ހަބަރު

އެއާޕޯޓް ފެރީން އުފުލާ ދާގީނާއަށް އަގު ނަގާނެ އުސޫލެއް ކަނޑައަޅައިފި

Dec 17, 2014
2

ހުޅުލެ ފެރީން އެއާޕޯޓަށް ދާ މީހުން ގެންދާ ދާގީނާތަކަށް އަގު ނަގާނެ އުސޫލެއް ޓްރާސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި ދާގީނާއަށް އަގު ނަގާނެ އުސޫލެއް ކަނޑައެޅީ ފެރީ އެސޯސިއޭޝަނާއެކު މަޝްވަރާ ކުރުމަށްފަހު އެވެ. އެގޮތުން ތިން ފޮށިގަނޑަށް ވުރެ ގިނައިން ގެންދާ ނަމަ ކޮންމެ ފޮށިގަނޑަކަށް 10ރ. ނަގާނެ ކަމަށެވެ. މީގެ ކުރިން ދާގީނާއިން ފީ ނަގަމުން އައީ އެކި އުސޫލުންނެވެ. އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ވެސް އޮތީ ބޮޑުވެފަ އެވެ.

"ފެރީ އެސޯސިއޭޝަންގެ މެންބަރުންނާ މަޝްވަރާ ކުރުމަށްފަހު މި އުސޫލު ކަނޑައެޅީ. މި އުސޫލަށް ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާނަން،" ނާފިޒު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މި އުސޫލަށް އަމަލު ކުރަން ފެށި ނަމަވެސް ގެންދާ ލަގަޖާއި އަތް ދަބަހަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި ގެންދާ ދާގީނާ އަކީ ކިތަންމެ ބޮޑު އެއްޗެއް ނަމަވެސް، ތިނެއްޗަށް ވުރެ އިތުރު ނުވާ ނަމަ އެއްވެސް ފީ އެއް ނުނަގާނެ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.

"ތިނަކަށް ވުރެ އިތުރުވާ ހިސާބުން ފީ ނަގާނީ. އަދި އޭގެ ތެރޭގައި ނުހިމެނޭނެ ފޮށްޓާއި އަތް ދަބަސް ފަދަތަކެތި،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުލެއަށް ދަތުރުކުރާ ފެރީތަކުން އުފުލާ ދާގީނާއަށް މިހާރު އަގު ނަގާ ގޮތުން އެ އޮތޯރިޓީއަށް ވެސް އޮތީ ގިނަ ބަޔަކު ޝަކުވާ ހުށަހަޅައިފަ އެވެ. އެ އުސޫލު އެކުލަވާލުމުން އެ ޝަކުވާތަކަށް ލުޔެއް ލިބިގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އުސޫލަށް އަމަލު ކުރަން ފެށުމުން އުސޫލެއް ނެތި ދާގީނާއަށް އަގު ނެގުން މުޅިން މަނާވާނެ އެވެ.

"މިހާރު ގިނަ ބައެއްގެ ޝަކުވާއެއް ލިބިފައިވާ ކަމެއް ހުޅުލެއަށް ދަތުރުކުރާ މީހުން އުފުލާ ސާމާނުން އަގު ނެގުމުގައި އުސޫލެއް ނެތުން. މިހާރު އަގު ނަގަމުން ގެންދަނީ އެމީހަކު ފެންނަ ގޮތަކަށް. ބައެއް ފެރީތަކުން ފޮށިގަނޑަކަށް 10ރ. ނަގާއިރު އަނެއްބައި ފެރީތަކުން 20ރ. ނަގާ،" ނާފިޒު ވިދާޅުވި އެވެ.

ހުޅުލެއަށް ދަތުރުކުރާ ފެރީތަކުން ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ވެސް ދަތުރުކުރެ އެވެ. އަދި މި ފެރީތަކުން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާއަކީ އާއްމު ކަމެވެ. މި ގޮތުން ދާދިފަހުން ވަނީ ފެރީން ދަތުރުކުރާ މީހުންގެ ލަގެޖު ގެއްލުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.