ރާއްޖެ ކުޅިވަރު

ވެލެންސިއާ ބަލިކޮށް ޓީސީ އަށް ރަނގަޅު ފެށުމެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ، ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބް އިން ފެށުން ރަނގަޅުކޮށްފި އެވެ.

ފުރަތަމަ ޑިވިޝަންގައި ޓީސީން ކުޅުނު ފުރަތަމަ މެޗުގެ 20 ވަނަ މިނިޓުގައި ޓީސީ އަށް ލީޑު ހޯދައިދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވީބީ އައްޑޫ އެފްސީ އަށް ކުރިން ކުޅުނު ފޯވަޑް އަލީ ނާފިއު (ކަޅޭ) އެވެ. ޓީސީގެ ޒުވާން ފޯވަޑް ނާއިޒް ހަސަން ތަނަވަސްކޮށްދިން ފުރުސަތުގައި ކަޅޭ ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 74 ވަނަ މިނިޓުގައި ޓީސީގެ ދެވަނަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ. ޓީސީގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާމްބޭ) ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ރަފީނިއާ ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މި މޮޅު ޓީސީން ހާއްސަކުރަނީ މާދަމާ އުފަން ދުވަސް ފާހަގަކުރާ އެ ކްލަބުގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) އަށް ކަމަށެވެ. އަދި މެޗުގައި ޓީސީގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް، މެޗުން މޮޅުވުމުްނ ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ މެޗު ވީމަ ކުޅުންތެރިން ޕްރެޝަރު އޮތް. މިވީހާ ދުވަހު ފަރިތަކުރުންތަކުގައި ކުޅުންތެރިން ދައްކާ ޕާފޯމަންސް އަށްވުރެ މި މެޗުގެ ޕާފޯމަންސް ދަށް. އެކަމަކު ފުރަަތަމަ މެޗު ވީމަ އެހެން ވެދާނެ. މިހެން ބުންޏަސް ހަމަ ރަނގަޅަށް ކުޅުނު ވަގުތުތައް ދިޔަ. ހާއްސަކޮށް ދެވަނަ ހާފުގެ ފަހުކޮޅު ވަރަށް ރަނގަޅަށް ކުޅުނު،" ނިޒާމް ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުހައްމަަދު އިގުބާލް ބުނީ މެޗުން ވެލެންސިއާ ބަލިވީ އެ ޓީމުން ފެށުން ގޯސްވުމުން ކަމަށެވެ.

"މެދުތެރެއިން ކުޅޭ ދެ ކުޅުންތެރިން ކުޅުން ދަށްވެފައި، ފެށިއިރު ކިކެއް ނެތުމުން އަސްލު މެޗު މި ގެއްލިގެން ދިޔައީ. ތަންކޮޅެއް ދަށްކޮށް ފެށުނީ. ދެވަނަ ހާފައުގައި މަދުތެރެއަށް ބަދަލެއް ގެނެސްގެން ފެށުމުން ކުޅުން ރަނގަޅުވި،" އިގުބާލް ބުންޏެވެ.