ހަބަރު

ސަސްޕެންޑްކުރި ވަކީލުން ޑީޖޭއޭއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ސުޕްރީމް ކޯޓަށް ކަންބޮޑުވުންތަކަކާއެކު ޕެޓިޝަނެއް ހުށަހެޅުމުން ސަސްޕެންޑްކުރި ވަކީލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. އެ މައްސަލަ ވަކީލުން ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ދެކޮޅަށެވެ.

ސިވިލް ކޯޓަށް ވަކީލުން ހުށަހެޅި މައްސަލާގައި އެދިފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ވަކީލުން ސަސްޕެންޑްކުރުމުގެ ބާރު ލިބިގެންވާ އިދާރާއެއް ނޫން ކަމަށް ކަނޑައަޅާދިނުމަށެވެ.

ގިނަ އަދަދެއްގެ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން 54 ވަކީލުން ސަސްޕެންޑްކޮށްފައިވާއިރު އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވަލައި އިތުރު 35 ވަކީލެއް ސޮއިކުރައްވައި، ވަނީ އިތުރު ޕެޓިޝަނެއް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށްފަ އެވެ. ނަމަވެސް ވަކީލުން ސަސްޕެންޑްކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ގޮތަށް ސުޕްރީމް ކޯޓަށް ދޮށަށް އެއްވެ ހަރަކާތްތަކެއް އެ ވަކީލުން ހިނގާފައިވާތީ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.