ހަބަރު

މެޑަމް ފާތުން އެކަނިވެސް އިދިކޮޅު ބަލިކުރާނެ: ސައީދު

ސިޔާސީ ބަހުސެއް ކޮށްފި ނަމަ ފަސްޓް ލޭޑީ ފާތިމަތު އިބުރާހީމް (މެޑަމް ފާތުން) އެކަނި ވެސް އިދިކޮޅު ކޯލިޝަން ބަލި ކުރާނެ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަނާއަށް ތައުރީފު ކުރައްވައިފި އެވެ. މިއީ ފަހަކަށް އައިސް ޕީޕީއެމްގެ ޖަލްސާތަކުގައި މެޑަމް ފާތުން އަށް ތައުރީފު ކުރުން މަދުވެފައި އޮތުމަށް ފަހު އައި ތައުރީފެކެވެ.

"ދިއްދޫ ރައްޔިތުން މެޑަމް ފާތުންނާއެކު" މި ނަމުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅީ ލަވަ ކިޔާން ޖެހުނަސް މެޑަމް ފާތުންގެ ޓީމުން ކިޔާނެ ކަމަށާއި ގައުމު ތަރައްގީ ކުރާނެ ގޮތް ވެސް ކިޔައިދޭނެ ކަމަށެވެ.

"ރައީސް ޔާމީނު ބަހައްޓަވާ! ރައީސް ޔާމީނާއި ޕީޕީއެމް ވެސް ބާއްވާ. މެޑަމްގެ ޓީމާ އެކަނިވެސް ކޯލިޝަނަށް ވާދަ ނުކުރެވޭނެ. އަރާ ބަލަ ނިކަން ޕޯޑިއަމްއަށް. އަރާ ބަލަ ޑިބޭޓަށް. މެޑަމް ފާތުން އެކަނި ތިޔަ ބޭފުޅުން ބަލި ކުރާނެ،" ސައީދު ވިދާޅުވި އެވެ.

ޕީޕީއެމް އިން ކުރިން ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާ އިރު އާއްމުކޮށް އަމަލު ކުރައްވާ އުސޫލުން ސައީދު މިރޭވެސް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ވެސް އިންތިހާއަށް ތައުރީފު ކުރެއްވިއެވެ. ވިދާޅުވީ އާމްދަނީ ހޯއްދަވަން އެނގިވަަޑައިގަންނަވާ ރައްޔިތުންނާ ހިސާބަށް އާމްދަނީ ފޯރުކޮށްދެއްވަން އެނގިވަޑައިގަންނަވާ ވެރިން ލިބުމަކީ ނަސީބެއް ކަމަށެވެ.

"އެހެންވީމާ މިއަދުގެ ޒުވާން ކުދިން، މިއަދުގެ ކަނބަލުން، މިއަދުގެ ތިޔަ ބޭފުޅުން ނުކުމެ، މިކަހަލަ ކޫލް ރައީސެއް ހޮވުން ނޫންތޯ އަޅުގަނޑުމެންނަށް އޮތީ. މިކަހަލަ ކޫލް، މިކަހަލަ ކަމުދާ ފައްކާ ރައީސެއް ހޮވުން ނޫންތޯ އޮތީ؟" ރައީސް ޔާމީނަށް ތައުރީފު ކުރެއްވަމުން ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް މިރޭގެ ޖަލްސާގައި އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ. އޭނާ ވިދާޅުވީ ކުރީގެ ދެ ރައީސުންނަކީ "ލެެއިން ތަތްތެޅިފައި ތިއްބެވި ދެ ރައީސުން" ކަމަށް ސިފަ ކުރައްވައި މޫސަ ވަނީ އެ ދެ ބޭފުޅުންނަށް ބޮޑެތި ތުހުމަތުތައް ކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގައި މިވަގުތު ތިބި ލެއިން ތަތްތެޅިފައި ތިބީ ދެ ރައީސުންނަކީ ކޮން ދެ މީހުންްނެއްތޯ؟ ދެއަތުގައި ލޭ އުނގުޅިފައި ތިބިއްޔާ ތިބޭނީ އެންމެ ދެމީހެއް، ނަގައިގަތް ދެމީހުންގެ ތެރޭގައި ތިބޭނެ. އަޅުގަނޑެއް ބޭނުމެއް ނެތް ނަން ބުނާކަށް،" މިއަދަކީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަސްކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހަކީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި މީހުން މެރުމުގެ ދެ ހާދިސާ ހިނގި ދެދުވަހެވެ. އެހެންވީމާ މޫސަ އެ ވާހަކަ ދެއްކެވީ އޭރުގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ނިސްބަތް ކުރައްވައި ކަމަށް ބެލެވެއެވެ. ނަަމަވެސް "ލެއިން ތަތްތެޅިފައި" ހުންނެވި ދެވަނަ ރައީސެއްގެ ގޮތުގައި އޭނާ އެ ސިފަކުރެއްވީ ކޮން ބޭފުޅެއް ކަމެއް ނޭނގެ އެވެ.