ރެއާލް ބެޓިސް އަތުން މެޗުގެ އެންމެ ފަހު ވަގުތު ބަލިވެ، އަމިއްލަ ދަނޑުގައި ކުޅުނު ލީގްގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުލިބި ނިންމާލައިފި އެވެ. މިއީ، 20 އަހަރަށް ފަހު، ލީގްގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުހޯދި، ރެއާލް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ލީގްގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި، މޮޅެއް ނުހޯދި، މީގެ ކުރިން ރެއާލް ނިންމާލާފައި ވަނީ 1995/96 ސީޒަންގަ އެވެ. އެފަހަރު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވީ އެވެ.
މެޗުން ބަލިވުމުގެ އިތުރަށް، ރެއާލް އަށް މެޗުގައި ލަނޑެއް ނުޖެހުމުން، ބްރެޒިލްގެ ޕެލޭ ސަންޓޯސް އަށް ކުޅުނު އިރު، ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި، ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ރެއާލް އަށް ގެއްލުނީ އެވެ. ސަންޓޯސް ވަނީ ޖެހިޖެހިގެން 73 ވަނަ މެޗުގައި ލަނޑު ޖަހާފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މެޗުން ބަލި ވުމުން، އެ ޓީމު އޮތީ، ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ.
އެންމެ ފަހު ވަގުތުގައި، މެޗުގެ ހަމަ އެކަނި ލަނޑު އަންޓޯނިއޯ ބަރަގާން ތަނަވަސް ކޯށްދިން ފުރުސަތަކުން ބެޓިސް އަށް ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ސަނާބްރިއާ ބޮލުން ކާމިޔާބު ކޮށް ދިން ލަނޑުން ނެވެ. ސަނާބްރިއާ އަކީ ވަނަ އަހަރު ބެޓިސް އަށް ކުޅުނު ނައިޖީރިއާގެ ލެޖެންޑް ފިނިންޑީ ޖޯޖްއަށް ފަހު ރެއާލްގެ ދަނޑުގައި ބެޓިސް މޮޅު ކޮށްދިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ފިނިންޑީ ރެއަލްގެ ދަނޑުގައި ބެޓިސް މޮޅު ކޮށްދިނީ މީގެ 19 އަހަރު ކުރިން 1989 ވަނަ އަހަރު އެވެ.
"ގޯސް މެޗެއް،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ. "މިއީ ފުޓްބޯޅަ ފޮނުވާލާ ބޯޅަ ގޯލް ތެރެއަށް ނުވަންނަންޏާ މިހެން ވާނެ، އަހަރެމެން ނަށް މާ މޮޅަކަށްވެސް ނުކުޅެވުނު އަދި ކުޅުން ގޯހެއް ވެސް ނޫން، ދެ ވަނަ ހާފުގެ ކުރީކޮޅު ދިޔައީ ވަރަށް ރަނގަޅަށް ތެދެއް އެއަށްފަހު އަހަރެމެންނަށް ދޫކޮށް ލެވުނީ މާ އަވަހަށް."
މެޗުގައި، ގެރެތު ބޭލް އާއި އިސްކޯގެ ފަރާތުން އެންމެ އެދެވޭ ކުޅުނު ނުދެއްކުމުން އެ ކުޅުންތެރިންނަށް ފާޑު ކިޔުން ވަނީ އަމާޒު ވެފަ އެވެ. ރޭ ގެ މެޗަކީ، ފަސް މެޗުގެ ސަސްޕެންޝަނަކަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ ލީގްގައި ކުޅެން ނިކުތް ފުރަތަމަ މެޗެވެ. ނަމަވެސް، ބެޓިސްގެ ގޯލް ފޫ އަޅުވާލުމުގައި ރޮނާލްޑޯއަށްވެސް ކާމިޔާބެއް ނުލިބުނެވެ.
ޒިދާން ބުނީ، ރޮނަލްޑޯގެ ކުޅުމާ ބެހޭގޮތުން ޝަކުވާ އެއް ނެތް ކަމަށާއި އޭނަ ހުރީ ރަނގަޅު ފޯމުގައި ކަމަށެވެ.
ރޭ އެތުލެޓިކް ކުލަބުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެތުލެޓިކޯ މެޑްރިޑް ވަނީ ތާވަލުގެ ތިން ވަނަ އަށް ޖެހިލާފަ އެވެ.