ބޮލީވުޑް

ސަލްމާނާއެކު ޝޫޓިން ނިންމައި ކެޓްރީނާ ޝާހްރުކާއެކު ޝޫޓިންއަަށް

Sep 23, 2017

ބަތަލާ ކެޓްރީނާ ކައިފް އަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ބިޒީ އެއް ބަތަލާ އެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން ޚާނުންނާ އެކު އޭނާ މިހާރު އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ފާއިތުވި ތިން ވަރަކަށް މަސް ދުވަހު އޭނާ ބުރަކޮށް އުޅުނީ ސަލްމާން ޚާނާ އެކު ކުޅުނު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިންގަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައިގެ ގޮތުގައި އުފައްދާ މި ފިލްމުގެ ޝޫޓިން އަބޫދާބީ ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި އިންޑިއާ އަށް އައީ މީގެ ހަތަރު ދުވަސްކުރިންނެވެ.

އެ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު އެނބުރި އިންޑިއާ އަށް އައިސް ކެޓްރީނާ މިވަނީ ޝާހްރުކް ޚާނާ އެކު ކުޅޭ ޑްވާފް ފިލްމުގެ ޝޫޓިން ފަށާފަ އެވެ.

މި ފިލްމަކީ ޝާހްރުކާ އެކު ކެޓްރީނާ ކުޅޭ ދެވަނަ ފިލްމެވެ. ފަސް އަހަރު ފަހުން އަނެއްކާ ވެސް ޝާހްރުކާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމަކީ އުފަލެއް ކަމަށް ކެޓްރީނާ ވަނީ ބުނެފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އާނަންދް އެލް ރާއީ އާއި ޝާހްރުކާ އެކު ނަގާފައިވާ ސެލްޕީއެއް އިންސްޓަގްރާމްގައި ޕޯސްޓްކުރަމުން ކެޓްރީނާ ވަނީ މި ފިލްމަކީ ވެސް މޮޅު އަދި ކާމިޔާބު ފިލްމަކަށް ހަދަން އޭނާ އާއި ޝާހްރުކް ވަރަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމުގައި ޝާހްރުކް އާއި ކެޓްރީނާ އާއެކު މުހިންމު ރޯލަކުން އަނުޝްކާ ޝަރްމާ ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ނަން ވެސް ހާމަނުކުރާތާ ފިލްމުގައި މި ތަރިން ކުޅޭ ރޯލުތަކުގެ މާ ބޮޑު ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއްނުވެ އެވެ.

މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ތިން ތަރިންންގެ ވެސް އެންމެފަހުން ރިލީޒްވި ފިލްމަށް ބޮކްސް އޮފީހުގައި މާ ރަނގަަޅު ކާމިޔާބީއެއް ލިބިފައިނުވާއިރު، ކާމިޔާބު ފިލްމެއް ކުޅެން މިތިން ތަރިން ވެސް މިހާރު ތިބީ ކެތްމަދުވެފަ އެވެ.