ކުޅިވަރު

ބިދޭސީ ރެފްރީން، ރަނގަޅު ބަދަލެއްތަ؟

ރެފްރީއާ މެދު، ކުޅުންތެރިންނާއި، ޓީމު އޮފިޝަލުން ހިތްހަމަ ނުޖެހި، ލައްކަ ކަންކަން މި އަަހަރު ހިނގައިފި އެވެ. ކުޅުންތެރިނާއި އޮފިޝަލުންގެ ގިނަ ސަސްޕެންޝަންތަކެއް ހިނގައިފި އެވެ. އެންމެ ފަހުން ގޮސް، ރެފްރީ ވެސް ސަސަޕެންޑް ކުރީ އެވެ. ރެފްރީންގެ ކަންކަން އެންމެ ގޯސްވި ވަގުތު، އަވަށްޓެރި ގައުމު ތަކުން ބިދޭސީ ރެފްރީން، އެފްއޭއެމުން ގެނެސްފި އެވެ.

ރެފްރީންގެ ކަންކަމަށް އަދިވެސް ސަހަލައެއް ނޫނެވެ. އެއްބަޔަކަށް ބިދޭސީ ރެފްރީން ގެނައުމުން ރަނގަޅު ބަދަލެއް ކަމަށް ފެނުނު އިރު، އަނެއް ބަޔަކަށް އެކަމުން އިތުރަށް ވީ ގޯހެވެ. ދިވެހި ރެފްރީން އެއްފަރާތް ކުރުމަށް ފަހު، ބިދޭސީ ރެފްރީން އިސްކުރުމުން، އެކަމާ ކންބޮޑުވުން އެންމެ ފުރަތަމަ ފާޅު ކުރީ ވިކްޓަރީގެ ކޯޗް އަލީ ސުޒޭން އެވެ.

"ލަންކާ އިންޑިއާ އިން ގެންނަ އެންމެ އާދައިގެ ލެވަލްގެ ރެފްރީންނަށް ވުރެ، ރާއްޖޭގެ ރެފްރީންގެ ފެންވަރު މާބޮޑުތަނުންވެސް ރަނގަޅު ވާނެ،" ރެފްރީންނާ މެދު ބައެއް އެހެން ކޯޗުންގެ ޝަކުވާ ތަކަާ ގުޅިގެން ސުޒޭން ބުންޏެވެ. "ގިނަ ފަހަރަށް އެ އަންނަ ރެފްރީން ނަކީ ރާއްޖޭގެ ދެ ވަނަ ޑިވިޝަން ލެވަލަށް ވުރެވެސް ދަށް ލެވަލް ތަކުގެ މުބާރަތުގައި ރެފްރީން ކުރާ މީހުން."

ރެފްރީންގެ ހުރި މައްސަލަތަކާ ބެހޭގޮތުން، އެންމެ ބޮޑަށް ކަންބޮޑުވުން ފަޅު ކުރާ އެއް ކޯޗަކީ، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އެވެ. ނިޒާމްގެ ފާޑު ކިޔުން، އެފްއޭއެމްގެ ރެފްރީންގެ ޑިޕާޓެމެންޓަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ. ނިޒާމް ބުނީ، މިހާރުގެ ޒަމާނީ ވަސީލަތްތައް ކުރި އަރާފައި ހުރި ކަމުގައި ވިޔަސް، އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓް މާ ދޯހަޅި ކަމަށެވެ.

"ރާއްޖޭގައި އައި ޒަމާނެއް ނޫނިއްޔާ ދުވަސްތަކެއް އައި ވަރަށް ބައިވަރު ޒުވާން ރެފްރީންތަކެއް ނިކުމެގެން ވަރަށް ރަނގަޅަށް އެ މަސައްކަތުގެ ތެރޭގައި ޝާމިލުވެ ރާއްޖޭގެ ރެފްރީކަން ވަރަށް ބާރަށް ކުރި އަރަމުން އައި ދުވަސްވަރެއް ފީފާ ރެފްރީންތައް އިންޓްރަޑިއުސްވުމާ މިހެންގޮސް ވަރަށް ބައިވަރު ކަންކަން ފެނިގެން ދިޔަ،" ނިޒާމް ބުންޏެވެ.

"އެ ރެފްރީންތައް މިހާރު ވަނީ ބައެއް މީހުން ރިޓަޔާމެންޓަށް ގޮސްފަ އަނެއް ބައި މީހުން ރިޓަޔާމެންޓަށް ދިއުމުގެ މަގުމަތީގައި މިތިބީ، ތިބިއރު ފޫބައްދާނެ ތަން ރޭވިފައި ނެތީމަ ތަން ކޮޅެއް ދޯހަޅިކޮށް މިދިޔަ ތިން ހަތަރު އަހަރެންގެ ތެރޭގައި ރެފްރީސް ޑިޕާޓްމެންޓް ފެނިގެން ދިޔަ ކަހަލަ ގޮތަކަށް ފެނިގެން މިދިޔައީ."

މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮސްކީ ދެކޭގޮތުގައި، ބޭރުން ގެންނަ ލެވަލް ފަހެއްގެ ރެފްރީންނަށް ވުރެ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ރެފްރީކަން ކުރާ ރެފްރީން ރަނގަޅެވެ. މިއަދު މިޑިއާގައި ވާހަކަ ދައްކަމުން، ސެކްލޮސްކީ ވަނީ ބިދޭސީ ރެފްރީން ގެނައުމުން އެކަމާ ކަންބޮޑުވުން ފަޅު ކޮށްފަ އެވެ.

"ކަލޭމެންނަށް އެނގޭނެ މި ގެންނަ ރެފްރީންނަކީ ފީފާ ނުވަތަ އޭއެފްސީ ލައިސެންސް އޮތް ބައެއް ނޫންކަން، އަދި އެނގޭނެ އެމީހުންގެ ރެފްރިންގެ ފެންވަރާއި އެމީހުންގެ ރެފްރީންގެ ރެފަރެންސްވެސް " ބިދޭސީ ރެފްރީންނާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންނަ ވާހަކަ ދައްކަމުން ސެކްލޮސްކީ ބުންޏެވެ. "މި ގެންނަ ޝްރީ ލަންކާ ނުވަތަ އިންޑިއާ ރެފްރީން ކީއް މިކުރަނީ ނުވަދިހަ މިނެޓް ވަންދެން [ކަށި ގަނޑު ފުމެފަ] މުސާރަ ނާގައިގެން އެނބުރި ގައުމަށް ދަނީ، ކޮބާ އެ ރެފްރީންގެ ޒިންމާ އަކީ."

އޭނަ ބުނީ މިހެން ވުމުން ރާއްޖޭގެ ލީގްގެ ޕްރޮފިޝަނަލް ކަން ގެއްލޭ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ޓޮޕް ލީގްގައި ރެފްރީކަން ކުރެވޭނީ ކޮން ލެވަލެއްގެ ރެފްރީންނަށް ކަން ކަންޑައަޅަން ޖެހޭ ކަމަށެވެ. އެކި މެޗު ތަކުގައި އެކި ލެވަލްގެ ރެފްރީން އިންސާފު ކުރުމުން، ރާއްޖޭގެ ލީގް އޭނާ އަށް ސިފަ ވަނީ "ޕްރައިވެޓް ޕާޓީއެއް" ހެން ކަމަށް ސެކްލޮސްކީ ބުންޏެވެ.

ރެފްރީންގެ މައްސަލައިގައި އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް ފާޅު ކުރީ ގްރީން ސްޓްރީޓުން ނެވެ. އެފްއޭއެމުން ވަނީ އެ ޓީމު 25000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފަ އެވެ. އަދި ގްރީން މެޗުގެ ދެ ވަނަ ހާފުގައި ރެފްރީކަން ކުރަން ނިކުތް ނިއުޝާދު މުހައްމަދު އެފްއޭއެމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ، ދިވެހި ރެފްރީންނަށް ވުރެ ބިދޭސީ ރެފްރީންގެ މައްސަލަތައް ކުޑަ ކަމަށެވެ.

މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ބިދޭސީ ރެފްރީން ގެނައުމަކީ ހައްލެއް ނޫނެވެ. ރާއްޖެއަކީ ސަރަހައްދީ ލެވަލްގައި ކާމިޔާބު ރެފްރީން އުފެއްދި ގައުމެކެވެ. އެ ރެފްރީންތައް ރިޓަޔާ ކޮށްފި އެވެ. ނިޒާމް ބުނީ މިހާރު ފެންމަތިވެގެން މިއުޅެނީ އޭރުގެ ރެފްރީން ރިޓަޔާ ކުރުމުން ފޫބައްދާނެ އެފެންވަރުގެ ރެފްރީން ނެތުން ކަމަށެވެ. ރެފްރީން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމަށް އެފްއޭއެމުން ރޭވި އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމާ ހަވާލުވި ދުވަހު، ރާއްޖެއަށް ބޭރުގެ ރެފްރީސް ޑައިރެކްޓަރެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން، އޭއެފްސީގެ ރެފްރީސް ޑިޕާޓްމެންޓްގެ ޓީމެއް އައިސް ރާއްޖޭގެ ރެފްރީންގެ ހާލަތު އިއުލާން ކުރި އެވެ.

"އޭއެފްސީގެ ޓީމެއް އައިސް ރެފްރީންގެ ކަންކަމުގައި މިވަނީ އިޏީޝިއަލް މަސައްކަތް ފެށިފައި، އޭއެފްސީން އެކަމުގައި ސަޖެސްޓް ކުރަނީ ރެފްރީސް ޑައިރެކްޓަރެއްތޯ ރާއްޖެއަށް ނަގާނީ ނުވަތަ ޓެކްނިކަލީ އެކްސްޕާޓް ރެފްރީއެއްތޯ ފޮނުވާނީ، އެރިޕޯޓަށް ބޭސް ކޮށްފައި އަންނާނީ އަލުގަނޑުެމން އަޅަން ޖެހޭ ފިޔަވަޅަކީ ކޮބައިކަން،" އޭޕްރީލް މަހު އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވި އެވެ.