ކުޅިވަރު

ނޭޕާލްގެ ސްޕޯޓްސް އެވޯޑާއެކު ކިރަންގެ ޝުކުރު ނިޒާމާއި ޓީސީއަށް

Sep 20, 2017

ނޭޕާލްގައި ދޭ އެންމެ މަތީ ކުޅިވަރުގެ އެވޯޑް، ނޭޕާލް ސްޕޯޓްސް ކައުންސިލްގެ އެވޯޑު އޭނާ އަށް ލިބުނީ ޓީސީ އާއި ކޯޗް މުހައްމަދު ނިޒާމުގެ ހިތްވަރުން ކަމަށާއި ހުރިހާ ޝުކުރެއް ނިޒާމް އާއި ޓީސީއަށް އަދާ ކުރާ ކަމަށް، ނޭޕާލްގެ އެއް ވަނަ ކީޕަރު ޓީސީ ކިރަން ޝެމްޝޮންގް ބުނެފި އެވެ.

މި މަހު ބޭއްވި، ނޭޕާލްގެ ގައުމީ ކުޅިވަރު ކައުންސިލްގެ އެވޯޑް ކިރަން ކާމިޔާބު ކުރީ، އެ ގައުމުގެ ކްރިކެޓް ކުޅުންތެރިޔާ ސަރަދު ވެސާވަކަރު އާއި ބެޑްމިންޓަން ކުޅުންތެރިޔާ ރަތުނާޖިތު ޓަމަންގް އާއި ވޮލީ ކުޅުންތެރިޔާ މަން ބަހަދުރު ޝެރެސްތާ އާއި ދުވުންތެރިޔާ ސުމް ބަހަދަރު ކުމަލް އާ ވާދަ ކޮށްގެންނެވެ.

އަވަސްއާ ވާހަކަ ދައްކަމުން ކިރަން ބުނީ އޭނާއަށް އެވޯޑް ލިބުމުގައި ޓީސީގެ މުހިންމު ދައުރެއްވާ ކަމަށެވެ. ބަންގުލަދޭޝްގައި، މިއަހަރު ކުރީ ކޮޅު ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަލް ކުލަބު ކަޕް ޓީސީއަށް ހޯދައި ދިނުމުގައި، ކިރަން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ބުނީ އެ ވޯޑް ލިބުމުގައި، އެ ކާމިޔާބު ވަރަށް ބޮޑަށް ކައުންޓް ކުރި ކަމަށެވެ.

"އަހަރެން ކޯޗަށް [ނިޒާމް] އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މި އެވޯޑް ލިބުމުން، ކޯޗް ނިޒާމް އާއި ގޯލްކީޕަރު ޓްރެއިނާ [އަހްމަދު] އަހްސަން [ބަރޯ] އަހަންނަށް މި ކުލަބުގައި ކުޅެން ފުރުސަތު ދިނީ، އެހެންވެ އަހަންނަށް އަހަރެންގެ ހުނަރު ދައްކަން މިތަނުގައި ފުރުސަތު ލިބުނީ،" ކިރަން ބުންޏެވެ. "އަހަރެން ބޭނުން މިއަހަރު ޓީސީއާ އެކު ކާމިޔާބު ހޯދަން. އަދި ކަޕް [އެފްއޭ ކަޕް] ގައި ކާމިޔާބު ހޯދަން ވެސް ބޭނުން."

އޭނާ ބުނީ ޓީސީގައި އޭނާ އަށް ލިބެމުންދާ ޓްރެއިނިންތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށާއި ޓީސީގައި އޮތީ ވަރަށް އެކުވެރި ޓީމެއް ކަމަށެވެ.

"ސީޒަން ފެށުމުގެ ކުރިން ޓީސީއާ އެކު އިންޓަނޭޝަނަލް މުބާރާތެއް ކާމިޔާބު ކުރެވުނީމަ އެވޯޑް ލިބުމަށް އިތުރަށް މަގު ފަހިވީ، އެހެންވެ އަހަރެންގެ މި ކާމިޔާބުގައި ޓީސީ ހިއްސާ ވެޔޭ އަހަރެން މިބުނަނީ." މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިރަން ބުންޏެވެ.

ކިރަން އަށް، ނޭޕަލްގެ ލިބުމުން، ނިޒާމް ބުނީ، ކިރަންއަށް އެވޯޑް ލިބުނީ އޭނާ [ކިރަން] ކުރި މަސައްކަތުން ކަމަށާއި މިއަހަރު ކިރަން އަށް ނޭޕާލްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން މި ކަމުގެ އެއްވެސް ކްރެޑިޓެއް ނަގާކަށް، އެއީ ކިރަން ކުރި މަސައްކަތު އެވޯޑް ލިބުނީ ހުރިހާ ކްރެޑިޓެއް ހައްގު ވަނީ ކުޅުންތެރިޔާ އަށް، ނަމަވެސް ކިރަން އަށް ނޭޕާލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން އަޅުގަނޑަށްވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ،" ނިޒާމް ބުންޏެވެ. "[2014 ވަނަ އަހަރު] ޓީސީ ދެ ވަނަ ޑިވިޝަން ކުޅުނު އިރު، ދެ ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ޓީސީގެ ކުޅުންތެރިޔަކަށް [ހަސަން] ނާއިޒު [ދާދު] އަށް، 2015 ވަނަ އަހަރު ދިވެހި ލީގް އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ނާއިޒު، އަނެއްކާ މިދިޔަ އަހަރު ދިވެހި ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީވެސް ޓީސީ ކުޅުންތެރިޔަކަށް [އަލީ ފާސިރު] ސެންޓޭ އަށް، އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީވެސް ސެންޓޭ އަށް، އަނެއްކާ ނޭޕަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކިރަން އަށް ލިބުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ. އެވެ.

ޓީސީއަށް، ޝައިހް ކަމާލް ކަޕް ކާމިޔާބު ކޯށްދިނުމުގެ އިތުރަށް، މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި އޭއެފްސީ ސޮލިޑާރިޓީ ކަޕް ނޭޕާލަށް ހޯދައި ދިނުމުގައި ވެސް ކިރަން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.