ބޮލީވުޑް

ތާޕްސީއެއް ނޫން، ޖޯންގެ ބަތަލާއަކަށް ކްރީތީ

Sep 20, 2017

ސްޕެނިޝް ފިލްމު، "ދަ އިންވިޒިބްލް ގެސްޓް" ގެ އަސްލަކަށް އުފައްދާ ހިންދީ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އެވެ. ޖޯން އާއެކު މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނެ ކަމަށް ކުރިން އަޑުތައް އަރާފައި އޮތީ "ޕިންކު" ކުޅެގެން ވިދާލި ތާޕްސީ ޕަނޫ އެވެ.

ނަމަވެސް ބަތަލާގެ ރޯލު ކުޅެން ތާޕްސީ ހަމަޖެއްސުމަށްފަހު ވެސް އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިން ފިލްމުގެ ޕްރޮޑިއުސަރުންގެ މެދުގައި ބަތަލާ އާ މެދު ހިޔާލުތަފާތުވުންތަކެއް އުފެދި އެންމެފަހުން އެ ރޯލު ވަނީ "ރާބްތާ" ގެ ބަތަލާ ކްރީތީ ސަނޮން އަށް ހުށަހަޅާފަ އެވެ.

މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ ލަކްޝަޔަ ޑައިރެކްޓްކުރާ މި ފިލްމަކީ ޖޯން އަބްރަހަމްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ޖޯން އަބްރަހަމް އެންޓަޓެއިންމަންޓާއި ކްރީއާޖް އެންޓަޓެއިންމަންޓް އަދި ސުނިރް ކެތެރްޕާލް ގުޅިގެން އުފައްދާ ފިލްމެކެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ތާޕްސީ ބޭރުކޮށް، ކްރީތީ އަށް މި ފިލްމުގެ ބަތަލާގެ ރޯލު ދީފައިވާ ތާޕްސީ ފިލްމު ކުޅެދޭން ކީ އަގު ބޮޑުވެގެން ނުވަތަ ފިލްމުގެ ޝޫޓިން ފަށާ ތާރީހުގައި އޭނާ އަށް ފިލްމަށް ވަގުތު ނުދެވޭތީކީ ނޫނެވެ. އިއްތިފާގުން ތިން ޕްރޮޑިއުސަރުންނަށް ވެސް ތާޕްސީ އަށް ވުރެން މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެން ކްރީތީ މާ ރަނގަޅު ކަމަށް ފެނުމުންނެވެ.

ބުނެވޭ ގޮތުގައި ސްޕެނިޝް ފިލްމު ހިންދީ ރިމޭކް ރައިޓްސް އޮތީ ސުނިރް އަތުގަ އެވެ. އަދި މި ފިލްމު އުފެއްދުމުގެ ހިޔާލު އޭނާ ގެންގުޅެން ފެށުމާ އެކު ވަނީ ފިލްމުގެ ބަތަލާގެ ރޯލު ތާޕްސީ އަށް ދޭނެ ކަމަށް ބުނެފަ އެވެ. އަދި ޖޯން ވެސް ސުނިރްގެ އެ ނިންމުމަށް ތާއީދުކުރި ނަމަވެސް ކްރީއާޖްއިން ޕްރޮޑިއުސަރެއްގެ ގޮތުގައި އޮންބޯޑްވި ހިސާބުން އެމީހުން ވަނީ ތާޕްސީ އަށް ވުރެން ކްރީތީ ބަތަލާގެ ރޯލަށް ހުރިހާ ގޮތަކުން ވެސް މޮޅު ކަމަށް ބުނެ އޭނާ އެ ރޯލު ކުޅެން ނަގާފަ އެވެ.

ކްރީތީ އަށް މި ފިލްމު ހުށަހަޅައި ފިލްމު ކުޅެން މިހާރު ވަނީ ސޮއިކޮށްފަ އެވެ. މި ފިލްމުގެ އިތުރުން ކްރީތީ ވަނީ ކްރީއާޖްއިން އުފައްދާ އެހެން ފިލްމެއް ވެސް ކުޅެން ސޮއިކޮށްފަ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު އެވެ.