ބޮލީވުޑް

ފަހު ވަގުތު އަބީޝެކް "ޕަލްޓަން" ދޫކޮށްލައިފި

Sep 25, 2017

ކާމިޔާބު ހިންދީ ފިލްމު "ބޯޑަރ" ރިލީޒް ކުރިތާ 20 އަހަރު ފުރުނު ދުވަހު އެ ފިލްމުގެ ޑައިރެކްޓަރު ޖޭޕީ ދައްތާ ވަނީ އަބީޝެކް ބައްޗަން އާއެކު އަނެއްކާ ވެސް ހަނގުރާމަޔާ ގުޅޭ ފިލްމެއް އުފައްދަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

"ޕަލްޓަން" ނަމަކަށް ކިޔާ އެ ފިލްމު އުފައްދާކަން އިއުލާންކުރި އިރު އަބީޝެކް ވަނީ މީގެކުރިން ޖޭޕީގެ "ރެފިއުގީ" އާއި "ލޮކް" އަދި "ކާގިލް" އާއި "އުމްރާން ޖާން" ގައި ފެނިގެން ގޮސްފަ އެވެ.

މިދިޔަ އަހަރު ނިކުތް "ހައުސްފުލް 3" އަށް ފަހު އިތުރު ފިލްމެއް އަބީޝެކް ކުޅެފައެއްނުވެ އެވެ. އަބީޝެކްގެ ފިލްމެއް ރިލީޒްނުވާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު "ޕަލްޓަން" ފިލްމު ތައާރަފްކޮށްދީފައިވަނީ ވެސް އޭނާ ކުރި ޓްވީޓެއްގަ އެވެ.

މި ފިލްމުގެ މުހިންމު ރޯލަކުން އަބީޝެކް ވެސް ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެންމެފަހު ވަގުތު އޭނާ މިވަނީ ފިލްމު ދޫކޮށްލާފަ އެވެ. އަބީޝެކް މި ފިލްމު ދޫކޮށްލިކަން ހާމަކުރަން ޖޭޕީގެ ދަރުފުޅު ނިދީ ދައްތާ ބޮލީވުޑްގެ ނޫސްތަކަށް ބުނެފައިވަނީ އަމިއްލަ ސަބަބުތަކަކާ ހެދި އޭނާ މި ފިލްމު ދޫކޮށްލާފައިވާ ކަމަށެވެ.

"އަމިއްލަ ސަބަބުތަކެއް ހުރެގެން އޭނާ މި ފިލްމު ދޫކޮށްލާފައިވާކަން ވަނީ އަންގާފައި. މުޅި ފިލްމުގެ ޓީމަށް ލިބުނީ ބޮޑު ޝޮކެއް. އަބީޝެކް ފިލްމު ނުކުޅެވޭނެކަން އެންގިއިރު ފިލްމުގެ ކްރޫ އާއި ކާސްޓުން ތިބީ މިއަދުގެ ފިލްމުގެ ޝޫޓިން ފަށާތީ ލަޅަކްގައި. އެންމެފަހު ވަގުތު ފިލްމު ދޫކޮށްލުމުން މިއީ ދެރަވާ ކަމެއް،" ނިދީ ބުނެފައިވެ އެވެ.

ފިލްމުގައި ކޮންމެ ރޯލެއް ވެސް ކުޅޭ ތަރިއެއް ހަމަޖައްސަނީ ވަރަށް ގިނަ ބެލުންތައް ބެލުމަށްފަހު ކަމަށް ބުނަމުން ނިދީ ވަނީ އަބީޝެކް ކުޅެން ހަމަޖެހިފައި އޮތް ރޯލު ދެން ކުޅޭނެ ތަރިއެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އިންޑޯ-ޗައިނާގެ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ މުހިންމު ރޯލުތަކުން ސުނިލް ޝެޓީ، އަރްޖުން ރާމްޕަލް، ސޮނޫ ސޫދް، ޕުލްކިތް ސަމްރާޓް، ސިދާންްތް ކަޕޫރު، ގުރްމީތް ޗައުދަރީ، ޖިމީ ޝެރްގިލް އާއި ޖެކީ ޝްރޮފް އަދި ލަވް ސިންހަ ފެނިގެންދާނެ އެވެ.

"ޕަލްޓަން" އާ ގުޅޭގޮތުން ވާހަކަދައްކަމުން ގޭޕީ ވަނީ އެ ފިލްމަކީ އިންޑިއާގެ ތަރީހާ ވަރަށް ބޮޑަށް ގުޅޭ އަދި ގައުމަށްޓަކައި ޝަހީދުވެފައިވާ އެތަކެއް ސިފައިންނެއްގެ އަގުހުރި ހިދުމަތް ފެނިގެންދާނެ ފިލްމެއް ކަމަށެވެ.