ހަބަރު

ޑިލޭ ޔުނިޓް ބަހައްޓަން ޖެހޭ ގޮތަށް، ބްރޯޑްކާސްޓް ގަވައިދު ބަދަލުކުރަނީ

އަބުރު ގެއްލޭ ފަދަ ކޮންޓެންޓެއް ބްރޯޑް ކާސްޓް ނުކުރެވޭ ގޮތަށް ސެންސަރު ކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި ލައިވް ކުރާ އިވެންޓްތައް ހިނގަމުންދާ ވަރަށް ވުރެ ލަހުން ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ގޮތަށް، ބްރޯޑްކާސްޓް ކުރުމުގެ އާ ގަވައިދުގެ ދެލި ކޮޕީއެއް އެކުލަވާލައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު އާއްމުކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދެވަނަ ދެލިކޮޕީގެ 33 ވަނަ މާއްދާގައިވާ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބޭތާ 90 ދުވަސް ތެރޭގައި ޑިލޭ ޔުނިޓް ގާއިމް ކުރަންވާނެ ކަމަށާއި ގާއިމްކުރަން ވާނީ ބްރޯޑް ކޮމް އިން ދޭ ސްޕެސިފިކޭޝަންސް ތަކާ އެއްގޮތަށް ކަމަށް ބުނެފައި ވެއެވެ.

ބްރޯޑްކާސްޓް ކުރުމާއި ރިބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދެވަނަ ދެލިކޮޕީ ބްރޯޑްކޮމް އިން އާއްމު ކުރީ ގަވާއިދަށް ހިޔާލު ހޯދުމަށެވެ.

ގަވާއިދު އިސްލާހު ކުރުމުގެ މި މަރުހަލާގެ ތެރެއިން އިސްލާހު ކޮށްފައިވާ ހިސާބަށް ގަވާއިދުތަކުގެ ފުރަތަމަ ދެލި ކޮޕީ ވަނީ އާންމުންނާއި ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ޚިޔާލު ހޯދުމަށް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވެސް ޢާއްމުކޮށް ހުޅުވައި ލިއެވެ. އާ ގަވައިދު ހެދުމަށް މަސައްކަތް ކުރަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމާއި ގުޅިގެން އެ ޤާނޫނުގެ ދަށުން ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ގަވާއިދުގައި ހިމެނުމަށް ކަމަށް ބްރޯޑްކޮމްގެ އިއުލާނުގައި ވެއެވެ.