ބޮލީވުޑް

"ކެދާރްނަތް" އަށް ސާރާގެ އުނދަގޫ!

Sep 21, 2017

މަޝްހޫރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ވަނީ މަންމަ އާއި ބައްޕަގެ ފިޔަވަޅު މަތިން ބޮލީވުޑަށް ނިކުމެފަ އެވެ. ސާރާގެ ފުރަތަމަ ފިލްމު، "ކެދާރްނާތް" ގެ ޝޫޓިން ފެށިގެން ކުރިއަށް ދަނީ މި މަހުގެ ކުރީކޮޅުން ފެށިގެންނެވެ.

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތާއެކު ސާރާ ފެނިގެންދާ މި ފިލްމަކީ މުސްލިމް ފިރިހެން ކުއްޖަކާއި ހިންދޫ އަންހެން ކުއްޖެއްގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށްދަނީ އިންޑިއާގެ އުއްތަރްކަންދްގެ ސްޓޭޓުގަ އެވެ. ހިންދޫ ދީނުގެ އަގީދާ ފެނިގެންދާ މި ސްޓޭޓުގައި ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ސާރާގެ ސަބަބުން ފިލްމުގެ ޝޫޓިން އަށް އެތަކެއް އުނދަގޫތަކެއް ދިމާވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މި ފިލްމަކީ ސާރާގެ ފުރަތަމަ ފިލްމު ނަމަވެސް އޭނާގެ ޒާތްކޮޅު ސެޓުގައި ވަރަށް ބޮޑެވެ. ލަހުން ޝޫޓިން އަށް އައުމާއި ގިނަ ވަގުތު މޭކަޕް ކުރުމުގައި ހޭދަކުރާ ކަމަށްވެ އެވެ. އަދި ފިލްމުގައި އޭނާ ބޭނުންކުރާ ބައެއް ހެދުންތައް ވެސް ބަދަލުކޮށް ކޮންމެ ދުވަހަކު ޝޫޓިން ފެށުމުގެ ކުރިން މޭކަޕްކޮށް ނިމުމުން ފޮޓޯ ނަގައި ފޯނުން މީހުންނަށް ފޮނުވަ އެވެ. އޭނާ ފޮޓޯ ފޮނުވާ މީހަކު އަންގާ ބަދަލުތައް ގެންނަން ވެސް ޖެހެ އެވެ.

މިކަމާ ހިތްހަމަނުޖެހިގެން ޑައިރެކްޓަރު އަބީޝެކް ސާރާއާ އެ ވާހަކަތައް ދެއްކި ނަމަވެސް އޭނާގެ އުޅުމަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެސް ބުނެ އެވެ.

"ސާރާ މި އަމަލުތަކުން ފިލްމުގެ ޝޫޓިން ވަރަށް ބޮޑަށް ލަސްވޭ. އަބީޝެކް ވާހަކަދެއްކި ނަމަވެސް އޭނާ އެކަން ހައްލެއް ނުކުރޭ. އަދިވެސް އޭނާ ބޭނުން ގޮތަށް ފިލްމުގެ ސެޓުގައި އުޅެނީ، އެހެން މީހުންނަކަށް ނުބަލާ އޭނަ އެއް،" ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެ އެވެ.

މަޝްހޫރު ތަރިން ފިލްމުތަކުގެ ސެޓުގައި ބޮޑާހޭކުމާއި ޝޫޓިން އަށް އުނދަގޫވާ ފަދަ ކަންތައް ކުރުމަކީ ބޮލީވުޑްގައި އާންމުކަމެކެވެ. ނަމަވެސް އެފަދަ ތަރިންނަށް ފަހުން އެހެން ފިލްމުތަކުން ފުރުސަތު ލިބޭލެއް މަދުވެ އެވެ.