ހަބަރު

ފަތުވާ މަޖިލީހަކީ ބްރިޖަށްވުރެ ކުޑަ ކަމެއް ނޫން: ޝައިހު

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ މައުނަވީ ގޮތުން ބަލާ ނަމަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަަށް ވުރެ މާ ބޮޑު އަދި މާ އަގުހުރި މަޝްރޫއެއް ކަަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އައް ޝައިޚު މުހައްމަދު ރަޝީދު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

އިސްލާމީ ފާތުވާދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ ރަސްމީކޮށް ހުޅުވުމަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައިހު ވިދާޅުވީ އެ މަޖިލީހުގެ އަގު ބޮޑީ ރާއްޖެ އިސްލާމްވިތާ 800 އަހަރު ވީ އިރު ވެސް އެފަދަ މަޖިލީހެއް ނުހެދި އޮތުމުން ކަމަށެވެ.

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ އަޅުގަނޑު ދަންނަވާނީ މިއީ ކުޑަ ކުޑަ މުއައްސަސާއެއް ނޫނޭ. މިސާލަކަށް ޗައިނީޒް މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެއީ އަޅުގަނޑުމެންނަށް މާއްދީ ގޮތުން 200 ނުވަތަ 300 މިލިޔަން ޑޮލަރުގެ އަގު ހުންނަ އެއްޗެއް ކަމަށް ވާނަމަ މި މަޖިލިސް އަކީ އެއަށް ވުރެ މާނަވީ ގޮތުން [އަގު] ކުޑަ މަޖިލީހެއެއް ނޫން،" ޝައިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާޖެ އިސްލާމްވީތާ 800 އަށް ވުރެ ގިނަ އަހަރު ވީއިރު އެފަދަ މަޖިލީހެއް ނުހެދި އޮތް އިރު، ބައެއް ޣައިރު މުސްލިމް ގައުމުތަކުގައި ވެސް އެފަދަ މަޖިލިސްތައް ހަދާފައިވާ ކަމަށެވެ. އެގޮތުން ބައެއް އިސްލާމީ ގައުމުތަކުގައިވާ ފަތުވާދޭ މަޖިލިސް ތަކުގައި ބައެެއް ފަހަރު ހުންނަވަނީ ވަޒީރަކަށް ވުރެވެސް ދަރަޖަ ބޮޑު ބޭފުޅެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝީދު ވިދާޅުވީ ގައުމީ މަސްލަހަތާ ފުށުއަރާ ކަމެއް އެތަނުން ނުކުރާނެ ކަަމަށެވެ.

"މަގާމުގެ ފަތް އަޅުގަނޑާ ހަވާލުކުރެއްވި އިރު އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ކުރިފުޅު މަތީގައި އަޅުގަނޑު ދެންނެވިން، އިރާދަ ކުރެއްވިއްޔާ، ﷲގެ ވާގިފުޅާ ލައިގެން ގައުމީ މަސްލަހަތާ ފުށުއަރާ ކަމެއް އަޅުގަނޑުމެން ނުކުރާނަމޭ،" އޭނާ ވިދާޅުވިއެވެ.

ޝައިހު ވިދާޅުވީ އިސްލާމީ ފަތުުވާދޭ އެންމެ މަތީ މަޖިލީހުން މަސައްކަތް ކުރާނީ ހިލާފު އުފެދޭ ކަންކަމުގައި އެންމެން އެއްގަލަކަށް އަރުވަން ކަަމަށެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގުފިލާގައި ހުންނަ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަޖިލީހުގެ މެމްބަރުންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އެ މިނިސްޓްރީގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އުފެއްދީ މިދިޔަ 2016 ވަނަ އަހަރުގެ މޭމަހު އެވެ. އަދި އެމަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވީ އެ އަހަރުގެ ޑިސެމްބަރު މަހުއެވެ. މަޖިލީހުގެ ރައީސް ކަމުގެ ފަތްކޮޅު ޝައިޚު ރަޝީދަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ އަތްޕުޅުން ދެއްވީ މިދިޔަ ޖެނުއަރީމަހު އެވެ.