ބޮލީވުޑް

ގައިގޯޅި މަންޒަރުތައް ކުޅެން އައިޝްވާރިޔާ ދެކޮޅު!

Sep 22, 2017
4

ބަތަލާ އައިޝްވާރިޔާ ރާއި ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށް އެބެދެ އެވެ. މި ފިލްމު ހާއްސަ ފިލްމަކަށް ވަނީ މިއީ އައިޝްވާރިޔާ އާއި އަނިލް ކަޕޫރު 17 އަހަރަށް ފަހު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް ވާތީ އެވެ.

އަނިލް ކަޕޫރު މި ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދިޔަ ނަމަވެސް އައިޝްވާރިޔާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ރާޖްކުމާރު ރާއޯ އެވެ.

އައިޝްވާރިޔާގެ އެންމެފަހުން ނިކުތް ފިލްމު "އޭ ދިލްހޭ މުޝްކިލް" ގައި އޭނާ އަށް ވުރެން ނުވަ އަހަރު ހަނގު ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ލޯބިވެރިޔާގެ ރޯލު ކުޅެފަ އެވެ. އެ ފިލްމުގައި އައިޝްވާރިޔާ އާއި ރަންބީރުގެ ގައިގޯޅި މަންޒަރުތައް ހިމެނުމުން އެކަމާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އޭނާގެ ފިރިމީހާގެ އާއިލާ މީހުންނެވެ. ބަފައިބެ އަދި މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން އާއި މައިދައިތަ ޖާޔާ ބައްޗަން އެކަމާ ހިތްހަމަނުޖެހުނު ވަރުން އެ ފިލްމު ބޮލީވުޑްގެ ފަރާތްތަކަށް ދައްކާލަން ބޭއްވި ހަފްލާގައި ވެސް ބައިވެރިނުވެ އެވެ.

ފިރިމީހާ އެކްޓަރު އަބީޝެކް ބައްޗަން ވެސް އެކަމާ ހިތްހަމަނުޖެހުނު ކަމުގެ އަޑުތައް އެރިއިރު، މިފަހަރު ކުޅޭ ފިލްމުގައި އެފަދަ އެއްވެސް މަންޒަރެއް ނުކުޅެން މާކުރިން އައިޝްވާރިޔާ ވަނީ ނިންމާފަ އެވެ.

ހަބަރުތައް ބުނާގޮތުން 'ފަންނޭ ޚާން" ކުޅެން އައިޝްވާރިޔާ އެއްބަސްވީ ވެސް ފިލްމުގައި އޭނާ އާއެކު އުޅޭ އެއްވެސް އެކްޓަރަކާ ގައިގޯޅި މަންޒަރުތައް ނުކުޅޭ ގޮތަށް ފިލްމުގެ ޑައިރެކްޓަރާ އެކު އެއްބަސްވެގެންނެވެ.

އަބީޝެކް އާ ކައިވެނިކުރި ފަހުން ފިލްމުތަކުން އައިޝްވާރިޔާ ފެނިގެން ގޮސްފައިވަނީ ވަރަށް މަދުންނެވެ. އަދި އަލަތު ދަރިފުޅު އާރަްޔާ ލިބުމުން އައިޝްވާރިޔާ ވަނީ ފިލްމު ކުޅުމާ ފަސް އަހަރު ދުވަހު ދުރުގައި ހުރެފަ އެވެ.

"ފަންނޭ ޚާން" އަކީ ޑަޗް ފިލްމު "އެވްރީބޮޑީ އިޒް ފޭމަސް" ގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

އަތުލް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.