ހަބަރު

ހިޖުރީ އާ އަހަރު ފާހަގަކުރަން އަލަށް ހަވާ

ހިޖުރީ އާ އަހަރު ފެށުން ފާހަގަ ކުރުމަށް މާލޭގައި މިރޭ ހަވާ އަރުވައިފި އެވެ. މީލާދީ އާ އަހަރު ފެށުން ފާހަގަ ކުރުމަަށް ރާއްޖޭގައި އާއްމުކޮށް ހަވާ އެރުވި ނަމަވެސް ހިޖުރީ އާ އަހަރު ފެށުން މިގޮތަށް ފާހަގަ ކުރުމުން އައިސްފަައެއް ނުވެއެވެ. އާއްމުކޮށް އޮންނަ ކަމަކީ އޭރަކު ހުންނަވާ ރައީސަކު ޚިތޯބެއް ނެރުއްވުމެވެ.

ހިޖުރައިން 1438 ވަނަ އަހަރު ނިމި 1439 ވަނަ އަަހަރު ފެށުނީ މިރޭ އިރުއޮއްސުމުންނެވެ. އެކަމާ އުފާ ފާޅުކުރުމަށް މާލޭގައި މިރޭ ހަވާ އެރުވީސް އިސްލާމިކް މިނިސްޓްރީންނެވެ.

ހިޖުރީ އާ އަހަރު ފެށުނުން މިއަހަރު ކުލަދަގަދަކޮށް ފާހަގަ ކުރި ސަބަބާ ބެހޭ ގޮތުން ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މިއީ ރާއްޖޭގައި ނެތިގެން ގޮސްފައިވާ އިސްލާމީ އުސޫލުތަކާއި އިޖުތިމާއީ އަގުތަައް އަލުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"... އޭގެ ތެރެއިން އެއް ކަމެއް މިއީ އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ދުވަސްތަކުން އަޅުގަނޑުމެން އިބުރަތް ހާސިލުކުރުން. ހަގީގަތަށް ބަލާ އިރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަތް މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމޭ ބުނީމާ އެއީ ހާދިސާއެއް ނޫން ހަމަ އެކަނި،" ހިޖުރީ އާ އަހަރު ފެށުން ފާހަގަ ކުރި ސަބަބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ހިޖުރައިން ލިބޭ ގިނަ އިބުރަތްތަކަކާ ބެހޭ ގޮތުން މިރޭ މިނިސްޓަރު ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ.