ބޮލީވުޑް

އަނިލް ކަޕޫރު ދަރިފުޅު ސޯނަމާ އެކު ވެސް ފިލްމެއް ކުޅެނީ

Sep 24, 2017

އަނިލް ކަޕޫރުގެ ތިން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ސޯނަމް ކަޕޫރާއި ހަމައެކަނި ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު (ހަރްޝް) ބައްޕަގެ ފިޔަވަޅު މަތިން ފިލްމު ކުޅެނީ އެވެ. ދެވަނަ އަންހެން ދަރިފުޅު ރީއާ ކަޕޫރަކީ ފިލްމު ޕްރޮޑިއުސަރެކެވެ.

މިދިޔަ އަހަރު ނިކުތް "މިރްޒިޔާ" އިން ބޮލީވުޑަށް ނިކުތް ހަރްޝް، ދެވަނަ ފިލްމުގެ ޝޫޓިން ނިންމައި އޭނާގެ ބައްޕަ އާއެކު އޮލިމްޕިކް ގޯލްޑް މެޑަލިސްޓް އަބިނަވް ބިންދްރާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ފެނިގެންދާނެ އެވެ. އެ ފިލްމުގައި އަނިލް ފެނިގެންދާނީ ހަރްޝްގެ ބައްޕަގެ ރޯލުންނެވެ.

ހަރްޝް އާއެކު ފިލްމެއް ކުޅެން އަނިލް އެއްބަސްވެފައިވާއިރު 2007 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އަންހެން ދަރިފުޅި ސޯނަމާ އެކު ފިލްމެއްގެ މަސައްކަތް މިހާތަނަށް ކޮށްފައެއްނުވެ އެވެ.

ސޯނަމް ވަނީ އަނިލް އާއި ރީއާ ޕްރޮޑިއުސްކުރި "އައިޝާ" އާއި "ހޫބްސޫރަތް" ގެ ލީޑްރޯލު ކުޅެފަ އެވެ. އަދި މިހާރު ޝޫޓިން ކުރިއަށްދާ "ވީރޭ ދި ވެޑިން" އަކީ ވެސް އަނިލް ވެސް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ހަރްޝް އާއެކު ފިލްމެއް ކުޅެން އަނިލް އެއްބަސްވިތާ މާގިނަ ދުވަހެއް ނުވަނީސް ސޯނަމް އާއެކު ވެސް ފިލްމެއް ކުޅެން ހުށަހެޅުން ލިބިފައިވާ ކަމަށްވެ އެވެ. ވިދޫ ވިނޯދް ޗޯޕްޅާގެ ކޮއްކޮ ޝެލީ ޗޯޕްޅާ އަލަށް ޑައިރެކްޓްކުރާ ފިލްމުގައި ބައްޕަ އާއި އަންހެން ދަރިފުޅުގެ ރޯލުން ހުށަހަޅައި އެ ދެބަފައިން މި ފިލްމު ކުޅެން މިހާރު އެއްބަސްވެފައިވާ ކަމަށް ހަބަރުތައް ބުނެފަ އެވެ.

އަނިލް އާއި ސޯނަމް، ޝެލީގެ ފިލްމުން ފެނިގެންދާ ކަމުގެ ވާހަކަތައް ދެކެވެމުން އައި ނަމަވެސް އޭނާ ވަނީ މިހާރު ފިލްމުގެ ތަރިން ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުން ދާތީ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އަދި ބޭނުންނުވާ ކަމަށެވެ.

"އެ ފިލްމު ކުޅެން ހަމަޖައްސާ ތަރިން ވަރަށް އަވަހަށް އިއުލާންކުރާނަން،" ޝެލީ ބުނެފައިވެ އެވެ.

ޝެލީ ޑައިރެކްޓްކުރާ ފިލްމަކީ ބައްޕަ އާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ފެނިގެންދާނެ ފިލްމެކެވެ. ބުނެވޭ ގޮތުގައި ކުރިން މި ފިލްމުގައި ބައްޕަގެ ރޯލު ކުޅެން ހުށަހެޅީ ސަންޖޭ ދަތަށެވެ. ނަމަވެސް މި ފިލްމު ދޫކޮށް ބޮލީވުޑަށް އެނބުރި އައި ފިލްމެއްގެ ގޮތުގައި ސަންޖޭ ކުޅެން ނިންމީ އޮމަންގް ކުމާރުގެ "ބޫމީ" އެވެ.

"މާކޯ ބައޫ" ނަމަކަށް ކިޔާ މި ފިލްމު ސޯނަމް އާއި އޭނާގެ ބައްޕަ އަނިލް ކުޅޭނަމަ، އަންނަ އަހަރުގައި އޭނާގެ ދެ ދަރިންނާއެކު ކުޅެފައިވާ ދެ ފިލްމެއް ރިލީޒްވާނެ އެވެ.

ސޯނަމް މިހާރު އަންނަނީ "ވީރޭ ދި ވެޑިން" އާއި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަަސައްކަތް ކުރަމުންނެވެ. އަދި އަނިލް އަންނަނީ އައިޝްވާރިޔާ ރާއީ އާއި ރާޖް ކުމާރު ރާއޯ އާއެކު "ފަންނޭ ޚާން" ޝޫޓްކުރަމުންނެވެ.