ހަބަރު

ގައުމަށް ނުރައްކަލެއް އޮތްނަމަ ހާމަކުރަން ގޮވާލައިފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ލައިވް ހަތިޔާރާއެކު ކުއްލިއަކަށް ސިފައިން ހަރަކާތްތެރިވާން ފެށި ސަބަބު ސަރުކާރުން ހާމަކޮށްދޭން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ. އިއްޔެއިން ފެށިގެން އެއާޕޯޓްގައި ހަތިޔާރާއެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އަމީތު ވިދާޅުވީ، ކުއްލިއަކަށް ރާއްޖޭގެ އެއާޕޯޓްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ލައިވް ހަތިޔާރާއެކު މީގެކުރިން ދުވަހަކު ވެސް ރާއްޖޭގެ އެއާޕޯޓެއްގައި ސިފައިން ހަރަކާތްތެރިވެފައިނުވާ ކަމަށެވެ.

"އެހެންކަމުން ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް އަންނަންޖެހުނު ކޮންމެވެސް ސަބަބެއް އޮންނަން ވާނެ، ލައިވް ވަޒަނާއެކީގަ ލައިވް ހަތިޔާރާއެކީ، ސިފައިން އެއާޕޯޓްގަިއ ކުއްލިއަކަށް ހަރަކާތްރިވާން ޖެހުނީ ކީއްވެގެންތޯ މިއީ ހަމައެކަނި އަޅުގަނޑުމެންގެ ހިތުގައި އުފެދޭނެ ސުވާލެއް ނޫން، އެ އެއާޕޯޓަކީ ފަތުރުވެރިކަމުގެ މައި ދޮރާށި، ހަތިޔާރާއެކީގަ ފަތުރުވެރިންނަށް މަރުހަބާ ކިޔާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެގެން ދާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އިއްޔެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތެއް ސަލާމަތީ ބާރުތަކަށް ލިބިފައިނުވާ ކަމަށް ކަމަށެވެ. ނަމަވެސް މިއަދު މީޑިއާއިން ލިބުނު މައުލޫމާތަކީ އައިއެސްއާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުން ދިޔަ ދިވެއްސަކު ހައްޔަރުކުރި ހަބަރު ކަމަށް އަމީތު ވިދާޅުވި އެވެ. މިކަންކަމަކީ އާންމު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އިތުރުވާނެ ކަންކަމަށްވާތީ ރައްޔިތުންނަށް ސަރުކާރުން ވާނުވާ އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް އަމީތު ވިދާޅުވި އެވެ.

"ވާނުވާ ނޭނގޭ ގޮތަށް ކަންބޮޑުވުންތަކެއްގެ ތެރޭގައި ރައްޔިތުން ގެންގުޅިގެން ނުވާނެ، ހަގީގަތް ހާމަކޮށްދޭން ޖެހޭނެ، އިންޓެލިޖެންސް މައުލޫމާތެއް ތިމަންނާމެންނަށް ނުރައްކަލެއް އެބައޮތް ކަމުގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިފައި އޮތްނަމަ އެ މިންވަރު ހާމަކޮށްދެއްވަން ވާނެ ނޫންތޯ؟" އަމީރު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އެ މައުލޫމާތަކީ ރައްޔިތުންނާއި މީޑިއާއަށް ހާމަކުރާ ވަރަށްވުރެ ނާޒުކު މައުލޫމާތަކަށްވާނަމަ އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހާމަކޮށްދިނުމަށް އެދޭ ކަމަށެވެ. އެފަދަ މައުލޫމާތު ހާމަކުރެވޭނެ ކޮމިޓީތައް މަޖިލީހުގައި އެބަހުރި ކަމަށް އަމީތު ވިދާޅުވި އެވެ. އެންމެ ކުޑަމިނުން އެވަރު ކޮށްދިނުމަށް ސަރުކާރަށް އަމީތު ގޮވާލެއްވި އެވެ.