ކުޅިވަރު

ގްރީން ސްޓްރީޓްސް ޖޫރިމާނާކޮށް ކްލަބަށް އިންޒާރުދީފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސެޕްޓެންބަރު 12 ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި ހިންގައިދިޔަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ފިޔަވަޅު އަޅައިފިއެވެ. މިގޮތުން ގްރީން ސްޓްރީޓް ވަނީ 25،000 ރުފިޔާއިން ޖުރިމާނާކޮށް އެ ކްލަބަށް އިންޒާރުދީފަ އެވެ.

މާޒިޔާ 1-0 ގެ ނަތީޖާ އަކުން ކުރީގައި އޮއްވާ މެޗުގެ 51 ވަނަ މިނިޓުގައި ގްރީންގެ ސޮބޮލް އިލިއާއަށް ރެފްރީ ދެވަނަ ރީނދޫ ކާޑު ދެއްކިއެވެ. ނަމަވެސް ރެފްރީއަށް ރަތް ކާޑު ނުދެއްކިގެން އުޅެނިކޮށް އެޓީމުގެ ޝައްފާޒް މުހަންމަދު (ސައްޕޭ) ނުރުހުން ފާޅު ކުރަމުން ރެފްރީ ފަހަތުން ދުވަން ފެށުމުން ރެފްރީ ނިއުޝާދު ދަނޑު ފޭބި އެވެ. ގްރީންގެ އެހެން ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޯޗިން ސްޓާފުން ނިއުޝާދު، ފޯތު އޮފިޝަލް މޭޒު ކައިރިން ވާށާލައި ނުރުހުންފާޅުކުރަން ފެށި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މެޗުން 2-0 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވެފައިވާ ކަމަށް އެފްއޭއެމްގެ ގެމުބާރާތުގެ ކޮމިޓީއިން ވަނީ ނިންމާފައެވެ. މިނިންމުން ނިންމާފައިވަނީ މެޗުގެ ރެފްރީގެ ރިޕޯޓާއި މެޗު ކޮމިޝަނަރުގެ ރިޕޯޓް އަދި ރެފްރީއާއި ކޮމިޝަނަރު ހާޒިރުކޮށް އެ ދެފަރާތުގެ ވާހަކައަށް ބެލުމަށްފަހު އެވެ.

އެފްއޭއެމްގެ ނޫސްބަޔާން ބުނާ ގޮތުން މެޗު ހުއްޓާލަން ޖެހުނީ ގްރީންގެ ސަބަބުންނެވެ. އަދި އޭގެ ސަބަބުން އެޓީމު 25،000 ރުފިޔާއިން ޖުރިމާނާކޮށް އަދި މިފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ އެންމެ ހަރުކަށި ފިޔަވަޅު އެޓީމާއި ދޭތެރޭ އަޅާނެ އެވެ.

އެފްއޭއެމުގެ ބަޔާނުގައި ބުނެފައިވަނީ އެ މެޗުގެ 53 ވަނަ މިނިޓްގައި ހަތަރު ވަނަ އޮފިޝަލްގެ މޭޒު ކައިރީގައި ގްރީން ކުޅުންތެރިންނާއި އޮފިޝަލުން އަދި ކްލަބްގެ ރައީސް ކުޅިވަރުގެ ރޫހާ ހިލާފުވާފަދަ ގޮތަކަށް އަމަލާއި ބަހުން ރެފްރީ އަށް ނިސްބަތްކޮށް އަޑުގަދަކޮށް މެޗު ހުއްޓާފައިވާ ކަމަށާއި ދެ ކްލަބްގެ މެނޭޖަރުންނާއި މަޝްވަރާކޮށް އަލުން މެޗު ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރުމުން ގްރީން ސްޓްރީޓްސްއިން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށާއި މެޗު ހުއްޓާލެވުނުއިރު ރެފްރީކަން ކުރަމުންދިޔަ ނިއުޝާދް މެޗު ފެށިއިރުހުރި ލައިން 2 އަށް ބަދަލުކުރުމަށް ފަހު ރެފްރީ ބަދަލުކޮށްގެން މެޗު ކުރިއަށް ގެންދިއުމަށް އެފްއޭއެމުން އެދުމުން ވެސް ގްރީންގެ އިލިއާ އަށް ދެއްކި ރީނދޫ ކާޑު ކެންސަލް ނުކުރަނީސް މެޗު ނުފަށާނެ ކަމަށް ބުނެ މެޗު ހުއްޓުވާފައިވާ ކަމަށެވެ.

އެފްއޭއެމުން ވަނީ ނިއުޝާދުް ސަސްޕެންޑްކޮށްފައެވެ. އަދި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.