ހަބަރު

30 ދައުވާއަށް ޖަވާބުދާރީވާން ޒިޔަތަށް ފުރުސަތު ދީފި

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދީފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ 30 ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޒިޔަތަށް ޖަވާބުދާރީވުމަށް މުއްދަތެއް ދެއްވާފަ އެވެ. އެގޮތުން ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ޒިޔަތު މިއަދުގެ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާއެކު އެވެ.

މިއަދުގެ އަޑުއެހުމުގައި ޒިޔަތުގެ މައްޗަށް ކުރާ ދައުވާތައް އިއްވާފައެއް ނުވެ އެވެ.

އަލަށް ޒިޔަތުގެ މައްޗަށް 30 ދައުވާއެއް އުފުލާފައިވާއިރު އޭގެ ތެރެއިން ބައެއް ދައުވާ ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އަނެއް ދައުވާތައް އުފުލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

ހިޔާނާތުގެ ދައުވާއެއް ސާބިތުވެ މިހާރު ވެސް ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ގިނަ ދައުވާތަކެއް އުފުލާފަ އެވެ.