ބޮލީވުޑް

"ބިގް ބޮސް 11" ގައި އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

Sep 25, 2017

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އެގާރަ ވަނަ ސީޒަން އަންނަ މަހުގެ އެއް ވަނަ ދުވަހު ދައްކަން ފަށާނެ އެވެ. މިފަހަރުގެ ވެސް ސީޒަން ހުށަހަޅައިދެނީ ސުޕަސްޓާ ސަލްމާން ޚާން އެވެ. މިއީ ސަލްމާން ހުށަހަޅައިދޭ ބިގް ބޮސްގެ އަށް ވަނަ ސީޒަނެވެ.

ސަލްމާން "ބިގް ބޮސް' ހުށަހަޅައިދޭތީ މި ޝޯ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭއިރު ކޮންމެ ސީޒަނާ އެކު އޭނާ ޝޯ ހުށަހަޅައިދޭ އަގު އަންނަނީ ބޮޑު ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ސީޒަން ހުށަހަޅައިދޭން ސަލްމާން އެއްބަސްވެފައިވަނީ ރެކޯޑް އަގަކަށެވެ. ހުށަހަޅައިދޭ ކޮންމެ އެޕިސޯޑަކަށް އޭނާ 11 ކްރޯޑް (1.5 މިލިއަން ޑޮލަރު) އެވެ. މިއީ ފާއިތުވި އަހަރުގެ ސީޒަނަށް ވުރެން 3 ލައްކަ ޑޮލަރު ބޮޑު އަގެކެވެ.

އެޕިސޯޑަކަށް 1.5 މިލިއަން ޑޮލަރު ސަލްމާން ޗާޖްކުރާނަމަ މި އަހަރުގެ ސީޒަން ނިމޭއިރު އޭނާ އަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭނެ އެވެ. އަދި މި އަގުގައި އޭނާ މި ސީޒަން ހުށަހަޅައިދޭނަމަ އޭނާ އަކީ އެންމެ އަގު ބޮޑު ފީއެއްގައި ޓީވީގައި މަސައްކަތްކުރާ ތަރި އެވެ.

ބޮލީވުޑްގެ ތަރިންނާއި ޓީވީ ތަރިން އަދި މޮޑެލުންގެ އިތުރުން މަޝްހޫރު ފަރާތްތައް އެއް ގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހޭ މި ޝޯ އަކީ އެމީހުންނާ ހަވާލުކުރާ އެކި ޓާސްކްތައް ފުރިހަމަކޮށްގެން ގޭގައި ދިރިއުޅެން ޖެހޭ ޝޯ އެކެވެ. ކޮންމެ ހަފްތާ އަކު ހަވާލުކުރާ ޓާސްކް ފުރިހަމަނުކުރާ ފަރާތްތަކާއި ގޭގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ މީހުން ގެއިން ބޭރުކުރަން ނޮމިނޭޓްކޮށްގެން އާންމުންގެ ވޯޓުން މީހުން ގެއިން ބޭރުކުރެވޭ އުސޫލު އޮންނަ މި ޝޯ އަކީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ ޝޯ އެކެވެ. ޝޯ ނިމެންދެން ގޭގައި ސަވައިވްވާ ތިން ފައިނަލިސްޓުންގެ ތެރެއިން އެއްވަނަ އަށް ދާ ފަރާތަކަށް ފައިސާގެ ބޮޑު އިނާމެއް ވެސް ލިބެ އެވެ.

"ބިގް ބޮސް" ސީޒަން 11 ފެށެން ހަފްތާއަކަށް ވެފައިވީ ނަމަވެސް މި އަހަރުގެ ސީޒަނުގައި ފެނިގެންދާނެ ތަރިން އަދި ހާމަކޮށްފައެއްނުވެ އެވެ.