ކުޅިވަރު

ޕޮޒިޓިވް ވިސްނުމާއެކު މާޒިޔާއަށް ލީގް ކާމިޔާބު ކުރެވޭނެ

މިވަގުތު ތާވަލުގެ ދެ ވަނައިގައި އޮތް ނަމަވެސް، ޕޮސެޓިވް ވިސްނުމަކާއެކު ކުރިއަށް ގޮސްފިނަމަ، މާޒިޔާއަށް ލީގް ކަމިޔާބު ކުރެވޭނެ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮސްކީ ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި މާޒިޔާ ކުޅޭ ފަހު މެޗުގައި މިއަދު އެ ޓީމު ނިކުންނާނީ އއ. މާޅޮސްއާ ދެކޮޅަށެވެ. މިއަދުގެ މެޗުން މޮޅުވިޔަސް، މާޒިޔާ އަށް ފުރަތަމަ ބުރު ނިންމާލާނީ، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށްވުރެ ދެ ޕޮއިންޓް ފަހަތުގައި އޮވެގެން ނެވެ. ނިއު އެއް ވަނައިގައި އޮތީ 18 ޕޮއިންޓާއެކު އެވެ. މާޒިޔާ އަށް މިއަދުގެ މެޗުން މޮޅުވެގެން ލިބޭނީ 16 ޕޮއިންޓެވެ.

ނަމަވެސް، މާޒިޔާގެ ކޯޗް ސެކްލޮސްކީ ބުނީ، މާޒިޔާގެ ޕޮސެޓިވް ވިސްނުމާއެކު ގޮސް ކުރިއަށް އަށް އޮތް އަށް މެޗު ކާމިޔާބު ކޮށްފިނަމަ މާޒިޔާއަށް ލީގް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އަހަންނަށް އެނގޭ އެއް ކަމެއް އެބައޮތް، އަހަރެން ވާނީ ކުޅުންތެރިނާ ވެސް މި ވާހަކަ ދައްކާފަ ކުރިއަށް އޮތް އަށް މެޗު ކާމިޔާބު ކޮށްފިނަމަ، މާޒިޔާ އަށް ލީގް ލިބޭނެ ކަން ޔަގީން،" ސެކްލޮސްކީ ބުންޏެވެ "ޕޮސެޓިވް ވިސްނުމަކާއެކު މާޒިޔާގެ ސްޓައިލްގައި ކުޅެފިނަމަ މާޒިޔާ އަށް އެކަން ކާމިޔާބު ކުރެވޭނެ."

އޭނާ ބުނީ މާލޭ ލީގްގައި ފުރަތަމަ ކޮޅު މާޒިޔާ ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ފަހުން ގޯސްކޮށް ދިޔަ ނަމަވެސް މާޒިޔާ އަށް ލީގް ކާމިޔާބު ކުރެވުމުން، ދިވެހި ޕްރިމިއާ ލީގްގައި ވެސް އެ އުންމީދު އެބައޮތް ކަމަށެވެ. މިފަހަރުވެސް ލީގްގައި ކުރީކޮޅު މާޒިޔާ ވަރަށް ރަނގަޅަށް ކުޅުނެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމަށް އުނދަގޫ ތަކެއް ކުރިމަތިވި އެވެ. އެ ޓީމަށް އެއް ވަނަ މަގާމު ގެއްލުނީ ޓީސީ އަތުން ބަލިވުމުން ނެވެ. އަދި ހާއްސަކޮށް ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް އަނިޔާވި ފަހުން މާޒިޔާ އިތުރު މައްސަލަ ތައް ކުރިމަތިވި އެވެ.

ސެކްލޮސްކީ ބުނީ، އަސަދުﷲ ނުލައި، މާޒިޔާގެ ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަަމަވެސް، އެހެން ގޮތަކުން ހައްލު ހޯދައިގެންވެސް މާޒިޔާ ރަނގަޅު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ކަލޭ މެންނަށް އެނގޭ ކަމެއް ނުވަތަ ނޭންގޭ ކަމެއް ނޭންގެ، އަހަރެން ވާނީ އެއް މެޗުގައި އަޑޭ [އަސްހަދު އަލީ] ފޯވަޑަކަށް ލައިގެން ކުޅުވަފަ،" ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކޮށް ސެކްލޮސްކީ ބުންޏެވެ. "އަނެއްކާވެސް އަޑޭ ފޯވަޑަކަށް ލައިގެން ނުވަތަ އެހެން ކުޅުންތެރިޔަކު ލައިގެން ވެސް އަހަރެމެންނަށް ހައްލެއް ހޯދި ދާނެ."

އަސަދުﷲ ގެ އިތުރުން، ހުސައިން ނިޔަޒު މުހައްމަދަށް ވެސް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ސެކްލޮސްކީ ބުންޏެވެ.