ހަބަރު

މީހުންގެ މެރުމުގެ ޖަރީމާތައް ހުއްޓުވަން ސަރުކާރު ވަނީ ނުކުޅެދިފަ: އަމީތު

ގަސްތުގައި މީހުން މެރުމުގެ ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވާއިރު އެ ޖަރީމާތައް ހުއްޓުވަން ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ، ގަސްތުގައި މީހުން މެރުމުގެ ހާދިސާތައް އެންމެ ގިނައީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެފަދަ 26 ހާދިސާ ހިނގާފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މާލެއަކީ މާބޮޑު ތަނެއް ނޫން، މާލޭގެ ހުރިހާ ސަރަހަދެއްގަ ފުލުހުން ސީސީޓީވީ ފްޓޭޖް ހަރުކޮށްފައި ވަނީ، މާލޭގަ ފުލުހުން ބޭނުންވާ އިންޓެލިޖެންސް ރިޕޯޓް އެބަ ހޯދައްވާ ސިޔާސީ ބޭބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށްޓަކައި، އިންޓެލިޖެންސް ރިޕޯޓް ވަރަށް ގިނަ ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގަ، އެހެންނަމަވެސް އަޅުގަނޑުމެން ހިތާމަ ކުރާ ކަމަކީ އާންމު ރައްޔިތުންނާ ދެކޮޅަށް މިގޮތަށް ހިންގޭ ބޮޑެތި ޖަރީމާތައް ހިންގޭ ވަގުތު ތަހުގީގުކުރަން ޖެހޭ ވަގުތު އިންޓެލިޖެންސް މައުލޫމާތު ވެސް ނުލިބޭތީ، އަދި ސީސީޓީވީ ފްޓޭޖުން ވެސް ވީގޮތް ނޭނގޭތީ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ބޮޑެތި މަރުގެ ހާދިސާތައް ހިނގާދާއިރު އިންސާފު ލިބުން ވެސް އެހާ ލަސް ކަމަށެވެ. ބޮޑެތި ޖަރީމާތަކުގައި ނިކަމެތިވާ އާއިލާތަކަށް އިންސާފު ނުލިބުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މަގުމަތީގައި ހިންގޭ ޖަރީމާތައް ނުހުއްޓުވޭނަމަ މާލެ ވެގެންދާނީ ނާމަން ރަށަކަށް ކަމަށް އަމީތު ވިދާޅުވި އެވެ.

"މިކަންކަމުގެ ޒިންމާ ސަރުކާރު ނަގަން އެބަޖެހޭ، އަޅުގަނޑުމެން ކުށްވެރިކުރަން ސަރުކާރަށް މިގޮތަށް ހިންގޭ ބޮޑެތި ޖަރީމާތައް ހުއްޓުމަކަށް ގެނެވިފައިނުވާކަން، މަރުގެ ހާދިސާތައް ތަހުގީގުނުކޮށް އެކަމުގައި ބައިވެރިވާ މީހުން ހައްޔަރު ނުކޮށް އިންސާފު ކުރި މައްޗަށް ނުގެނައުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން، ގަބޫލު ކުރެވޭނެ ކަމެއް ވެސް ނޫން،" އަމީތު ވިދާޅުވި އެވެ.

ދިރިހުރުމާއި ދިރިއުޅުމުގެ ހައްގަކީ ކޮންމެ އިންސާނަކަށް ވެސް ލިބިފައިވާ ހައްގަކަށްވާއިރު ސަލާމަތްކަން މަތީ ދިރިއުޅުމުގެ ހައްގު މިހާރު މާލޭގައި ނެތް ކަމަށް އަމީތު ވިދާޅުވި އެވެ. ދިރިހުރުމާއި ދިރިއުޅުމުގެ ހައްގު ވެސް މިދަނީ ނިގުޅައިގަންނަމުން ކަމަށެވެ. އެހެންކަމުން ސަރުކާރުން އެންމެ އިސްކަމެއް ދޭންވީ ކަމަކީ މާލެއަކީ އަމާން ތަނަކަށް ހަދައި އަމާންކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދައިދިނުން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

ރޭ މާލޭގައި ވަޅި ޖަހައި ދެ ޒުވާނަކު ޒަހަމްކޮށްލިއިރު އޭގެ ތެރެއިން 19 އަހަރުގެ ޒުވާނާ ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ. މިދިޔަ ޖުލައި މަސް ތެރޭގައި ހިނގި ގްރޫޕް މާރާމާރީތަކުގައި ދެ ޒުވާނަކު މަރާލާފައިވެ އެވެ.