ބޮލީވުޑް

މިއަދު ބޮޑު ތިން ފިލްމެއް، ކާމިޔާބު ހޯދާނީ ކޮން ފިލްމެއް؟

Sep 22, 2017

ކޮންމެ ހުކުރު ދުވަހަކީ އާ ފިލްމުތަކެއް ރިލީޒްވާ ބޮޑުދުވަހެކެވެ. ކޮންމެ ވެސް ބޮޑު ދެ ތިން ފިލްމެއް އެ ދުވަހު ރިލީޒްކުރާއިރު މި ފިލްމްތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދެ އެވެ. ނަމަވެސް މި ހުކުރު މި ވަނީ ހުރިހާ ގޮތަކުން ވެސް ބޮލީވުޑަށް ބޮޑު ދުވަހަކަށެވެ. އެއް ދުވަހެއްގައި ފަސް ފިލްމެއް ރިލީޒްކުރާއިރު މީގެތެރެއިން ތިން ފިލްމަކީ ބޮޑު ތިން އެކްޓަރުންގެ ފިލްމްތަކެވެ. އެއީ ސަންޖޭ ދަތު ތިން އަހަރުގެ ބްރޭކަކަށްފަހު އެނބުރި އަންނަ ފިލްމު "ބޫމީ" އާއި ޝްރަދާ ކަޕޫރުގެ ފުރަތަމަ ބައޮޕިކް "ހަސީނާ" އާއި ނެޝަނަލް އެވޯޑް ވިނާ ރާޖްކުމާރު ރާއޯގެ "ނިއުޓަން" އަކީ އެންމެ ވާދަވެރިކަން ބޮޑުވާނެ ތިން ފިލްމެވެ.

މިއަދު މި ރިލީޒް ކުރާ ފަސް ފިލްމަކީ މުޅިން ތަފާތު ފަސް ސްޓައިލެއްގެ ފިލްމްތަކެކެވެ. އަދި މި ފަސް ފިލްމަކީ ވެސް ތަފާތު އެކި އޯޑިއަންސްތަކަށް ކަމުދާނެ ފިލްމުތަކެކެވެ. މި ފިލްމުތަކުގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވާ ތިން ފިލްމަށް ބޮކްސް އޮފީހުގައި ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ކުރާ އުންމީދުވެސް ތަފާތެވެ. މި ތިން ފިލްމުގެ ތެރެއިން ކާމިޔާބު ހޯދާނީ ކޮން ފިލްމެއް ކަން ބުނަންް އަދި އަވަހެވެ. ނަމަވެސް ތިން ފިލްމުގައި ވެސް ހުރި ރަނގަޅު ކަންތައްތަކަށް ބަލައިލުން މުހިންމެވެ.

1. ބޫމީ

މިއަދު ރިލީޒްކުރާ ފަސް ފިލްމުގެ ތެރެއިން އެންމެ ބޮޑު ފިލްމަކީ ސަންޖޭ ދަތު ލީޑްރޯލު ކުޅެފައިވާ "ބޫމީ" އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މިއީ އޭނާ ޖަލުން މިނިވަންވި ފަހުން ކުޅެ އަދި ރިލީޒްވާ ފުރަތަމަ ފިލްމެވެ. ބޮލީވުޑަށް އެނބުރި އަންނަ ފިލްމެއްގެ ގޮތުގައި ސަންޖޭ ހިޔާރުކޮށްފައިވާ "ބޫމީ" އަކީ ބައްޕަ އަކާއި އަންހެން ދަރިފުޅުގެ ވަރުގަދަ ގުޅުން ފެނިގެންދާ އަސަރުގަދަ ފިލްމެކެވެ.

މިފަހަކަށް އައިސް ބޮލީވުޑުން ވަނީ އަންހެން ދަރިފުޅާއި މަންމަ އާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ފިލްމުތައް އުފައްދާފަ އެވެ. ނަމަވެސް ބައްޕަ އާއި އަންހެން ދަރިފުޅުގެ ގުޅުމުގެ ފިލްމެއް ފެނިގެން ގޮސްފައިނުވާތީ މިއީ "ބޫމީ" އަށް ވަރުގަދަ ޕްލަސް ޕޮއިންޓެކެވެ.

ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލުން އަދިތީ ރާއޯ ހައިދަރީ ފެނިގެންދާ މި ފިލްުމުގައި ސަންޖޭ ފެނިގެންދާނީ އޭނާގެ އަންހެން ދަރިފުޅަށް އިންސާފު ހޯދައިދޭން މަސައްކަތްކުރާ ބައްޕައެއްގެ ރޯލުންނެވެ.

އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮޑު ޕްރޮޑަކްޝަން ކުންފުނި ޓީ ސީރީޒް އާއި ލެޖެންޑް ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ސަންޖޭގެ ފިލްމަކަށްވާތީ އޭނާ އަށް އޮންނަ ބޮޑު ސަޕޯޓެއްގެ ސަބަބުންނާއި ފިލްމަކީ އަސަރުގަދަ ފިލްމަކަށް ވާތީ ފުރަތަމަ ދުވަހު މި ފިލްމަށް 8-10 ކްރޯޑް ރުޕީޒް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ. އަދި ފުރަތަމަ ދުވަހު ކްރިޓިކްސް އާއި ބެލުންތެރިން ދައްކާ ވާހަކައިގެ މަައްޗަށް ބަލައި ފިލްމުގެ ވިޔަފާރި ހޮނިހިރާއި އާދިއްތައި ގައި އިތުރު ވާނެ ކަމަށް ވެސް ބެލެވެ އެވެ.

"ބޫމީ" ގެ ޓްރެއިލަރު
2. ހަސީނާ

ގޭންގްސްޓާ ދާއޫދް އިބްރާހީމްގެ ކޮއްކޮ އަދި ކުށުގެ ވެށީގެ ރާނީގެ ގޮތުގައި ބެލެވިފައިވާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް އުފައްދާ އުފައްދާ މި ފިލްމުގައި ހަސީނާގެ ރޯލުން ފެނިގެންދާ ޒުވާން ބަތަލާ ޝްރަދާ ކަޕޫރެވެ. ޝްރަދާ އާއެކު މި ފިލްމުގައި ބޭބެ، ދާއޫދުގެ ރޯލުން ފެނިގެންދަނީ އަމިއްލަ ބޭބެ ސިދާންތް ކަޕޫރެވެ.

އަބަދުވެސް މަޑުމައިތިރި ރޯލުތައް ކުޅެފައިވާ ޝްރަދާ ކުޅެފައިވާ "ހަސީނާ" ގެ ޓްރެއިލާ އާންމުކުުރުމާއެކު އޭނާ ވަނީ ބެލުންތެރިން އާޝޯހުކޮށްލާފަ އެވެ. މި ފިލްމަކީ ޝްރަދާ ސިފަކުރާ ގޮތުގައި ވެސް އޭނާ މިހާތަނަށް ކުޅުނު އެންމެ އުނދަގޫ އަދި ތަފާތު ފިލްމެކެވެ. ޒުވާނެއްގެ ރޯލުން ފެށިގެން ސާޅިހުގެ އަހަރުތައް ގުނަމުންދާ ހަތަރު ކުދިންގެ ރޯލާއި އިންޑިއާގެ އެންމެ ބާރުގަދަ ޑޮންގެ ރޯލު އޭނާ ކުޅެފައިވަނީ ނުހަނު ފުރިހަމަ އަށެވެ.

މިއަދު ރިލީޒްކުރާ ތިން ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ބަލަން ކެތްމަދުވެފައި ތިބީ "ހަސީނާ" އެވެ. ސަބަބަކީ މިއީ ކުށުގެ ވެށީގެ ރާނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވުމުން ފިލްމުގައި އޭނާގެ ހަޔާތާ ބެހޭ މީހުނަށް ނޭނގޭ ގިނަ ކަންތައްތަކެއް ފިލްމުގައި ފެނިގެންދާނެތީ އެވެ.

މި ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ޓްރޭޑް އެނަލިސްޓް ގިރީޝް ޖޯހަރު ވަނީ މާދަމާ އާމްދަނީގެ ގޮތުގައި ދެ ކްރޯޑް ވަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ފުރަތަމަ ހަފްތާ ބަންދު ނިމޭއިރު ގާތްގަނޑަކަށް 8 ކްރޯޑް ލިބޭނެ ކަމަށެވެ. މިހާރު ވެސް މި ފިލްމުގެ ވާހަކަދެކެވެމުން އަންނަކަން ފާހަގަކުރަމުން އޭނާ ވަނީ ފުރަތަމަ ހަފްތާ ބަންދުގައި "ހަސީނާ" އަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ބުނެފަ އެވެ.

ސަންޖޭގެ ފިލްމާ އަޅާބަލާއިރު "ހަސީނާ" ގެ ފުރަތަމަ ދުވަހުގެ އާމްދަނީ ދަށްވި ނަމަވެސް މި ފިލްމާ ގުޅޭގޮތުން ބެލުންތެރިންނާއި ކްރިޓިކްސްއިން ދައްކާ ވާހަކަތަކަށް ބަލައި ކުރިއަށް އޮތް ތަނުގައި ކުރި ހޯދުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި ޓްރޭޑް އެކްސްޕާޓުންް ވެސް ލަފާކުރާ ގޮތުގައި "ބޫމީ" އާއި "ހަސީނާ" ގެ ވާދަވެރިކަން ބޮކްސް އޮފީހުގައި މާދަމާ މާ ބޮަޑަށް ވެސް ގަދަވާނެ އެވެ.

"ހަސީނާ" ޓްރެއިލާ
3. ނިއުޓަން

"ބޫމީ" އާއި "ހަސީނާ" އާ އަޅާކިޔާނަމަ ރާޖްކުމާރު ރާއޯ ލީޑްރޯލު ކުޅެފައިވާ "ނިއުޓަން" އަކީ މުޅިން ތަފާތު ފިލްމެކެވެ. އިންޑިއާގެ އިންތިހާބު ބާއްވާ އޮފީހުގައި މަސައްކަތްކުރާ ޒުވާނަކު ވޯޓުލުން ކުރިއަށް ގެންދަން ރަށްފުށު ހިސާބަކަށް ކުރާ ދަތުރުގައި ދިމާވާ ހެއްވާ އަދި ކުރިމަތިލާން ޖެހޭ އުނގަދޫ ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ. ވޯޓުލުމާއި ވޯޓަކީ ކިހިނެއް ލާ އެއްޗެއްކަން ނޭނގޭ އަދި ވަކި ބައެއް ނުފޫޒުުގެ ދަށުގައި އޮންނަ ސަރަހައްދެއްގެ ބަޔަކަށް އޭނާ ވޯޓާ ބެހޭގޮތުން މައުލޫމާތު ދީ އިންސާފުވެރި އިންތިހާބެއް ބާއްވަން އޭނާ ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ.

މިއަދު ރިލީޒްކުރާ މި ތިން ފިލްމުގެ ތެރެއިން ވެސް އެ ފިލްމެއްގެ އެންމެ އަޑު މަޑުކޮށް އުޅޭ ފިލްމަކީ މި ފިލްމެވެ. އަނެއް ދެ ފިލްމާ އަޅާބަލާއިރު އެ ފިލްމުތަކާ ގާތަށް ވެސް މި ފިލްމު ޕްރޮމޯޓްކޮށްފައެއްނުވެ އެވެ.

ނަމަވެސް މިއީ ރާޖްކުމާރުގެ ފިލްމަކަށްވެފައި ޔަގީންވާ އެއްކަމަކީ އޭނާގެ ފިލްމުތަކުގެ ވާހަކަ މޮޅުވާނެ ކަމެވެ. މޮޅު އަދި ތަފާތު އެކްޓިން ދެއްކޭނެ ފިލްމުތައް ކުޅެން ރާޖް ކުމާރު އަބަދުވެސް އިސްކަންދެ އެވެ. އެހެންކަމުން ބޮކްސް އޮފީހުގައި މި ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނަސް ފިލްމުގެ ކޮންޓެންޓް ރަނގަޅުވެދާނެ ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.

ފުރަތަމަ ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި އެންމެ ކްރޯޑެއް ލިބިދާނެ ކަމަށް ވެސް ޓްރޭޑް އެކްސްޕާޓުން ލަފައެއްނުކުރެ އެވެ. ސަބަބަކީ "ބޫމީ" އާއި "ހަސީނާ" ގެ އަޑުގަދަވެފައި އެ ފިލްމު ބަލަން ވަންނަ މީހުން ގިނަވާނެތީ އެވެ.

"ނިއުޓަން" ގެ ޓްރެއިލާ