ކުޅިވަރު

ސީލައިފާއި މޯލްޑިވިއަން ދެވަނަ ބުރުގެ ފެށުން ރަނގަޅު

Sep 25, 2017

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެ ވަނަ ބުރުގައި، ސީލައިފް ސްޕޯޓްސް ކުލަބާއި މޯލްޑިވިއަން ރެކްރިއޭޝަން ކުލަބު ކުޅުނު މެޗުތައް ކާމިޔާބު ކޮށް ދެ ވަނަ ބުރުގެ ފެށުން ވެސް ރަނގަޅު ކޮށްފި އެވެ.

އިއްޔަ ހަވީރު ފެށި ޕޯލް ސީ ނުވަތަ ދެ ވަނަ ބުރުގެ ފުރަތަމަ މެޗު ސީލައިފް ކާމިޔާބު ކުރީ ޕޮލިސް ކުލަބާ ވާދަ ކޮށް 3-2 ސެޓުން ނެވެ.

ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ ޕޮލިހެވެ. އެ ދެ ސެޓް އެ ޓީމު ކާމިޔާބު ކުރީ 25-22 އަދި 25-15 އިން ނެވެ. ޖެހިގެން އައި ތިން ވަނަ ސެޓް ކާމިޔާބު ކޮށް، ޕޮލިހަށް މެޗު ކާމިޔާބު ކުރެވެން އޮތް ނަމަވެސް، ވަރަށް ވާދަވެރިކޮށް ދިޔަ އެ ސެޓް ކާމިޔާބު ކޮށް ސީލައިފް މެޗުގެ ތެރެއަށް ވަނެވެ. އެ ސެޓް އެ ޓީމު ކާމިޔާބު ކުރީ، 28-26 ން ނެވެ. ޖެހިގެން އައި ދެ ސެޓް ކާމިޔާބު ކޮށް، ދެ ވަނަ ބުރުގެ ފެށުންވެސް ސީލައިފް ރަނގަޅަށް ފެށިއެވެ. ފަހު ދެ ސެޓް ސީލައިފް ކާމިޔާބު ކުރީ، 25-20 އަދި 15-10 އަކުން ނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސީލައިފްގެ މުބާޝިރު ރަޒާ އެވެ.

ދެ ވަނަ ބުރުގެ ދެ ވަނަ މެޗު، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ވާދަ ކޮށް މޯލްޑިވިއަން ވެސް މެޗު ކާމިޔާބު ކުރީ 3-2 ސެޓުން ނެވެ.

މެޗުގެ ފުރަތަމަ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ، 25-23 ން ނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓް ކާމިޔާބު ކުރީ ޑީއެސްސީ އެވެ. އެ ދެ ސެޓް އެ ޓީމު ކާމިޔާބު ކުރީ 25-23 އަދި 28-26 ން ނެވެ. މޯލްޑިވިއަން މެޗު ކާމިޔާބު ކުރީ ފަހު ދެ ސެޓް ކާމިޔާބު ކޮންގެންނެވެ. އެ ސެޓްތައް ކާމިޔާބު ކުރީ 25-20 އަދި 15-10 ން ނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ މުރާދު ޖީހަން އެވެ.

މުބާރާތުގެ ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ގަދަ ދެ ޓީމެވެ. އަނެއް ދެ ޓީމު ތިން ވަނަ ހޮވާ މެޗުގައި ކުޅޭނެ އެވެ. ދެ ވަނަ ބުރުގައި ކޮންމެ ޓީމެއްވެސް އެއްޓިމު އަނެއް ޓީމާ ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ސީލައިފާއި ޑީއެސްސީ އެވެ. މިރޭ ކުޅޭ މެޗުގައި މޯލްޑިވިއަން ނިކުންނާނީ ޕޮލިހާ ދެކޮޅަށެވެ.

މިއަދާއި މިރޭ ކުޅޭ މެޗުތައް ކާމިޔާބު ކޮށް، ސީލައިފާއި މޯލްޑިވިއަން އަށް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލެވޭނެ އެވެ.