ހަބަރު

ދަރިއަކު ލިބުމުން އިމްރާން ޖަލުން ގެއަށް

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލުކޮށްފި އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ މިރޭ ދަރިއަކު ލިބުމާ ގުޅިގެންނެވެ.

އަދާލަތު ޕާޓީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޝޭހް އިމްރާންއަށް މިރޭ ފިރިހެން ދަރިއަކު ލިބިފައިވާ ކަމަށާއި އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. އަދި އިމްރާން މިވަގުތު ހުންނެވީ އާއިލާއާ އެކުގައި ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. "އަވަސް"އަށް އެނގިފައިވާ ގޮތުގައި އިމްރާން ގޭބަންދަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިނީ އޭނާއަށް ދަރިއަކު ލިބުމާ ގުޅިގެން ވަގުތީ ގޮތުންނެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އިމްރާން މިދިޔަ ރޯދަ މަހަށް ވެސް ގޭބަންދަށް ބަދަލުކުރި އެވެ. ރޯދަ މަސް ނިމުމާއެކު އަނބުރާ ޖަލަށް ގެންދިޔައީ އެވެ. އޭނާ ކުރިން ބަންދުކޮށްފައި ހުރީ މާފުށީ ޖަލުގައި ސިޔާސީ މީހުން ބަހައްޓާ ޔުނިޓުގަ އެވެ. ނަމަވެސް ރޯދަ މަސް ތެރޭގައި ގޭ ބަންދުގައި ހުރެގެން، ރާއްޖޭ ޓީވީއަށް މައުލޫމާތު ދިނުމާ ގުޅިގެން އޭނާ ވަނީ ބޮޑެތި ކުށްވެރިން ހުންނަ ޔުނިޓަށް ބަދަލުކޮށް ބައެއް އިނާޔަތްތައް ކަނޑާލާފައި ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ. އެ މައްސަލާގައި އަދާލަތު ޕާޓީން އަންނަނީ ވަރަށް ބޮޑަށް ކަނބޮޑުވުން ފާޅު ކުރަމުންނެވެ.