ހަބަރު

މަކުނުދޫ ފަޅު ތެރޭގައި ބޮޑު މިޔަރެއް އުޅޭތީ ސަމާލުވާން އަންގައިފި

ރާއްޖޭގެ އެންމެ އުތުރުން ހުޅަނގަށް އޮންނަ ހދ. މަކުނުދޫ ފަޅު ތެރޭން ބޮޑު މިޔަރެއް ފެންނާތީ އެކަމަށް ސަމާލުވާން އެ ރަށު ކައުންސިލުން ރައްޔިތުންނަށް އަންގައިފި އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ، އިއްޔެ އާއި މިއަދު ވެސް ބައެއް މީހުންނަށް ރަށުގެ ފަޅު ތެރެއިން މިޔަރެއް ފެނިފައިވާ ކަމަށެވެ. އެ މިޔަރު ފެނުނު މީހުންނާ ހަވާލާދީ ޝާކިރު ވިދާޅުވީ، އެއީ ގާތްގަނޑަކަށް އަށް ފޫޓް ދިގުމިނުގައި ހުންނަ މިޔަރެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލެއް މިޔަރެއް ކަމެއް އަދި ނޭނގެ އެވެ.

"ބޮޑު މިޔަރެއް ފެންނަނީ، ހަމަލާދޭ ކަހަލަ، ހަތަރު ވަރަކަށް މީހަކަށް ފެނިފައިވަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ، އެ މިޔަރު ފެންނާތީ، މަސްވެރިންނަށާއި މޫދަށް އެރި އުޅޭ މީހުންނަށް ސަމާލުވުމަށް އަންގާފައިވާނެ ކަމަށެވެ. އަޑުގަދަކުރާއިން ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަކުނުދޫ ފަޅު ތެރެއިން މިޔަރެއް ފެނިފައިވާއިރު ރަށުގެ ބޭރު މަތިން ވެސް މިޔަރު ފެނި، މަސްވެރިކަމަށް އުނދަގޫތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށް ޝާކިރު ވިދާޅުވި އެވެ.