އެހެން ނަމަވެސް، ބޮޑު ފޫ ނުބެދުމެއް ފެންމަތިވި ކަމެކެވެ. މި ހުރިހާ ކަންބޮޑުވުންތަކުގެ ޖަވާބު ބައްސާމްގެ ޓްވީޓުން ރަމުޒުކޮށްދެ އެވެ. އުނދަގޫ މަސައްކަތެކެވެ. ނަމަވެސް އާހިރުގައި އަލިމަގެއް ފެންނާނެ އެވެ. ދެން އޮތީ އެ ރާސްތާގެ ނިމޭ ހިސާބަށް ދެވޭއިރު ފެންނާނެ "އަލި މަގު" ގެ ތަސައްވުރެވެ.

"އަޅުގަނޑަށް ފެންނަނީ އަތޮޅުތެރޭގައި ގްރާސް ނުވަތަ ޓާފް ދަނޑުތަކެއް އެޅިފައިވާތަން އަޅުގަނޑުމެންގެ އެކްސްކޯގެ ޓާގެޓަކީ އަތޮޅުތެރޭގައި ގަތްގާތްގަނޑަކަށް އަށްވަރަކަށް ދަނޑު ހެދޭތޯ ބެލުން ނުވަތަ އެ އަދަދާ ގާތް ކުރާ ވަރަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މަގާމާ ހަވާލު އަވަސް އަށް ދީފައިވާ އިންޓަވިއު އެއްގައި ބައްސާމް ވިދާޅު ވެފައި ވެއެވެ. "އެފްއޭއެމް އިތުރު ބަޔަކަށް ބަރޯސާ ނުވެ ހިންގާ ތަން އިރާދަ ކުރެއްވިއްޔާ ފެނިގެންދާނެ އަދި ކުލަބު ތައްވެސް އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ކުލަބުތަކުގެ ގޮތުގައި ފެނިގެން ދިއުމަކީ އަޅުގަނޑުގެ ޓާގެޓެއް ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ވަރަށް ވާދަވެރިވެގެން ދާނެ މި ހަތަރު އަހަރު ނިމޭއިރު ރާއްޖޭގެ ފުޓްބޯޅަ އިންނާނީ ވަރަށް އުންމިދީ ހިސާބެއްގައިކަން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް އެބަފެނޭ ފުޓްބޯޅަ އިންނަނީ ދެގުނަ ނުވަތަ ތިން ގުނަ މަތީގައި."

ނޮވެމްބަރު 20 ވަނަ ދުވަހު ބައްސާމްގެ ދައުރަށް އެއް އަހަރު ފުރޭނެ އެވެ. ފުރަތަމަ އަހަރުގެ މަސައްކަތައް ދޭނެ ރިޕޯޓެއް އެނގޭނީ ފުޓްބޯޅަ ސަޕޯޓަރުން ނަށެވެ.