ބޮލީވުޑް

"ރޭސް 3" ގައި ޖެކުއަލީން ފުލުހެއްގެ ގޮތުގައި

Sep 25, 2017

"ރޭސް" ސިލްސިލާގެ ތިން ވަނަ ފިލްމުގައި މި ސިލްސިލާގެ ކުރީ ދެ ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ ސައިފް އަލީ ޚާންގެ ބަދަލުގައި ފެނިގެންދަނީ ސުޕަސްޓާ ސަލްމާން ޚާނެވެ.

ސަލްމާން އެންމެފަހުން ކުޅެން ފެށި "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެނބުރި އިންޑިއާ އަށް އައިސްފަ އެވެ.

އަންނަ މަހުގެ ތެރޭގައި ސަލްމާން "ރޭސް 3" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ "ރޭސް 2" ގައި ވެސް ފެނިގެން ދިޔަ ޖެކުއަލީން ފާނެންޑޭޒް އެވެ.

ސަލްމާނާއި ޖެކުއަލީން އާއެކު "ރޭސް 3" ގައި މި ސިލްސިލާގެ ކުރީގެ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެއްވެސް ތަރިޔަކު ފެނިގެންނުދާނެކަން މިވަނީ ޔަގީންވެފަ އެވެ. "ރޭސް" އާއި "ރޭސް 2" ގައި ފުލުހެއްގެ ރޯލަުން ފެނިގެންދިޔަ އަނިލް ކަޕޫރުގެ ބަދަލުގައި އެ ރޯލުން ފެނިގެންދާނީ ޖެކުއަލީން އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން "ރޭސް 3" ގައި ޖެކުއަލީން ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އަދި މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ވެސް މިފަދަ ރޯލެއް ކުޅޭ ފުރަތަމަ ފަހަރެވެ. ދެހާސް ނުވަ ވަނަ އަހަރު ބޮލީވުޑަށް ނިކުތް ޖެކުއަލީން މިހާތަނަށް ވެސް ކުޅެފައިވަނީ ވަރަށް މަޖާ މިޒާޖުގެ އަންހެން ކުއްޖެއްގެ ރޯލެވެ.

ބުނެވޭ ގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ފިލްމުގެ ކާސްޓުން ބަދަލުކުރަން ބޭނުންވި ގޮތަށް ފުލުސް އޮފިސަރުގެ ރޯލު ވެސް ބޭނުންވީ މުޅިން އާ ތަރިއެއް ލައްވާ ކުޅޭށެވެ. އެގޮތުން އެ ރޯލު ކުޅެން ޖެކުއަލީން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ރެމޯ ޑިސޫޒާ އެވެ.